ޕީއެންސީގެ ރިޔާސީ ޓިކެޓަށް މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޝައުގުވެރިކަން ފާޅުކޮށް، ޓިކެޓަށް ފައި ނަގައިފި އެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާ ގުޅިގެން އިންތިހާބުގައި ވާދަ ކުރުމުގެ ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެން "ބެކަޕް ކެންޑިޑޭޓް"އެއްގެ ގޮތުގައި ޕީއެންސީން ކެންޑިޑޭޓަކު ނެރުމަށް އެމަނިކުފާނު ވަނީ އަންގަވައިފަ އެވެ.

ޕީޕީއެމާ އެކު ކޯލިޝަނެއްގެ ގޮތުގައި މަސައްކަތްކުރާ ޕީއެންސީން ރިޔާސީ ކެންޑިޑޭޓަކު ވާދަކުރައްވަން ނިންމީ ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް ޔާމީނަށް އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭނެ ހާލަތެއް މެދުވެރިވެއްޖެ ނަމަ ކޯލިޝަންގެ ކެންޑިޑޭޓެއް ނެރުމަށެވެ.

ޕީއެންސީގެ ރިޔާސީ ޓިކެޓަށް ނަންތަކެއް ހުށަހަޅަން ވާހަކަދެކެވުމާއެކު އެންމެ ފުރަތަމަ އެކަމަށް ހަރަކާތްތެރިވާން ފެށީ ޕީޕީއެމްގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ފާޅުކޮށް، އެ ޕާޓީ ތެރޭގައި ފެށުނީއްސުރެ ކެމްޕޭންކުރަމުން ގެންދާ މުއިއްޒާއި ރައީސް ޔާމީންގެ ސަރުކާރުގައި އެންމެ އުނދަގޫ ވަގުތު ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި އާދަމް އެވެ. އެ ދެ މީހުން ޝައުގުވެރިކަން ފާޅުކުރެއްވި ނަމަވެސް ޕީއެންސީން ރަސްމީކޮށް އަދި އެ ވާހަކައެއް ނުދައްކަވަ އެވެ. އެ ފުރުސަތު ވެސް ޕީއެންސީން އަދި ހުޅުވައެއް ނުލަ އެވެ.

އެނގިފައިވާ ގޮތުގައި ޕީއެންސީގެ ރިޔާސީ ޓިކެޓަށް ފުރުސަތު ހުޅުވާލާނީ މިއަދު ހެނދުނު 10:00 ގައި ބާއްވާ އެ ޕާޓީގެ ސެނެޓް ބައްދަލުވުމަށް ފަހު ކަމަށްވެ އެވެ. އެ ބައްދަލުވުމުގެ އެޖެންޑާގައި އޮތީ ރިޔާސީ އިންތިހާބުގައި ވާދަކުރުމާ މެދު ގޮތެއް ނިންމުމާއި އެ ގޮތަށް ނިންމައިފި ނަމަ ޕީއެންސީގެ އަސާސީ ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމެވެ.

ޕީއެންސީގެ އަސާސީ ގަވާއިދުގައި ވާ ގޮތުން ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅަން ޖެހެނީ އެ ޕާޓީން ބާއްވާ ޕްރައިމަރީއަކުންނެވެ. ނަމަވެސް ރިޔާސީ އިންތިހާބު ބޯމަތިވެފައިވާއިރު ޕްރައިމަރީ އަށް ވަގުތު ނެތުމުން ދެން ޖެހެނީ އެ ބާރު ޕީއެންސީގެ ސެނެޓަށް ދޫކޮށްލާށެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީ ގަބޫލު ނުކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމުމާއެކު، އެމަނިކުފާނުގެ ފަރާތުން ސުޕްރީމް ކޯޓަށް އިއްޔެ ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ވަނީ ބަލައިގެންފަ އެވެ. އަދި ކޮމިޝަނުން މިއަދު މެންދުރު 3ގެ ކުރިން ލިޔުމުން ޖަވާބު ހުށަހެޅުމަށް ސުޕްރީމް ކޯޓުން އިއްޔެ ވަނީ އަންގައިފަ އެވެ.