އެކި މީހުން ދުނިޔޭގެ ރެކޯޑު ފޮތަށް އަރަނީ އެކި ކަންކަމުގަ އެވެ. އެއްބަަޔަކު ނުހަނު ތަފާތު ހުނަރުތައް ދައްކާލައިގެން އެ ފޮތުން ޖާގަ ހޯދާއިރު އެއްބަޔަކު އެ ފޮތަށް އަރަނީ "ކަމަކުން ކަމަކާ ނުލައި" ކަމަށް ބުނެވިދާނެ އެވެ.

އެގޮތުން ފާހަގަ ކޮށްލެވޭ އެއް ފަރާތަކީ ބޮލީވުޑްގެ ތަރި ސޮނާކްޝީ ސިންހާ އެވެ. އޭނާ ދުނިޔޭގެ ރެކޯޑު ފޮތަށް އަރާފައިވަނީ ނިޔަފަތީގައި ކުލަ ޖައްސައިގެންނެވެ.

އެންމެ ގިނަ މީހުން އެއްފަހަރާ ނިޔަފަތީގައި ކުލަ ޖެއްސި ހަރަކާތެއްގައި ބައިވެރިވެގެން ސޮނާކްޝީ ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދީ އިތުރު 1300 މީހުންނާ އެކުގަ އެވެ.

2016 ވަނަ އަހަރުގެ އަންހެނުންގެ ދުވަހާ ގުޅުވައިގެން ކުރިއަށް ދިޔަ އެ ހަރަކާތުގައި ޖުމްލަ 1328 އަންހެނުން ބައިވެރިވިއިރު ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ނެއިލް ޕޮލިޝް އުފައްދާ ކުންފުނިތަކާ ގުޅިގެންނެވެ.

އޭގެ ކުރިން އެއްފަހަރާ އެންމެ ގިނަ މީހުން ނިޔަފަތީގައި ކުލަ ޖެއްސުމުގެ ރެކޯޑް ލިބިފައިވަނީ 2011 ވަނަ އަހަރު ފިލިޕީންސްގައި ބޭއްވި ހަރަކާތެއްގައި ބައިވެރިވި އަންހެނުންނަށެވެ. އެފަހަރުގެ ހަރަކާތުގައި 1156 މީހުން ބައިވެރިވި އެވެ.