ހަފްތާއެއްގައި ހަތް ދުވަސް އޮންނައިރު ގިނަފަހަރަށް އޭގެ ތެރެއިން ފަސް ދުވަހަކީ އޮފީހުގެ މޭޒުދޮށުގައި އިންނަންޖެހޭ ދުވަސްތަކެވެ. ނޫންނަމަ އެއަށްވުރެ ވެސް ވަޒީފާގެ މާހައުލުގައި އުޅެންޖެހޭ ދުވަސްތައް ގިނަ އެވެ.

ހަފްތާ ބަންދަށް ލިބޭ ދެދުވަސް ގޭތެރޭގެ ކަންކަން ކޮށް އަވަދިވާއިރު އޮންނަނީ ނިމިފަ އެވެ. އާއިލާއާއެކު ވަގުތު ހޭދަކޮށް އަމިއްލަ ނަފްސަށް ވަގުތު ހުސްކުރުމަކީ ދަތި ކަމަކަށް އޮންނަނީ ވެފަ އެވެ.

މިއީ އަހަރުމެންގެ ތެރެއިން ގިނަ ބައެއްގެ ހާލަތެވެ. ހަފްތާއެއްގެ ބޮޑުބައި ހޭދަ ވަނީ އޮފީހެއްގެ މޭޒުދޮށުގަ އެވެ. އެހެން ބަޔަކަށް މަސައްކަތް ކޮށްދިނުމުގަ އެވެ.

އޭގެ ތެރެއިން ވެސް އެންމެ ހާލުގައި އުޅެން ޖެހެނީ އަމިއްލަ ކުންފުނިތަކުގައި އުޅޭ މުވައްޒަފުންކަން ފާހަގަ ކުރަން ޖެހެ އެވެ. ސަރުކާރުގެ ސިވިލް ސާވަންޓުންނަށް ހަފްތާއެއްގެ ދެ ދުވަހާއި ރަސްމީ ބަންދު ދުވަސްތައް ޗުއްޓީގެ ގޮތުގައި ލިބޭއިރު ޕްރައިވެޓް ސެކްޓަރުގެ މުވައްޒަފުންނަށް ގިނަފަހަރަށް ޗުއްޓީ ލިބެނީ ހަފްތާއަކު އެންމެ ދުވަހެކެވެ. ދެން އޮންނަނީ މުޅިން ވެސް "ހާފް ޑޭ" އެވެ.

ހަފްތާއެއްގައި ޖުމްލަ 168 ގަޑިއިރު އޭގެ ތެރެއިން 40 ގަޑިއިރާއި 50 ގަޑިއިރާ ދެމެދުގެ ވަގުތު ހޭދަވަނީ ވަޒީފާގަ އެވެ. ދެން ކޮންމެ ދުވަހަކު ނިދަން ހޭދަވާ އަށް ގަޑިއިރު ކެނޑުމަކަށްފަހު ބާކީވަނީ ކޮންމެ ދުވަހަކަށް 10 ވަރަކަށް ގަޑިއިރެވެ.

އެ 10 ގަޑިއިރަކީ ގޭތެރޭގެ ކަންކަމާއި އަޅުކަމާއި އަމިއްލަ ބޭނުންތަކުގެ އިތުރުން އާއިލާއާއެކު ހޭދަކުރަން ލިބޭހާ ވެސް ވަގުތު ކޮޅެވެ. މިއީ މި ހުރިހާ ކަމަކަށް ބަލާއިރު މަދު ވަގުތު ކޮޅެއްކަމަށް މާހިރުން ބުނެ އެވެ.

މިކަން ހައްލު ކުރެވޭނެ ގޮތްތަކަށް ވިސްނާއިރު އެޕްލޯއިމަންޓް އެކްސްޕާޓުން ލަފާދެނީ ހަފްތާ ބަންދުގެ މުއްދަތު އިތުރު ކުރުމެވެ. އާއްމުކޮށް ދެވޭ ދެ ދުވަހުގެ ބަދަލުގައި ތިން ދުވަސް ހަފްތާ ބަންދަށް ދިނުމެވެ.

މިއީ ދުނިޔޭގެ ބައެއް ގައުމުތަކުގައި މިހާރު ވެސް ހިނގަމުން އަންނަ ސިޔާސަތެކެވެ. ނެދަލޭންޑްސް، ނިއުޒިލޭންޑް، ޖަޕާން އަދި ސްޕެއިން ފަދަ ގައުމުތަކުގައި އެ ގައުމުތަކުގެ ބައެއް އޮފީސްތަކުގެ މުވައްޒަފުން އޮފީހަށް ނުކުންނަން ޖެހެނީ އެންމެ ހަތަރު ދުވަހު އެވެ. އަމިއްލަ އޮފީސްތަކުގައި އުޅޭ މުވައްޒަފުން ވެސް ހިމެނޭ ގޮތުންނެވެ

މިކަމުގެ ނަތީޖާއެއްގެ ގޮތުން އެ ގައުމުތަކުގެ މަސައްކަތްތެރިންގެ މަސައްކަތް ހަލުވިވެ " ޕްރޮޑަކްޓިވިޓީ" އިތުރުވި އެވެ. ކުރާ ހިތުން މަސައްކަތްކޮށް އެކުރާ މަސައްކަތުގެ ފެންވަރު ވެސް ރަނގަޅުވި އެވެ. އިނގިރޭސި ބަހުން ބުނާނަމަ "އެމްޕްލޯއީ މޯޓިވޭޝަން" ބޮޑުތަނުން ރަނގަޅުވި އެވެ. .

ރާއްޖޭގެ ބައެއް ސަރުކާރު އިދާރާތަކުން ވެސް މި ސިޔާސަތު އަކަށައަޅައި ތަންފީޒު ކުރަން ފަށާފައިވާއިރު އޭގެ ފަހުން އެކަމުގެ ނަތީޖާ ރަނގަޅު ކަމަށް އެ އިދާރާއިން ވެސް ވަނީ ބުނެފަ އެވެ.

މިއީ މިވަގުތު ވަޒީފާގެ ބާޒާރުގައި ވަޒީފާގެ ފުރުސަތުތައް ފޯރުކޮށްދޭ ފަރާތްތަކުން ވިސްނަންވީ ކަމެކެވެ. ހަފްތާ ބަންދު އިތުރު ކުރުމަކީ މުވައްޒަފުންގެ ނަފްސާނީ ސިއްހަތު ރަނގަޅުވާނެ ކަމެކެވެ. އޮފީހުގެ މަސައްކަތްތައް ވެސް ރަނގަޅަށް ހިނގާނީ އެކަންކަން ހިންގަން އުފާވެރި މުވައްޒަފުންތަކެއް ތިބެގެންކަން ހަމަ ޔަގީނެވެ.

އެހެން ކަމުން ދުނިޔޭގެ ބޮޑެތި ގައުމުތައް މިސާލަކަށް ބަލައި މި ރާއްޖޭގައި ވެސް މިކަން ފެށުމަކީ ބުއްދިވެރި ކަމެއް ކަމަށް ފެނެ އެވެ. އެހެން ނަމަވެސް މިކަމުގައި ވެސް އެކި މީހުންގެ ޚިޔާލު ތަފާތުވާނެކަން ކަށަވަރެވެ.