ރަންބީރު ކަޕޫރުއާއި އާލިއާ ބަޓްއަކީ މިހާރު ބޮލީވުޑްގައި ނަން ހިނގާ ޖޯޑުތަކުގެ ތެރެއިން އެއް ޖޯޑެެވެ. އެ ދެމީހުންނަކީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ "ލޯބި" ޖޯޑެކެވެ.

މިފަހުން ދިން އިންޓަވިއުއެއްގައި އާލިއާ މިވަނީ އެންމެ ފުރަތަމަ އެ ދެމީހުން ބައްދަލުވި ގޮތް މީޑިއާއާ ހިއްސާކޮށްފަ އެވެ. އެއީ މީގެ 18 އަހަރު ކުރިން އާލިއާގެ އުމުރުން އެންމެ 11 އަހަރުގަ އެވެ.

އާލިއާ ބުނީ އޭނާއާ ރަންބީރު އެންމެ ފުރަތަމަ ބައްދަލުވީ 2005 ވަނަ އަހަރު ނުކުތް ފިލްމް "ބްލެކް"ގެ ސެޓުން ކަމަށާއި އެ ފިލްމުގައި ރަންބީރު އެސިސްޓަންޓް ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރިއިރު އާލިއާ ވަނީ ފިލްމުގެ ރޯލަކަށް އޮޑިޝަން ދީފަ އެވެ.

"ރަންބީރު އުޅުނީ އެސިސްޓަންޓް ޑިރެކްޓަރަކަށް. އަހަރެން ދިޔައީ ފިލްމުގެ އޮޑިޝަންއަކަށް" މީޑިއާތަކަށް ދިން އެ އިންޓަވިއުގައި އޭނާ ބުންޏެވެ.

އެއީ އޭނާއަށް ރަންބީރު ފެނުނު ފުރަތަމަ ފަހަރު ކަމަށާއި އޭރު އެއީ އޭނާގެ ފިރިމީހާއަށް ވެދާނެ ކަމުގެ ކުޑަވެސް ޚިޔާލެއް ނުކުރެވޭ ކަމަށް އާލިއާ ބުންޏެވެ.

އާލިއާ މިހާރު އަންނަނީ އޭނާގެ އެންމެ ފުރަތަމަ ހޮލީވުޑް ފިލްމު "ހާޓް އޮފް ސްޓޯން"ގެ ޕްރޮމޯޝަނަލް މަސައްކަތްތައް ކުރަމުންނެވެ.