އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ކެންޑިޑެސީ އިލެކްޝަން ކޮމިޝަނުން ބަލައިގަނެފި އެވެ.

ގިނަ އަދަދެއްގެ ސަޕޯޓަރުންނާ އެކު، ޖޭޕީގެ ކެމްޕެއިން ޖަގަހަ މ. ކުނޫޒުން ހިންގަވާފައިވާ ދަރުބާރުގެ އަށް ވަޑައިގެން ގާސިމް އިންތިހާބުގައި ވާދަކުރައްވަން ފޯމު ހުށަހެޅުއްވީ މިއަދު ހެނދުނު އެވެ. ގާސިމްގެ ރަނިން މޭޓަކަށް ހަމަޖައްސަވާފައިވަނީ ޖޭޕީގެ ޑެޕިއުޓީ ލީޑަރު ޑރ. އަމީން އިބްރާހިމެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަންނަ މަހު 9ގައި ބާއްވާ އިންތިހާބުގައި ވާދަކުރަން ގާސިމް ހުށަހެޅުއްވި ފޯމު އެ ކޮމިޝަންގެ ފަރާތުން ބަލައި ޗެކްކުރުމަށްފަހު ގާނޫނުގައިވާ ގޮތުގެ މަތިން އިންތިހާބީ ޝަރުތު ހަމަވާ ކަމަށް ބަލައި ކެންޑިޑެންސީ ގަބޫލުކޮށްފައިވާ ކަމަށެވެ.

ގާސިމްގެ އިތުރުން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން މިހާތަނަށް އީސީން ބަލައިގެންފައިވަނީ ކާނަލް ނާޒިމާއި ރައީސް ސޯލިހާއި އިލްޔާސް ލަބީބްގެ އިތުރުން ޕީއެންސީގެ ޑރ. މުއިއްޒު އެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު އެވެ. ދެވަނަ ބުރަކަށް ގޮސްފިނަމަ ދެވަނަ ބުރުގެ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ.