މަޖަލަކަށް ހަދާފައި ކޭކު މޫނުމައްޗަށް ޖެހުން (ކޭކް ސްމޭޝް)އަކީ މިހާރު އާއްމު ވަމުން އަންނަ ކަމެކެވެ. މިއީ އިސްރާފެއްގެ އިތުރުން އަނެކާއަށް ކުރެވޭ ބޭއިހުތިރާމެއް ވެސްމެ އެވެ.

މިފަދަ ކަމެއް ތަޖުރިބާކުރި އެކަކަކީ އެމެރިކާއަށް ނިސްބަތްވާ އަންހެނެކެވެ. އޭނާ ވަނީ މިފަދަ ކަމެއްގެ ސަބަބުން އޭނާގެ އަލަތު ކައިވެނީގެ އެއް ދުވަސް ފަހުން ފިރިމީހާގެ ކައިރިން ވަރިއަށް އެދިފަ އެވެ.

ނަން ހާމަނުކޮށް އެމެރިކާގެ ނޫހެއްގައި އެ މީހާ ބުނެފައިވަނީ ކައިވެނި ހަފްލާގެ ތެރެއިން އޭނާގެ މޫނުގައި ކޭކު ނުހޭކުމަކީ އޭނާގެ ފިރިމީހާއަށް ހުށައެޅި ޝަރުތެއް ކަމަށެވެ.

އެހެން ނަމަވެސް އެކަމާ ޚިލާފުވެ ފިރިމީހާ ވަނީ ކައިވެނި ހަފްލާގެ ތެރެއިން ކައިވެނި ކޭކުގެ ތެރެއަށް އަންހެން މީހާގެ މޫނު ވައްދާފަ އެވެ.

އަންހެން މީހާ ބުނެފައިވަނީ އޭނާގެ އެދުންތަކަށް އިހްތިރާމް ނުކުރާ މީހަކާއެކު ދިރިއުޅުން ހޭދަ ނުކުރެވޭނެ ކަމަށާއި ކައިވެންޏަށް އެއް ދުވަސް ފަހުން ވަރިއަށް އެދުނީ އެހެންވެ ކަމަށެވެ.

އޭނާގެ އާއިލާއާއި ރައްޓެހިން ފިރިމީހާއަށް އިތުރު ފުރުސަތެއް ދޭން ބުނި ނަމަވެސް އޭނާގެ ނިންމުމަށް ތާއީދުކުރި މީހުން ވެސް އުޅުނު ކަމަށް އެ މީހާ ބުނެފައިވެ އެވެ.

މިއީ ސަމާސާ ވިހަވުމުގެ ފުރިހަމަ މިސާލެކެވެ. އެތައް ހުވަފެނަކާއެކު ކުރި ކައިވެނި 24 ގަޑިއިރު ތެރޭގައި ރޫޅުނީ ކުރެވުނު ވިހަ ސަމާސާއަކުންނެވެ.