ސަނީ ޑިއޯލްއާއި އަމީޝާ ޕަޓޭލް ލީޑު ރޯލުން ފެނިގެންދާ "ގަދަރް 2" އަށް އިންޑިއާގައި ބޮޑު ތަރުހީބެއް ލިބި ބޮކްސް އޮފީހުގެ ގިނަ ރެކޯޑުތަކެއް މުގުރާލާފައިވާއިރު އެ ފިލްމުގެ ތަރިން އަންނަނީ މިހާރު އެ ކާމިޔާބީ ފާހަގަ ކުރަމުންނެވެ.

"ގަދަރް 2" ގެ ކާމިޔާބާއެކު އެންމެ ބޮޑު އުފަލެއް ލިބިފައިވާ އެއް އާއިލާއަކީ ލީޑު އެކްޓަރު ސަނީގެ ޑިއޯލް އާއިލާ އެވެ. އެ އާއިލާއިން ވަނީ ސަނީގެ އެ ފިލްމުގެ ކާމިޔާބީ އެކި ގޮތްގޮތުން ފާހަގަ ކޮށްފަ އެވެ.

އެންމެ ފުރަތަމަ ކަމަކަށް ބަލާއިރު ފިލްމުގެ ހަފްލާތަކުގެ ތެރެއިން އެ އާއިލާގެ އެންމެން އެއް ތަނަކުން އެކުގައި ވަނީ ފެނިގެން ގޮސްފަ އެވެ. ސަނީ ޑިއޯލްއާއި ބޮބީ ޑިއޯލްގެ އިތުރުން އެމީހުންގެ އެއްބަފާ ކޮއްކޮއިން ކަމަށްވާ އީޝާ ޑިއޯލްއާއި އަހާނާ ޑިއޯލް އެކުގައި ފެނުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. ހަމައެއާއެކު ހަފްލާތަކުގެ ތެރެއިން ސަނީގެ މަންމަ ޕްރަކާޝް ކައުރުގެ ފުރަތަމަ ފެނިލުން ވެސް ފެނިގެން ދިޔަ އެވެ.

ފިލްމުގެ ކާމިޔާބީ ކުރަން އީޝާ ޑިއޯލް އޭނާގެ ބޭބެއަށްޓަކައި ހާއްސަ ޕާޓީއެއް ބާއްވާފައިވާއިރު އެ ޕާޓީއަށް ބޮލީވުޑްގެ ގިނަ އަދަދެއްގެ ތަރިން ވަނީ ގޮސްފަ އެވެ.

މީގެ އިތުރުން ސަނީގެ ބައްޕަ އަދި ވެޓެރަން އެކްޓަރު ދަރްމެންދްރާ ވެސް ވަނީ ފިލްމަށް ލިބެމުން އަންނަ ކާމިޔާބީ ފާހަގަކޮށް އެކަމަށްޓަކައި ބެލުންތެރިންނަށް ޝުކުރު އަދާކޮށްފަ އެވެ.

މި ފިލްމުގެ ކާމިޔާބީއާ ބެހޭ ގޮތުން ސަނީ ބުނީ ބެލުންތެރިންގެ ފަރާތުން މިހާ ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އޭނާ އެއްވެސް ވަރަކަށް އުއްމީދު ނުކުރާ ކަމަށެވެ.

"ގަދަރް 2"އަކީ 2001 ވަނަ އަހަރު ނުކުތް "ގަދަރް: އޭކް ޕްރޭމް ކަތާ"ގެ ސީކުއަލް އެކެވެ. މި ފިލްމު އަޅުވައިގެން ވީ ތިން ދުވަހުގެ ތެރޭގައި އާމްދަނީގެ ގޮތުގައި 130 ކްރޯޑް ރުޕީސް ލިބިފައިވެ އެވެ.