ސައޫދީ އަރަބިއާއިން އިޒްރޭލުގެ ޖެރޫސަލަމްގައި ފަލަސްތީނުގެ ކޮންސިއުލޭޓެއް ހުޅުވުމުގެ ހުއްދަ ނުދޭނެ ކަަމަށް އިޒްރޭލުން ބުނެފި އެވެ.

އިޒްރޭލޫން މިހެން ބުނީ ސައޫދީން މުޅިން އަލަށް ފަލަސްތީނަށް ނޮން ރެޒިޑެންޝަލް އެމްބެސެޑަރަކު ކަނޑައެޅުމާ ގުޅިގެންނެވެ.

ސައޫދީން ފަލަސްތީނަށް އެމްބެސެޑަރެއް ކަނޑައެޅީ އިޒްރޭލާ ސައޫދީގެ ގުޅުން އާންމު ހާލަތަކަށް ގެނެވޭތޯ ޑީލެއް ހެދުމަށް އެމެރިކާއިން މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.

ސައޫދީގެ އާ އެމްބެސެޑަރު ނާޔިފް އަލް ސުދައިރީ ފަލަސްތީނަށް ތައާރަފްކޮށް ދިނުމަށް ޖޯޑަންގައި ބޭއްވި ހަފުލާގައި އިޒްރޭލުގެ ފޮރިން މިނިސްޓްރީ ބައިވެރިކޮށްފައެއް ނުވެ އެވެ.

ފަލަސްތީނުގެ އެމްބެސެޑަރުގެ މަގާމަށް ކަނދެޑައެޅި ސައުދީ ޕްރިންސްގެ ދެބެންގެ ދެދަރި ނާޔިފް ޖެރޫސަލަމްގެ ނޮން ރެޒިޑެންޝަލް ކޮންސިއުލާ ޖެނެރަލަކަށް ވެސް ހަމަޖައްސާ ގޮތަށް ވަނީ ނިންމާފަ އެވެ. ސިޔާސީ ފަރާތްތަކުން ދެކޭ ގޮތުގައި ނަޔިފްގެ ލަގަބެއްގެ ގޮތުގައި ޖެރޫސަލަމް ލުމުގެ މާނައަކީ ފަލަސްތީނުގެ ވެރިރަށަކީ ޖެރޫސަލަމް ކަމަށް ސައޫދީން ގަބޫލުކުރާކަން ހާމަކޮށް ދިނުމެވެ.

އިޒްރޭލްގެ ފޮރިން މިނިސްޓަރު އެލީ ކޯހެން އާދީއްތަ ދުވަހު އެ ގައުމު ރޭޑިއޯއަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ފަލަސްތީނަށް ސައޫދީން ކަނޑައަޅާ ކޮންސިއުލޭޓެއް ޖެރޫސަލަމްގައި ހުޅުވުމުގެ ހުއްދަ އިޒުރޭލުގެ ސަރުކާރުން ނުދޭނެ ކަމަށެވެ.

ސައޫދީއަކީ ފެށުނީއްސުރެ ފަލަސްތީނުގެ ވަކި ދައުލަތެއް އޮންނަން ޖެހޭނެ ކަމަށް ވަކާލާތުކުރާ ގައުމެކެވެ. ފަލަސްތީނުގެ އުންމީދުތައް ކަފުން ކުރެވޭ ފަދަ އެއްބަސްވުމެއްގައި އެމެރިކާ ކިތަންމެ ބާރު އެޅިކަމުގައި ވިޔަސް ސައޫދީން ސޮއިނުކުރާނެ ކަމަށް ބެލެވެ އެވެ.

ދާދި ފަހުން ފަލަސްތީނުގެ ސަރުކާރުން ވަނީ އިޒްރޭލް ސައޫދީ ގުޅުމާ ބެހޭ ގޮތުން ކަނބޮޑުވުން ފާޅުކޮށްފަ އެވެ.

ފަލަސްތީނުގެ ފޮރިން މިނިސްޓަރު ވިދާޅުވެފައި ވަނީ އިޒްރޭލާއެކު ސައޫދީން ގުޅުމެއް ގާއިމުކުރާއިރު ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާ މެދު ސައޫދީން ވިސްނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.