ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މަންމާފުޅު އަވަހާރަވީތާ މާގިނައިރުތަކެއް ނުވެ ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްސަލަ ތާވަލްކޮށް އެމަނިކުފާނަށް ޗިޓެއް ފޮނުވައިފި އެވެ.

ރައީސް ޔާމީންގެ މަންމާފުޅު އަވަހާރަވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. އޭގެ ހަތަރު ވަރަކަށް ގަޑިއިރުފަހުން މިއަދު މެންދުރު ފަހު 1:00 ހާއިރު ކްރިމިނަލް ކޯޓުން ވަނީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާ ކުރާ ރ. ފުއްގިރި މައްސަލަ ބުދަ ދުވަހަށް ތާވަލްކޮށް އެމައްސަލައިގެ އަޑުއެހުމަށް ހާޒިރުވުމަށް އެމަނިކުފާނަށް ޗިޓް ފޮނުވާފަ އެވެ.

ރައީސް ޔާމީންގެ މަންމާފުޅު ފާތިމަތު މަނިކެ އަވަހާރަވެފައިވަނީ އަވަށްޓެރި ސްރީލަންކާގަ އެވެ. އެބޭފުޅާ އަވަހާރަވީ އާލަސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ.

ރައީސް ޔާމީންގެ މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތު އެމަނިކުފާނަށް ލިބިވަޑައިގަންނަވަން ޖެހޭކަމަށާއި އެމަނިކުފާނަށް އެ ފުރުސަތު ހޯދައި ދިނުމަށް ގިނަ ފަރާތްތަކަކުން ވަނީ ގޮވާލާފަ އެވެ.

އުމުރުފުޅުން 86 އަހަރުގައި ފާތިމަތު މަނިކެ އަވަހާރަވީ އާލަސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ. އަވަހާރަވީ އިރު ދިރިއުޅުއްވަމުން ގެންދެވީ ރައީސް ޔާމީންގެ ކޮއްކޯފުޅު މުސްލިމާ އަބްދުލް ޤައްޔޫމް އަރިހުގައި ސްރީލަންކާގަ އެވެ.

ވ. އާރަށް މައްސަލައިގައި ރައީސް ޔާމީން ތަންފީޒު ކުރައްވަމުން ގެންދަވާ 11 އަހަރުގެ ޖަލު ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައި އޮތް ނަމަވެސް ސަރުކާރުގެ ނުފޫޒުން މައްސަލަ ލަސްކުރާ ކަމަށް އިދިކޮޅުން ތުހުމަތުކުރެ އެވެ.