އެމަނިކުފާން ނިންމަވައިގެން ހުންނެވީ މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވަން ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި އެ ޕާޓީގެ ފަރާތުން މި ފަހަރުގެ އިންތިޚާބުގައި ވާދަކުރައްވާ ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

އިންތިޚާބަށް ވަގުތު ކުޑަތަންވަމުން ދަނިކޮށް އުތުރުގެ އަތޮޅުތަކުން ރިޔާސީ ކެމްޕޭން މިއަދު ފެއްޓެވި ގާސިމް ހދ. ނޮޅިވަރަށް ވަޑައިގެން އެ ރަށުގައި ތިބީ ޖޭޕީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވާ ވިދާޅުވީ އިންތިޚާބުގައި ވާދަނުކުރަން ނިންމެވީ އެތައް ސަބަބެއް މެދުވެރި ވެގެން ކަމަށާއި ނަމަވެސް އެ ސަބަބުތަކުގެ ތެރެއަށް މިނވަގުތު ވަޑައިގަންނަވަން ގަސްދުނުކުރައްވާ ކަމަށެވެ.

"އެހެން ނަމަވެސް އެންމެ ފަހު ވަގުތު މި ޖެހުނީ އެކަމައިގެން ކުރިއަށް ދާން. އެއީ އަޅުގަނޑުމެންގެ ކޮންގްރެސް އަށް ވަޑައިގެންނެވި 900 ވަރަކަށް ބޭފުޅުންނާއި ކައުންސިލްގެ 90 ވަރަކަށް މެންބަރުން އިއްތިފާގުން ފާސްކޮށްފައި ވަނީ މިފަހަރުގެ އިންތިޚާބުގައި ޖޭޕީން ކެންޑިޑޭޓެއް ނެރެން ޖެހޭނެ ކަމަށް. އެއީ ކުރިންސުރެ އެކަން އޮންނަ ގޮތް. އެ ދެ ތަނުން ވެސް 100 ޕަސެންޓް އެގޮތަށް ނިންމީމާ ފަހަތަށް ޖެހި މާފް ކުރާށޭ ބުނަން އަޅުގަނޑަކަށް ޖާގައެއް ނެތް،" ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެސް ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ އެމަނިކުފާނަކީ ޕާޓީގެ ލީޑަރަށްވީމާ، ޖެހުނީ އާއްމުކޮށް އިއުލާންކުރި ނަމަވެސް އެހެން ބޭފުޅަކު ކުރިމަތި ނުލައްވާ އޮތުމުން ރިޔާސީ އިންތިޚާބަށް ކުރިމަތިލާން ކަމަށެވެ.

"އަޅުގަނޑު ޕާޓީގެ ލީޑަރަށް ހުރީމާ އަޅުގަނޑަށް ކުރިމަތިލާން ޖެހުނީ، ގާސިމް ލީޑަރަރޭ ތިމަންނާމެން ދޫކޮށްލައިގެން މި ތިބީ. އެެހެންވީމާ އަޅުގަނޑަށް ނުކުންނަން ޖެހުނީ،" ތަފްސީލްކޮށްދެއްވަމުން ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ އިންތިޚާބަށް ކުރިމަތިލައްވައިގެން ހުންނެވީ ދިވެހި ރައްޔިތުންގެ މުސްތަގްބަލަށްޓަކައި ކަމަށެވެ.

އިންތިޚާބުގައި ޖޭޕީން ވާދަކުރަން އެ ޕާޓީގެ ކޮންގްރެސް އާއި ކައުންސިލުން ނިންމި ނަމަވެސް ގާސިމް ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ކުރިއަށް ވަަޑައިގަންނަވަން ކަމަށް އަޑުތައް ފެތުރުނެވެ. ގާސިމް ވެސް ވިދާޅުވަމުން ގެންދެވީ އިންތިޚާބަށް ޚަރަދު ކުރައްވާނެ ފައިސާ ނެތް ކަމަށާއި މާލެ އަތޮޅުގައި އޮތް އެމަނިކުފާނުގެ ފަޅެއް ވިއްކާލުމަށް އޭސީސީން ހުރަސް އަޅަމުންދާ ކަމަށެވެ. އެހެންވެ ޕާޓީގެ ފެނުނީ ރިޔާސީ އިންތިޚާބަށް މާބޮޑު މަސައްކަތެއް ނުކުތާ ތަނެވެ. ނަމަވެސް އެ ފަޅު ވިއްކާލުމުގެ ހުއްދަ ލިބުމާ އެކު ގަތަރުގެ ވިޔަފާރި ކުންފުންޏަކަށް ފަޅު ވަނީ 20 މިލިއަން ޑޮލަރަށް (308 މިލިއަން ރުފިޔާ) މި މަހު ވިއްކާލައިފަ އެވެ. އޭގެ ފަހުން ގާސިމް ވަނީ ރަނިން މޭޓެއް އިއުލާން ކުރައްވައި ކެމްޕޭނަށް މިދިޔަ ހަފުތާގައި ނުކުންނަވައިފަ އެވެ.

ޖޭޕީން ފޯރީގައި ކެމްޕޭން ފެށިއިރު އިންތިޚާބާ ދެމެދު އޮތީ ތިން ހަފުތާއެއްހާ ދުވަހެވެ.

ގާސިމް ވަނީ 2008 އަދި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައިފަ އެވެ. އެ ދެފަަހަރު ވެސް ދެވަނަ ބުރު ކާމިޔާބުކޮށް ވެރިކަމަށް އައީ ގާސިމް ތާއީދު ކުރެއްވި ޕާޓީ އެވެ. ދެހާސް އަށާރަ ވަނަ އަހަރު ގާސިމް ހުންނެވީ ޖަލު ހުކުމެއްގަ އެވެ. އެހެންވެ އެ ފަހަރު އިންތިޚާބުގައި ވާދަނުކުރެއްވުމުން ތާއީދު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ.