ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ މިސްރާބު މިހާރު ހުރީ ނ. އަތޮޅަށް ކަމަށާއި، މިއަހަރު ނިމުމުގެ ކުރިން އެ އަތޮޅުގައި އެ ޚިދުމަތްދޭން ފަށްޓަވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ މަހު ބާއްވާ ރިޔާސި އިންތިޚާބަށް ކެމްޕޭން ކުރެއްވުމަށް ނ. ޅޮހީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މުޅި ރާއްޖެ ގުޅުވައިދޭނެ އާރުޓީއެލް ފެރީން ބޮޑު ތިލަދުންމައްޗާއި ހުވަދު އަތޮޅަށް ބޮޑު ބަދަލެއް ގެނެސްދެވިއްޖެ ކަމަށެވެ. މިއާއެކު ފެރީ ނިޒާމުގެ މިސްރާބު މިހާރު ހުރީ ނ. އަތޮޅު ބަދަލުކޮށްލުމާ ދިމާލަށް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިއަހަރު ނިމުމުގެ ކުރިން އެ އަތޮޅުގައި ފެރީގެ ޚިދުމަތް ފަށްޓަވާނެކަމަށާއި، ޚިދުމަތް ފެށުމަށްޓަކައި މިހާރު އެ އަތޮޅަށް ފެރީތައް ބަނުމަށް ހަވާލުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅާލުމަކީ މި ސަރުކާރުން ވަރަށް ބޮޑަށް އިސްކަމެއްދޭ ކަމެއް ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.
"އާރްޓީއެލް ފެރީގެ ނިޒާމާ އެކު ހީނުކުރާވަރުގެ ބޮޑު ކުރިއެރުމެއް މި ރަށްތަކަށް ލިބިގެންދާނެ. ހިތްހަމަޖެހިގެން ދަތުރު ކުރެވޭ ވަރުގެ ލޯންޗުތަކެއް މި ހޯދައިދެނީ. ނ. އަތޮޅަށް ބޮޑު ބަދަލެއް އަންނަ ތަން ފެނިގެންދާނެ،" ރައީސް ސޯލިހް ވިދާޅުވި އެވެ.
މި ޖަލްސާގައި އެމަނިކުފާނު ވަނީ ދެވަނަ ދައުރުގައި ޅޮހީގެ ރައްޔިތުންނަށް ކޮށްދެއްވާނެ ކަންތައް ހާމަކުރައްވާފަ އެވެ. އެގޮތުން ގިރާ ސަރަަހައްދު ހިމާޔަތް ކުރުމާއި ޓޫރިސްޓުންނަށް ވަކި ބީޗެއް ހެދުމާއި، ހެލްތު ސެންޓަރުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށް ލެބޯޓަރީއެއް ގާއިމްކުރުން ހިމެނެ އެވެ. އަދި އެރަށު ސްކޫލްގައި މަލްޓި ޕާޕަސް ހޯލާއި ރިސޯސް ރޫމްތައް ގާއިމްކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ނ. ޅޮއްސަށް ވަޑައިގަތުމަށްފަހު ރައީސް ދެންވަޑައިގެންނެވީ އެ އަތޮޅު ލަންދޫއަށެވެ. މލަންދޫއަށް ވެސް ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފިނަމަ ކޮށްދެއްވާނެ ކަންތައްތައް ރައްޔިތުންނާ ހިއްސާ ކުރެއްވި އެވެ. އެގޮތުން އެރަށު ދެކުނު ފަރާތު ގިރާ ސަރަހައްދު ހިމާޔަތް ކޮށްދިނުމާއި، އެރަށު ބޮޑެތި މަގުތައް ތާރުއަޅައިގެން ތަރައްގީކުރުމާއި، ބޯހިޔާވަހިކަމުގެ މަޝްރޫއާއި، ސްޕޯޓްސް ކޮމްޕްލެކްސެއް އަޅުއްވާނެ ކަމަށް ރައީސް ވައުދު ވެވަޑައިގެންނެވި އެވެ.