ހދ. އަތޮޅުގައި މަދުވެގެން 6،000 ޓޫރިސްޓް އެނދުގެ ތަރައްގީ ކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ހދ. ކުޅުދުއްފުށީގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ އެ އަތޮޅުގައި 6،000 ޓޫރިސްޓް އެނދު ގާއިމްކޮށް އެ އަދަދު 10،000 އަށް މަތިކުރަން މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.

ހދ. އަތޮޅަކީ މިހާރު އެއްވެސް ވަރަކަށް ފަތުރުވެރިކަން ނެތް ސަރަހައްދެކެވެ. އެހެންކަމުން އެ ސަރަހައްދުގައި ފަތުރުވެރިކަން ތަރައްގީ ކުރުމަކީ ގާސިމްގެ ވައުދެކެވެ.

ގާސިމް ވިދާޅުވީ ފަތުރުވެރިކަމަށް ދޫކުރާ ރަށްތަކާއި ފަޅުތަކުން 15 އަހަރު ވަންދެން ކުލި ނުނަގާގޮތަށް ހަމަޖައްސާނެ ކަމަށެވެ. ނަމަވެސް ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ދައްކަންޖެހޭ ޓެކްސްތައް ނެގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހދ. އަތޮޅަށް ކުރައްވާ ކެމްޕޭން ދަތުރުގައި މިއަދު ހަވީރު ގާސިމް ވަނީ އެއަތޮޅު ނޮޅިވަރަމަށް ވަޑައިގެންފަ އެވެ. އެރަށުގައި ވާހަކަދައްކަވަމުން ގާސިމް ވަނީ ބައެއް ގައުމުތަކުން ރާއްޖެއަށް ލޯނު ދޭގޮތާ މެދު ކަންބޮޑުވުންފާޅުކުރައްވާފަ އެވެ.

ގާސިމް ވިދާޅުވީ ރާއްޖެއިން ލޯނު ނަގަނީ ނުދެއްކޭނެ މިންވަރަށް ކަމަށާއި އެކަން ލޯނު ދޫކުރާ ގައުމުތަކަށް ވެސް އެނގޭނެ ކަމަށެވެ.

"އަޅުގަނޑަށް އެބަދޭ ލާރި އެގްރިމެންޓެއްގެ ދަށުން، ދީގެން އަޅުގަނޑު އެ ލާރި ދެމުން ދަނީ، އޭނަ ދެން ދެން ދަރަންޏަށް އެ ދެނީ، އަޅުގަނޑު ދެން މި ލާރި ނަގަނީ ނަގަނީ ހުރިހާ ކަމެއްވެސް ކުރަން، ނަގަމުން ގޮސް ލާރި ދައްކަން ޖެހޭ ދުވަހު ނުދެއްކުނީމަ ދެން ކިހިނެއްތޯ މި ދެން ވާނީ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ މިހާރު ނަގަމުންދާ ރޭޓުން ލޯނު ނަގަމުންދާ ނަމަ ގައުމު ބަނގުރޫޓުވާނެ ކަމަށެވެ.