ކޮވިޑަށް ރާއްޖެއިން ޕޮޒިޓިވްވި އަދަދު މިއަދު ވެސް 100 އިން ތިރިއަށް ހިނގައްޖެ އެވެ.

މިއީ ޖެހިޖެހިގެން ނަމްބަރު 100 އިން ތިރީގައި ހުންނަތާ ތިންވަނަ ދުވަހެވެ. ކޮވިޑަށް މިއަދު މުޅި ރާއްޖެއިން ޕޮޒިޓިވްވީ 66 މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ 50 ދިވެހިންނާއި 16 ބިދޭސީންނެވެ.

މީގެ ތެރެއިން މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 63 މީހުންނެވެ. އަދި ޕޮޒިޓިވްވެފައި ތިބި މީހުންގެ ތެރެއިން އިތުރު 271 މީހަކު ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

މި އަދަދުތަކާ އެކު، މިހާތަނަށް ރާއްޖޭން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 8،900 އަށް އަރައިފަ އެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 6،559 އަށް އިތުރުވެފަ އެވެ. އެހެންވެ އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ވަނީ 2،304 އަށް ތިރިވެފަ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ކޮވިޑަށް ޕޮޒިޓިވް މީހުންގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބި މީހުންގެ އަދަދު އިއްޔެ 127 ގައި ހުރުމަށް ފަހު މިއަދު ވަނީ 134 އަށް އިތުރުވެފަ އެވެ. ޕޮޒިޓިވްވާ ހައި ރިސްކް މީހުން ގިނަކަމުން، އެޑްމިޓްކޮށް ގާތުން ބަލަންޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވި ނަމަވެސް މިދިޔަ ހަފުތާއެއްހާ ދުވަހު އެ އަދަދު ދިޔައީ މަޑުމަޑުން ދަށްވަމުން އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މާލެ ފިޔަވައި 25 ރަށެއްގައި 91 މީހުން ޕޮޒިޓިވްވެފައި އެބަތިއްބެވެ. މީގެ އިތުރުން 22 ރިސޯޓެއްގައި 17 ޓޫރިސްޓުންނާއި 41 މުވައްޒަފުން ވެސް ޕޮޒިޓިވްވެފައިވެ އެވެ.

މި ބަލީގައި މިހާތަނަށް 31 މީހަކު ވަނީ މަރުވެފަ އެވެ.