ދާދި ފަހުން ހިނގި ދެ ހާދިސާއެކެވެ. ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުގައި ހިމެނޭ ބޭފުޅުން ސަފަކަށް އަތުރުއްވާފައި އެ ކޯލިޝަން ހިންގެވުމާ ހުންނެވި އަބްދުއްރަހީމް އަބްދުﷲ، މި އަހަރުގެ ރިޔާސީ އިންތިޚާބަށް ޝައުގުވެރިވޭތޯ ސުވާލު ކުރުމުން ކޮންމެ ބޭފުޅަކު ވެސް ވަކިވަކިން ޖަވާބު ދެއްވި އެވެ. އޭގެ ތެރޭން އެއްބޭފުޅަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. އެ ބޭފުޅާ ވިދާޅުވީ ރިޔާސީ ޓިކެޓަށް އެއްވެސް ޝައުގެއް ނެތް ކަމަށާއި އޭނާގެ ކެންޑިޑޭޓަކީ ޔާމީން ކަމަށެވެ.

މިދިޔަ ހަފުތާގެ ބުދަ ދުވަހު އިވުނީ މުއިއްޒު ކުއްލި ޕްރެސް ކޮންފަރެންސެއް ބާއްވަން އުޅުނު އަޑެވެ. އޭރު ވަނީ ޕީޕީއެމް/ޕީއެންސީގެ ތެރޭން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން މުއިއްޒު އަޑިއަޑިން މަސައްކަތް ކުރައްވާކަމުގެ އަޑުތައް ގަދަވެފަ އެވެ. މުއިއްޒަށް ޕާޓީގެ ރިޔާސީ ޓިކެޓް ލިބޭނެ ގޮތަށް ސެނެޓުގެ ތާއީދު ހޯދަން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެވުނު ބައެއް މީހުންނަށް ފިޔަވަޅު އަޅާފައި ވެސްވެ އެވެ. އޭގެ ތެރޭން އެއް ބޭފުޅަކީ މާލޭ ސިޓީ ކައުންސިލްގެ، މުއިއްޒަށް ވަފާތެރި މެންބަރު އާދަމް ރަމީޒެވެ.

ކައުންސިލްގައި މެދު ހެންވޭރު ދާއިރާ ތަމްސީލު ކުރައްވާ ރަމީޒުގެ ސުލޫކީ މައްސަލައެއް ބަލަން ފެށީ މުއިއްޒަށް ރިޔާސީ ޓިކެޓް ހޯދައިދޭން އަޑިއަޑިން އޭނާ މަސައްކަތްކުރައްވާާ ކަމަށް ބުނެ، ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލަ ބަލަން އެންގެވީ ސީދާ ރައީސް ޔާމީން ކަމަށްވެ އެވެ. ސްލޫކީ ކޮމިޓީން މައްސަލަ ބަލަން ފެށުމާ އެކު ރަމީޒް ވަނީ ޕާޓީން ވަކިވެފަ އެވެ.

ރާއްޖޭގެ މިނިވަން ދުވަހާ ދިމާކޮށް މުއިއްޒު ބާއްވަން އުޅުނު ޕްރެސް ކުއްލިއަކަށް ކެންސަލް ކުރައްވާ ދެން ފެނުނީ ޗެނަލް 13 އަށް އަރުއްވާ ބަޔާނެއް ދެއްވި ތަނެވެ. މުއިއްޒު ވިދާޅުވީ އޭނާ ހުންނެވީ ޕީޕީއެމް/ޕީއެންސީން ރިޔާސީ ޓިކެޓް އަރުވާފައިވާ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ވަފާތެރިކަން މަތީ ކަމަށެވެ. ރައީސް ޔާމީނަށް އަރުވާފައިވާ ރިޔާސީ ޓިކެޓަށް ހިޔަންޏެއް އެޅޭފަދަ ގޮތަކަށް އެއްވެސް މީހަކު މަސައްކަތް ނުކުރަން މުއިއްޒު އެދިވަޑައިގަތެވެ.

ބައެއް މީޑިއާތަކުން ޚަބަރު ފަތުރާފައިވާ ގޮތުގައި މުއިއްޒު އެ ބަޔާން ދެއްވި ރައީސް ޔާމީން ފޮނުއްވި ނޯޓަކާ ގުޅިގެންނެވެ. އަނެއް ބައި މީޑިއާތަކުން ބުނެފައިވާ ގޮތުގައި އެއީ "ބޮލުގައި ބަޑިޖައްސައިގެން" ދެއްވި ބަޔާނެކެވެ. ހިތު ތެރޭގައި އޮތް އިޚްލާސްތެރިކަމެއް އެނގޭނީ މުއިއްޒަށެވެ.

ރައީސް ޔަމީންގެ ރަނިން މޭޓަކަށް އެމަނިކުފާނުގެ ފުރަތަމަ ސަރުކާރުގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަލީމް އަހުމަދު ހަމަޖެއްސެވުމުން ދެ ޕާޓީގެ ލީޑަޝިޕުގެ ހުރިހާ ބޭފުޅުން ޖަމީލަށް މަރުހަބާ ދެންނެވި އިރު މުއިއްޒު މަރުހަބާ ނުދަންނަވާ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ދެން މިއަދުގެ ހާލަތެވެ. ރައީސް ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާ ގުޅިގެން އެމަނިކުފާނުގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ގަބޫލްނުކުރުމުން ބެކަޕް ކެންޑިޑޭޓެއް ޕީއެންސީން ނެރެން ނިންމުމާ އެކު ދެން ފެނުނީ ޕީޕީއެމް ދޫކުރައްވާ މުއިއްޒު ޕީއެންސީ އަށް މިއަދު ބަދަލުވެވަޑައިގަތް ތަނެވެ. ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަނުކުރެއްވޭނެ ހާލަތެއްގެ ވާހަކަ ދެއްކުމަކީ ޕީޕީއެމް/ޕީއެންސީން ގަބޫލްކުރާ ކަމެއް ނޫނެވެ. މަގާމަށް ޓަކައި މުއިއްޒު މީގެ ކުރިން ވެސް ވަނީ ޕާޓީ ބަދަލުކޮށްފަ އެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ސަރުކާރުގެ ހައުސިން މިނިސްޓަރުގެ މަގާމަށް މުއިއްޒު ވަޑައިގެންނެވީ އަދާލަތު ޕާޓީގައި ހުންނަވައިފަ އެވެ. ރައީސް ޔަމީންގެ ސަރުކާރުގައި ފެނުނީ އެމްޑީއޭގެ މެންބަރެއްގެ ގޮތުގަ އެވެ. ފަހުން ޕީޕީއެމުންނެވެ. މިހާރު ޕީއެންސީގަ އެވެ. ޕާޓީގެ ނައިބް ރައީސްކަން ވެސް ދޫކުރައްވާ ޕީއެންސީ އަށް މުއިއްޒު މި ބަދަލުވެވަޑައިގެންނެވީ ކުރިން ބޭނުން ނޫން ކަމަށް ވިދާޅުވި ރިޔާސީ ޓިކެޓުގެ ބޭނުމުގަ އެވެ. ކުރިން ބޭނުން ނޫން ކަމަށް ވިދާޅުވި އެއްޗެއް ފަހުން ހޯދަން އުޅުއްވި ތަނެވެ.

ދިވެހި ބަހުގައި މަޖާޒީ ގޮތެއްގައި މިޔަށް ކުޔަނީ އުނބަށް ޖެހުމެވެ. ދިވެހި މިސާލު ބަހެއްގެ ގޮތުގައި "ވަށަފަރު މީހުން އުނބަށް ޖެހުން" ވެސް ބޭނުން ކުރެ އެެވެ.