ބޮލީވުޑްގެ ތަރިންނަކީ އެއްވެސް ޝައްކެއްނެތް ގޮތުގައި ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކެކެވެ. ފިލްމުތަކުގެ އިތުރުން ވެސް އާމްދަނީ ލިބޭ އެކި ގޮތްގޮތް އެ ތަރިންގެ ހުރެ އެވެ. މި ބަލާލަނީ ބޮލީވުޑްގެ އެންމެ މުއްސަނދި ފަސް ތަރިންނަށެވެ.
ޝާހްރުކް ޚާން
1992 ވަނަ އަހަރު ބޮލީވުޑަށް ނުކުތް ޝާހްރުކް ޚާންގެ މިލްކިއްޔާތުގައި 770 މިލިއަން ޑޮލަރު ހުންނާނެ ކަމަށް ބެލެވެ އެވެ. ފިލްމުތަކުގެ އިތުރުން އެކި އިޝްތިހާރުތަކާއި އިންޑިއަން ޕްރިމިއާ ލީގުގެ ޓީމެއް މެދުވެރިކޮށް ވެސް އޭނާއަށް އާމްދަނީ ލިބެ އެވެ.
އަމީތާބް ބައްޗަން
ލިސްޓުގެ ދެވަނައިގައި ވަނީ 70ގެ އަހަރުތަކުގައި މަޝްހޫރުވެގެން އައި އެކްޝަން ހީރޯ އަމީތާބް ބައްޗަން އެވެ. އަމީތާބުގެ މިލްކިއްޔާތު 400 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭއިރު އޭގެ ތެރޭގައި އޭނާގެ އަގުބޮޑު ފަސް ގެއެއް ވެސް ހިމެނެ އެވެ.
ރިތިކް ރޯޝަން
ބޮލީވުޑްގެ އެންމެ މުއްސަނދި ތަރިންގެ ލިސްޓުގައި ބައެއް މަޝްހޫރު ތަރިންނަށްވުރެ ކުރީގައި ރިތިކް ރޯޝަންގެ ނަން އޮތުމަކީ ބައެއް ފަރާތްތަކަށް ހައިރާންކަން ލިބޭނެ ކަމަކަށް ވެދާނެ އެވެ. 1980 ވަނަ އަހަރު ޗައިލްޑް އާޓިސްޓެއްގެ ގޮތުގައި އެންމެ ފުރަތަމަ ފެނުނު ރިތިކްގެ މިލްކިއްޔާތުގައި 370 މިލިއަން ޑޮލަރު ހުރެ އެވެ.
އަކްޝޭ ކުމާރު
އަކްޝޭ ކުމާރަކީ 2019 ވަނަ އަހަރާއި 2020 ވަނަ އަހަރު 48.5 މިލިއަން ޑޮލަރާއެކު ބޮލީވުޑްގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފަންނާނެވެ. ކޮމެޑީ ކިންގް ގެ ގޮތުގައި މަޝްހޫރު އަކްޝޭގެ މިލްކިއްޔާތަކީ 340 މިލިއަން ޑޮލަރު ކަމަށް ބެލެވެ އެވެ.
ސަލްމާން ޚާން
ބޮލީވުޑްގެ އެންމެ މުއްސަނދި ފަސް ތަރިންގެ ލިސްޓުގެ އެންމެ ފަހަތުން ޖާގަ ހޯދާފައިވަނީ ސަލްމާން ޚާން އެވެ. 1989 ވަނަ އަހަރު ބޮލީވުޑަށް ނުކުތް ސަލްމާންގެ މިލްކިއްޔާތުގައި 310 މިލިއަން ޑޮލަރު ވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.