އަހަރުމެން ދިވެހިންގެ އާދަ އެކެވެ. ހެނދުނު ހޭލާ ގޮތަށް ފުރަތަމަ ވެސް ބޮވޭނީ ކޮފީ އެކެވެ. ނިދި ފިލުވާލާށެވެ. އެހެން ނަމަވެސް މިއީ އެންމެ ރަނގަޅު ގޮތްތޯ ބަލާލަން ޖެހެ އެވެ. ހަގީގަތުގައި އެންމެ ރަނގަޅު ގޮތަކީ ހެނދުނުގެ ކޮފީގެ ކުރިން ފެން ތަށްޓެއް ބޯލުމެވެ.

ހަށިގަނޑުން ވިހަ ނައްތާލަދޭ

ނިދާ ހޭލުމަށްފަހު ހުސްބަނޑާހުރެ ބޯލާ ފެންތަށިން ހަށިގަނޑުގެ ތެރޭ އުފެދިފައި ހުންނަ ވިހަތައް ބޭރުކޮށް، ހަށިގަނޑުގެ އެތެރެ އާއި ބޭރު ތާޒާކޮށްލަ އެވެ. އަދި ހަށިގަނޑުގައި އާ ސެލް އުފެއްދުމަށް އެހީތެރިވެދެ އެވެ.

ހަޖަމު ކުރުން ރަނގަޅު ކޮށްދޭ

ރަނގަޅަށް ހަޖަމު ނުވެ ބަނޑުތެރޭގައި އެސިޑިޓީ އިތުރުު ވުމުން މެއިން ދިލަނަގާ ގޮތްވެ އެވެ. މިއީ ރަނގަޅަށް ހަޖަމުނުވެ ގިނައިރުވުން ދިމާވާ މައްސަލަ އެކެވެ. ހުސްބަނޑާ ހުރެ ފެންބުއިމުން ހަޖަމު ކުރަން ފަސޭހަވެ، މެއިން ދިލަނަގާ މައްސަލައަށް ހައްލު ލިބެ އެވެ.

ކިޑްނީގެ ސިއްހަތު ރަނގަޅުކޮށްދޭ

ކިޑްނީ މައްސަލަ އަކީ މިހާރު އެންމެ އާންމުކޮށް ރާއްޖޭގެ މީހުންނަށް ދިމާވާ މައްސަލަ އެވެ. ހެނދުނު ތެދުވެ ބޯލާ ފެންތަށިން ކިޑްނީގައި ހިލަ ހެދުމާއި ބްލެޑާ އިންފެކްޝަނާ ދުރުކޮށްދެ އެވެ. އެގޮތުން ބްލެޑާގެ ތެރޭ އުފެދޭ ވިހަ މާއްދާތައް ބޭރުކޮށްދެ އެވެ.

މެޓަބޮލިޒަމް އިތުރުކޮށްދޭ

ހުސްބަނޑާ ހުރެ ފެން ބުއިމުން މެޓަބޮލިކް ރޭޓް އިތުރުކޮށްދޭއިރު، މިއީ ސްޓްރިކްޓް ޑައިޓް ތަކުގައި އުޅޭ މީހުންނަށް ވަރަށް ރަނގަޅު ކަމެކެވެ. މެޓަބޮލިކް ރޭޓް އިތުރުވާ ވަރަކަށް ހަޖަމު ކުރުމުގެ ނިޒާމުގެ މަސައްކަތް އިތުރުކޮށްދެ އެވެ.