ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ދިޔުމަށް ބައި ހޯދަން ބައެއް ޕާޓީތަކުން އުޅޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ރައްދު ދެއްވައިފި އެވެ.

ބ. ކެންދޫގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ރައީސް ސޯލިހު ދާދިފަހުން ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބަށް ނިކުމެ ތިބި ގިނަ ކެންޑިޑޭޓުން މަސައްކަތް ކުރަނީ އިންތިހާބު ދެވަނަ ބުރަކަށް ގެންގޮސް ކޯލިޝަން ހަދަން ކަމަށެވެ.

ނ. މަނަދޫގައި މިރޭ ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ އެ ޕާޓީން މިހާތަނަށް ވާދަކުރި ދެ އިންތިހާބުގައި ވެސް ނާކާމިޔާބު ވުމުން "ދިޔައީ ގެއަށް" ކަމަށެވެ.

ގާސިމް ވިދާޅުވީ ސިޔާސީ ޕާޓީތަކާއެކު މީގެކުރީގެ އިންތިހާބުތަކުގައި އެ ޕާޓީން ކޯލިޝަން ހެދީ އެ ޕާޓީތަކުން ދިން ދައުވަތެއްގެ ސަބަބުން ކަމަށެވެ.

"އެފަހަރު އަޅުގަނޑުމެން ނުހޮވުނީމާ ވެސް ދިޔައީ ގެއަށް. ގޭގައި ތިބީ، 2013 ގައި ވެސް. އަޅުގަނޑުމެން ނުދަން ޕީޕީއެމް ކައިރިއަކަށް , އަޅުގަނޑުމެން ނުދަން އެމްޑީޕީ ކައިއަކަށް. އެބޭފުޅުން އައީ . ވަށަވަށައިގެން މީހުން ފޮނުވައިގެން. މިވެނި ޕަސެންޓެއް ދޭނަން، އެވެނި ޕަސެންޓެއް ދޭނަން، މިހާ ލާރި ދޭނަން، އެހާ ލާރި ދޭނަން ކިޔަކިޔާފައި އައީ. އަޅުގަނޑުމެން ލާރިއަކު ވެސް ނުހިފަން،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވަނީ 2008 އަދި 2013 ވަނަ އަހަރުގެ އިންތިހާބުން ބަލިވެވަޑައިގަތުމުން ކޯލިޝަން ހަދާފަ އެވެ. ފުރަތަމަ ކޯލިޝަން ހެދީ އެމްޑީޕީއާ އެވެ. ދެވަނައަށް ކޯލިޝަން ހެދީ ޕީޕީއެމާއެވެ.

ނަމަވެސް އެއިން ކޮންމެ ފަހަރަކު ވެސް ގާސިމަށް ދިނީ "ދޯކާ" ކަމަށް އެ ޕާޓީން ބުނެ އެވެ. އެމްޑީޕީން ބުނީ 2018 ވަނަ އަހަރު ޖޭޕީއާއެކު ހެދި ކޯލިޝަނަށް ރައީސް ސޯލިހު ފުރިހަމައަށް އަމަލުކުރައްވަމުން އަންނަ ކަމަށެވެ.