ކޮރަޕްޝަން ދިނުމާއި ކޮރަޕްޝަން ހިފުމަކީ މުޅި ދުނިޔޭގައިހެން ޢާއްމުވަމުން އަންނަ، ވަރަށް އާދައިގެ ކަމަކަށް މިހާރު ވަނީ ވެފައެވެ. އެހެނަސް، ކޮރަޕްޝަނުގެ ސަބަބުން ނުރަނގަޅު އެތައް ކަންތައްތަކެއް މުޖުތަމަޢުގައި ހިނގާކަމީ އެންމެން ވެސް ދަންނަ ކަމެކެވެ. އަދި ކޮރަޕްޝަން އޮންނަ ޤައުމުތަކުގެ ކުރިއެރުމަށާއި ހަމަޖެހުމަށް އެތަކެއް ހުރަހެއް ދިމާވާކަމީ ވެސް ދެބަސް ވެވެންނެތް ޙަޤީގަތެކެވެ.
ދިވެހިރާއްޖެ ދުނިޔެއަށް މަޤްބޫލުވެފައި އޮންނަނީ، ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ފުރިހަމަކަމާއި، ޗާލުކަމުން، މުޅި ދުނިޔޭގެ އެންމެންހެން ދެކެނީ ރާއްޖެއަކީ އެފަދަ ދެވަނައެއް ނުވާ، ދުނިޔެމަތީގެ ސުވަރުގެ ގޮތުގައެވެ. އެހެންނަސް، ސިޔާސީގޮތުން ހަލަބޮލި މާހައުލެއް ލިބިފައިވާ، އަދި ދެމެހެއްޓެނިވި އިޤްތިޞާދެއް ލިބިފައިނުވާ، އިޖްތިމާޢީ ބޮޑެތި އެތައް މައްސަލަތަކެއްގެ ތެރޭގައި ތާށިވެފައިވާ، ނުހަނު ނާޒުކު ޤައުމެއްގެ ގޮތުގައެވެ.
މިލިޔުމުގައި ބަލާލާނީ، ކޮރަޕްޝަންގެ ސަބަބުން ދިވެހިރާއްޖެއަށް ދިމާވެދާނެ ނުރައްކާތެރި ބައެއް ޙާލަތްތަކުގެ މައްޗަށެވެ. ހަމައެއާއެކު، ރާއްޖޭގެ ސިޔާސީ ކަންކަން ރޭވި ތަރުތީބު ފައިވާ ގޮތުގެ މައްޗައް ނަޒަރުހިންގާ ބަލާލުމުން، މުޖުތަމައުން ފެންނާން ހުރި ނުރައްކާތެރި ކަންކަމުގެ މައްޗަށާއި، އެކަންކަމުން އަރައިގަތުމަށް ކުރެވިދާނެ ބައެއް ކަންކަމުގެ މައްޗަށެވެ.
އިޤްތިޞާދީ މައްސަލަތައް:
ވައްކަމާއި، ކޮރަޕްޝަނާއި ފަސާދައިގެ ވަބާ ޤައުމެއްގައި އަށަގަނެއްޖެނަމަ، އެޤައުމެއްގެ އިޤްތިޞާދު އިނދަޖެހުމަކީ ނުވެނުދާނެ ކަމެކެވެ. އަދި އެ އިޤްތިޞާދެއް އަނބުރާ ހަމަމަގަށް އެޅުވުމަކީ ނުހަނު އުނދަގޫ ކަމަކަށް ވާނެއެވެ. އެފަދަ ގައުމަކާއި މެދު ބޭރުގެ އިންވެސްޓަރުންގެ އިތުބާރާއި ޔަގީންކަން ގެއްލިގެން ދާނެއެވެ. "ކަޓު" ނެގުމާއި، އަމިއްލަ ފައިދާއާއި ލާބަޔަށް ޤައުމީ މަޞްލަޙަތު ނީލަމުން ވިއްކާލުމާއި، ހެދިފައިވާ އުޞޫލުތަކާއި ހަމަތަކުގެ ބޭރުން، ކަންކަން ކުރުމުގެ ސަބަބުން، އާ އިންވެސްޓަރުން، ބިރުގަނެ ޖެހިލުން ވާނެއެވެ.
މިހެންވުމުން، ޤައުމުގައި އާ ވަޒީފާ އިތުރުވުމުގެ ފުރުޞަތު ހަނިވެ، ފަޤީރުން އިތުރަށް ފަޤީރުވެ، ވަޒީފާ އަދާނުކުރާ މީހުންގެ ނިސްބަތް އިތުރުވެ، އިޤްތިޞާދު ހީނަރުވެގެން ދާނެއެވެ. ކޮރަޕްޝަނުގެ ސަބަބުން، އަލުން ފަށާ ތަރައްޤީގެ މަޝްރޫޢުތަކުގެ ދުވެލި ލަސްވެ، ނިމުން ލަސްވެ، ފެންވަރު ދައްވުމުގެ ސަބަބުން، އެ މަޝްރޫޢުތަކުން ރައްޔިތުންނަށާއި ޤައުމަށް ފައިދާކުރުމުގެ ބަދަލުގައި، އެފަދަ މަޝްރޫޢުތައް ވެގެންދާނީ، އަންނާން އޮތް ޖީލުތައް ހިމެނޭހެން، ރައްޔިތުން ދަރަނިވެރި ކުރުވާ، ޤައުމު އަޅުވެތިކަމުގެ ތެރެއަށް ވައްޓާލާ ކަންކަމުގެ ގޮތުގައެވެ. އެހެނީ މިފަދަ ކޮންމެ މަޝްރޫއެއް ހިންގިފައި ވާނީ، ޤައުމީ މަޞްލަހަތަށް ވުރެ، ވަކި ބަޔަކު މުއްސަނދިކޮށް، ވަކިބައެއްގެ މަޞްލަޙަތު ހިމާޔަތްކުރުމަށް ވިސްނައިގެން ކަމަށްވާތީއެވެ.
ނަތީޖާއަކަށް ވާނީ، ތަޢުލީމާއި، ޞިއްޙަތާއި، ޢަދުލު އިންޞާފާއި، ސުލްޙަ މަސަލަސްކަން ފަދަ، މުޅި މުޖުތަމަޢަށް ބޭނުންވާ އަސާސީ، ޒަރޫރީ، ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ނުކުޅެދި، ކުދި ވިޔަފާރިތައް ފުނޑުފުނޑުވެ، ދިރިއުޅުމުގެ ޙާލަތު ދަށްވެ، ދިރިއުޅުމުގެ އަގު އިންތިހާއަށް އުފުލި، ސިޔާސީގޮތުން ނުފޫޒުގަދަ މީހާއަކީ، ތައުލީމެއް ތަޖުރިބާއެއް ސުލޫކެއް ނެތަސް، އެންމެ ބާރުގަދަ، މަޤްބޫލު މީހާގެ ގޮތުގައި ދެކެވެން ފެށުމެވެ. ޙަލާލު މަސައްކަތުން، ތާހިރު ދިރިއުޅުމެއް ހޯދޭތޯ ގަދައަޅާ މަސައްކަތްކުރާ ފަރާތްތައް ފުނޑި، ވަގު ވިޔަފާރިއާއި، ޑްރަގް ލޯޑުންގެ އަތްމައްޗަށް ޤައުމުގެ ފުރޮޅި، ޙަރާމެއް ޙަލާލެއް ނުބަލާ، އަތުޖެހުނު ގޮތަކަށް، އަތުޖެހުނު އެއްޗެއް، އަތުޖެހުނު މިންވަރަކަށް ކެއުމަކީ، ކުރިއެރުމާއި ތަހްޒީބު ގޮތް ކަމުގައި ޤަބޫލުކުރާ ޖީލެއް އުފެދުމެވެ.
މިއަދު ރާއްޖޭގެ މަސްރަޙުން މިފަދަ ކަންކަން ފާހަގަ ވޭތޯއެވެ؟ ނުވަތަ މިއާ އެއްގޮތް ކަންކަން ފާހަގަ ކުރެވޭ ހެއްޔެވެ؟
އިޖްތިމާޢީ މައްސަލަތައް:
މިއަދު ރާއްޖޭގެ މުޖުތަމަޢުން ތެދުވެރިކަމާއި، އިޚްލާޞްތެރިކަމާއި، ނަޒާހަތްތެރިކަމާއި، ޒިންމާދާރުކަމާއި، އަދަބު އިޙްތިރާމާ، ކުލުނާ އޯގާތެރިކަން ފަދަ ރިވެތި ޢަޚްލާޤީ ސިފަތަކަކީ ތަދު ސިފަތަކަކަށް ވަނީ ވެފައެވެ. އެހެނަސް، ވައްކަމާ، ކޮރަޕްޝަނާ، ދޮގުހެދުމާއި، ދޮގުހެކި ދިނުންފަދަ ފަސާދައިގެ ޢަމަލުތަކަކީ ޢާއްމު ކަންކަމެވެ. މިކަންކަމަކީ ވޭތުވެދިޔަ ފަނަރަވަރަކަށް އަހަރުތެރޭގައި އަޅުގަނޑުމެން ހޯދައިގަތް ކަންތައްތަކެކޭ ވެސް ބުނެވިދާނެއެވެ.
ކޮންމެއަކަސް، މިއަދު ޤައުމުގެ ކަންކަމާއި ޙަވާލުވެގެން ތިބޭ ފަރާތްތަކަށް، ވައްކަމާއި ކޮރަޕްޝަނާއި ފަސާދައިގެ ތުހުމަތުގެ އިނގިލި އަމާޒުވެ، ވައްކަމާއި، ފަސާދައާއި ކޮރަޕްޝަން ތުހުމަތު، އެކަކު އަނެކަކަށް ކުރުން އާންމުވެ، ރުޅިވެރިކަމާއި، ޙަސަދައާއި، ނަފްރަތުގެ އުދާހުން މަސްތުނުވާ އެކަކުވެސް މުޖުތަމަޢުގައި އުޅޭހެން ހީނުވާ ހިސާބަށް މި ދިވެހި މުޖުތަމަޢުވަނީ ގޮސްފައެވެ.
މިހެންވުމުން، މުޖުތަމަޢުގެ އަހުލުވރިންގެ ތެރެއިން، އިންސާނީ، ދީނީ، ޢާއިލީ، އަވައްޓެރި، ރަޙްމަތްތެރި ކަންފަދަ، އެންމެހާ ޖަޒުބާތީ ގުޅުންތަކުގެ އަގެއްނެތި، އެކަކު އަނެކަކަށްކުރާ އިތުބާރާއި ޔަޤީންކަން ގެއްލި، އަދަބު އިހްތިރާމްކުރުމަކީ މޮޔައިންގެ ސިފައަކަށްވެ، ވާދަވެރިކަމާއި ޙަސަދައިން ފޯވެގެން ނޫނީ ކުރިއެރުމެއް ނެތްކަމަށް ބެލެވި، މާއްދިއްޔަތަކީ ތިމާމެންގެ ޢަޤީދާއަކަށްވެ ނިމިއްޖެއެވެ.
ޢަދުލު އިންޞާފަކީ ޖަންގަލީގެ ޤާނޫނަށްވެ، ރައްޔިތުންގެ މެދުގައި ތަފާތުކުރުން ހައްދުންނެއްޓި، ދައުލަތުގެ މުދަލާ ޚިދުމަތްތަކަކީ ވަކިބައެއްގެ ތަރިކައެއްގެ ގޮތުގައި ބެލެން ފެށުމުން، އިންޞާފަކީ، ނުފޫޒާ ބާރުން ހޯދައިގަނެވޭ އެއްޗަކަށްވެ، މުއްސަނދިންގެ މުއްސަނދިކަން އިތުރުވެ، ފަޤީރުން އިތުރަށް ފަޤީރުވެ ނިކަމެތިވުމުގެ ސަބަބުން ޤައުމުގެ އިޖްތިމާޢީ ފޭރާން ވީރާނާވެ ނެތިދިއުން އޮންނާނީ ދުރަކުނޫނެވެ.
މިއަދު ރާއްޖޭގެ މަސްރަޙުން މިފަދަ ކަންކަން ފާހަނގަ ވޭތޯއެވެ؟ ނުވަތަ މިއާ އެއްގޮތް ސިފަތަކެއް މި ދިވެހި މުޖުތަމަޢުން ފާހަގަ ކުރެވޭ ހެއްޔެވެ؟
ސިޔާސީ މައްސަލަތައް:
ވައްކަމާއި، ކޮރަޕަޝަނާއި ފަސާދަ ޢާންމުވުމުން ޤައުމުގެ ސިޔާސީ މަސްރަހަށް ނޭދެވޭ އެތައް މައްސަލަތަކަކާ ކުރިމަތިލާން ޖެހޭނެއެވެ. އެގޮތުން ޤައުމުގެ މުޢައްޞަޞާތަކަށް ރައްޔިތުންކުރާ އިތުބާރާއި ޔަޤީންކަން ގެއްލި، އެތަންތަން ހިންގަން ތިބޭ ފަރާތްތަކުގެ ޝަރުތުތަކަކީ، ފާޅުގައި އޮޅުވާލަން ކެރޭ، މަކަރުވެރި، ޙީލަތްތެރި ގޮތުގައި ވައްކަން ކުރަން މޮޅު މީހަކަށްވުން ކަމަށް، ރައްޔިތުންނަށް ޤަބޫލުކުރެވެން ފަށާފާނެއެވެ.
އެހެންވުމުން، ދިމުގްރާތީ ނިޒާމެއްގައި ހުންނަންޖެހޭ ބައެއް އަސާސީ ސިފަތައް ކަމުގައިވާ ތެދުވެރިކަމާއި، ނަޒާހަތްރެރިކަމާއި، ޒިންމާދާރުކަމާއި، ހަމަހަމަކަމާއި، ޢަދުލުވެރިކަން ފަދަ ސިފަތަކަކީ، މުޖުތަމަޢިގައި އުޅޭ ބަލިކަށި ނިކަމެތީންގެ ސިފަތަކެއް ކަމަށް ޤަބޫލުކުރެން ފަށާފާނެއެވެ. ނަތީޖާއެއްގެ ގޮތުން، ދިމުގްރާތީ ނިޒާމަކީ ގެއްލުންދެނިވި ވަބާއެއްކަމަށް މުޖުތަމަޢުގެ ގިނަމީހުންނަށް ބެލެވެން ފަށާފާނެއެވެ.
ސިޔާސީ މަޤާމްތަކަށް ވާދަކުރާ ކޮންމެ ހީހަކީ، މުޖުތަމަޢުގެ މަޞްލަޙަތު ނަގާލާ، ފިތުނަފަސާދަ އުފައްދާ، ގުޅުންތައް ހަލާކުކޮށްލާ، ނަފުރަތު އުފައްދާނެ ފަރާތެއްކަމަށް ޤަބޫލުކުރެވެން ފަށާފާނެއެވެ. ނަތީޖާއެއްގެ ގޮތުން، ތަޢުލީމީ ޤާބިލް ފަރާތްތަކުން ސިޔާސީ ކަންކަމަށް އިސްނަގާ ކުރިމަތިލާން ފަސްޖެހި، ސިޔާސީ ކަންކަމަށް ކުރިމަތިލުމަކީ، ކުށުގެ ވެށީގައި އުޅޭ ފަރާތްތަކުން، ކުށުގެ ތުހުމަތުން ނެއްޓެން، ކުރިމަތިލާ ކަމަކަށްވެ، ސިޔާސީ ވެށީގެ ތަޞައްވުރާއި، ތަޢައްޞުބު ކިލަނބުވެ، ރައްޔިތުން އެމައްޗައް ޢަމަލުކުރަންޖެހޭ ޤާނޫނު ހަދާގެއަކީ، ވަކަރުގޭ ކުދީންގެ ތަނަކަށް ނުވަތަ "ބަކަރި ކޮއްޓެއް" ގެ ގޮތުގައި ސިފަކުރެވި، ޤަބޫލުކުރަން ރައްޔިތުންނަށް މަޖުބޫރުވާނެއެވެ. މި ޙާލަތުގައި ޤައުމު އަޅުވެތިވުމުގެ ބިރު އިންތިހާއަށް އޮތަސް، އެއްވެސް ސިޔާސީ މީހެއްގެ ސިކުނޑިއަކަށް އެކަމެއް ތަޞައްވަރު ނުކުރެވުމަކީ ކިހާ ބިރުވެރި ނުރައްކާތެރި ކަމެއްތޯއެވެ؟
ނިންމުން
މުޖުތަމަޢުގައި ވައްކަމާއި، ކޮރަޕްޝަން އަށަގަތުމުގެ ސަބަބުން، ޤައުމުގެ އިޤްތިޞާދީ ދުވެލި މަޑުޖެހި، އާ އިންވެސްޓްތައް ހުއްޓި، ޤައުމުގެ ވަޞީލަތްތަށް ވަކިބައެއްގެ ބާރުވެރިކަމުގެ ދަށަށް ގޮސް، މުއައްސަސާތަކަށް ކުރާ އިތުބާރު ގެއްލިގެން ދާނެއެވެ. އިޖްތިމާޢީ ޢަދާލަތާއި ޢަދުލު އިންޞާފު ނެތި، އެއްވެސް މީހަކަށް އިޙްތިރާމެއް އަދި އިތުބާރު ވެސް ނުކުރާ އިޖްތިމާއީ ސަޤާފަތެއް އަށަގަންނާނެއެވެ.
ސިޔާސީގޮތުން، ޤައުމުގައިވާ ދިމުޤްރާތީ ނިޒާމާމެދު ރައްޔިތުންގެ އިތުބާރު ގެއްލި، އިދާރާތަކަށާއި އެތަންތަނަށް އައްޔަންކުރާ މީސްމީހުންގެ ޒިންމާއެއް، ނަޒާހަތްތެރިކަމެއް ނެތި، އަމުރު މަޢުރޫފް ހިނގަނީ ހަމައެކަނި ވަކިބައެއްގެ މައްޗަށް ކަމަށްވެ، ހަމަހަމަކަން ގެއްލިގެން ދާނެކަން ކަށަވަރެވެ.
މި ހިތާމަވެރި ޙާލަތުން އަރައިގަތުމަށް، ވައްކާމާއި، ކޮރަޕްޝަނާއި ފަސާދައާއި ދެކޮޅަށް ހަރުދަނާ ސިޔާސަތުތަކެއް އެކަށައަޅާ، ޤާނޫނުގައި ހުރިނަމަ ހުރި ލޯވަޅެއް ހޯދާ، ބައްދާ، ހަރުދަނާކޮށް، ކަންކަން ޢިޞްލާހު ކުރުމުގައި، ދެފުށްފެންނަ އުޞޫލުތަކެއްގެ ތެރެއިން ޢަމަލުކޮށް، ތަންފީޒު ކުރަމުންދާ އުޞޫލުތަކާއި ސިޔާސަތުތަކާމެދު، ރައްޔިތުން ހޭލުންތެރި ކުރުމުގެ ކަންކަން ކޮށް، ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން އަނބުރާ ހޯދުމަށްޓަކައި، މޫނަކަށް ކަނދުރާއަކަށް ނުބަލާ، ހަމަހަމަ ކަމާއެކު ކޮރަޕްޝަން ހުއްޓުވުމުގެ ކަންކަން ތަންފީޒުކުރަން، މިހިނދުން މިހިނދަށް ފަށައި ނުގަނެވިއްޖެ ނަމަ، މިޤައުމު މުސްތަޤްބަލުގެ ޖީލުތަކަށް މި ޤައުމު، މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ފޯރުކޮށް ދިނުމަކީ ކުރެވޭނެ ކަމެއް ކަމުގައި ނުބެލެވެއެވެ.
އެހެންކަމުން، ޤައުމެއްގެ މިފަދަ އެންމެހާ ކަންކަން ހިންގާ ބެލެހެއްޓުމަކީ، އެ ޤައުމެއްގެ އެންމެ އިސް ވެރިޔާގެ މަޤާމުގައި ހުންނަވާ ފަރާތެއްގެ ޒިންމާއާއި މަސްއޫލިއްޔަތެއް ކަމުން، ޤައުމުގެ "ވަލިއްޔުލް އަމްރުގެ" މާޤާމަށް ތިބާ އިޚްތިޔާރުކުރާ ފަރާތަކީ، ވައްކަމާއި ކޮރަޕްޝަނުގެ ތުހުމަތު ކުރެވިފައި ނުވާ ފަރާތެއްކަމުގައި ހެދުމާއި، ދީނަށް ލޯބިކުރާ، ތެދުވެރި، އަމާނާތްތެރިއެއް ކަން ކަށަވަރުވާ ފަރާތެއް ޚިޔާރު ކުރުމަކީ ވެސް، ވަގުތާ ޙާލަތުގެ ގޮތުން، ކުރަން ޖެހިފައިވާ ކަމެއް ނޫންތޯއެވެ؟