އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން ޕީއެންސީގެ މަޝްވަރާ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ޕީއެންސީން ބުނީ އިންތިހާބުގައި ވާދަކުރުމާ މެދު ގޮތެއް ނިންމަން މިއަދު ހެނދުނު ބޭއްވި އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވި 47 މެމްބަރުންގެ ތެރެއިން 44 މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވާ ކަމަށެވެ.

ޕީއެންސީން އިންތިހާބުގައި ވާދަކުރަން ނިންމީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާ ގުޅިގެން އިންތިހާބުގައި ވާދަ ކުރުމުގެ ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެން "ބެކަޕް ކެންޑިޑޭޓް"އެއްގެ ގޮތުގައި ޕީއެންސީން ކެންޑިޑޭޓަކު ނެރުމަށް އެމަނިކުފާނު އެންގެވުމާ ގުޅިގެންނެވެ.

ޕީއެންސީން ބޭއްވި މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގެ ނިންމުމާއެކު ޕީއެންސީގެ ޓިކެޓަށް ވަދަކުރައްވަން ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފަ އެވެ. އަދި ވާދަކުރައްވާ ކެނޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ އިންތިޚާބު މިއަދު ހަވީރު 4 ޖަހާއިރު ކުރިއަށްދާނެ އެވެ. މި އިންތިޚާބުގައި ލާނީ ސިއްރު ވޯޓެކެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމާމެދު ޕީއެންސީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުން ބާއްވަނީ. އެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވި 47 މެމްބަރުންގެ ތެރެއިން 44 މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައި ވަނީ ވާދަކުރަން. ފޮޓޯ: ޕީޕީއެމް

ރައީސް ޔާމީންގެ އެންގެވުމާ ގުޅިގެން ޕީއެންސީގެ ރިޔާސީ ޓިކެޓަށް މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވާދަކުރަން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީ ގަބޫލު ނުކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމުމާއެކު، އެމަނިކުފާނުގެ ފަރާތުން ސުޕްރީމް ކޯޓަށް އިއްޔެ ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ވަނީ ބަލައިގެންފަ އެވެ. އަދި ކޮމިޝަނުން މިއަދު މެންދުރު 3ގެ ކުރިން ލިޔުމުން ޖަވާބު ހުށަހެޅުމަށް ސުޕްރީމް ކޯޓުން އިއްޔެ ވަނީ އަންގައިފަ އެވެ.