އިންޑިއާގެ ހަރިޔާނާ ސްޓޭޓްގެ ނޫހު ޑިސްޓްރިކްޓްގައި ހިނގި ހަމަނުޖެހުމަކަށް ފަހު މުސްލިމުންގެ ގެދޮރާއި ފިހާރަތައް ބުލްޑޯޒަރުން ތަޅާލަން ފަށައިފި އެވެ.

ބީޖޭޕީ ސަރުކާރުން ވެރިކަން ކުރާ ހަރިޔާނާ ސްޓޭޓުގެ ހަމަ އެކަނި މުސްލިމް މެޖޯރިޓީ ޑިސްޓްރިކްޓް، ނޫހު ޑިސްޓްރިކްޓުގެ 300 އަށް ވުރެ ގިނަ ގެތަކާއި ފިހާރަތައް ފާއިތު ވެދިޔަ ހަތަރު ދުވަހުގެ ތެރޭގައި ތަޅާލައިފައިވާ ކަމަށް އެ ޑިސްޓްރިކްޓުގެ މުސްލިމުން ބުންޏެވެ.

އަބްދުއްރަޝީދު ކިޔާ މީހަކު އަލް ޖަޒީރާއަށް ކިޔައިދިން ގޮތުގައި ފުލުހުން ވޭނެއްގެ ތެރޭގައި އޭނާ ތަޅުލައިފައި ބެހެއްޓުމަށްފަހު އޭނާގެ ގެއާއި ފިހާރަ ތަޅާލި އެވެ.

"އެއީ ހިތް ހަލާކުވި ކަމެއް،" އަބްދުއް ރަޝީދު ބުންޏެވެ. "އަހަރެންގެ ދަރިންނާ އާއިލާ ދިރިއުޅެނީ ފިހާރަ ކުއްޔަށް ދީގެން ލިބޭ ފައިސާއިން. އަހަރެންގެ ފިހާރަތައް ހިންދީންނާއި މުސިމުންނަށް ވެސް ކުއްޔަށް ދެން."

އަބުދުއް ރަޝީދު ބުނި ގޮތުގައި ފިހާރަ އާއި ގެ، ތަޅާލުމުގެ ކުރިން އެއްވެސް ނޯޓިސްއެއް ވެސް ސަރުކާރުން އޭނާއަށް ނުދެ އެވެ. ނޫހު ޑިސްޓްރިކްޓްގައި މައްސަލަ ޖެހުނީ ބީޖޭޕީއަށް ނިސްބަތްވާ ދީނީ ހަރުކަށި ޖަމާއަތަކުން ބޭއްވި ހިނގާލުމެއްގެ ތެރެއިންނެވެ.

ހަތްދިހަ ޕަސެންޓް މުސްލިމުން ދިރިއުޅޭ ނޫހުގައި ހިނގި ހަމަނުޖެހުމުގައި އެތައް މުސްލިމުންނެއް މަރާލުމަށް ފަހު ބީޖޭޕީ ސަރުކާރުން މުސްލިމުންގެ ގެދޮރާއި ފިހާރަތައް ތަޅަމުން ދަނީ ހަމަނުޖެހުން ހިނގީ މުސްލިމުންގެ ސަބަބުން ކަމަށް ބުނެ އެވެ.