އިނގިރޭސި ވިލާތެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް އަންހެނެއްގެ ރަހިމް ބަދަލުކުރާ "ޔުޓެރަސް ޓްރާންސްޕްލާންޓް ސާޖަރީ"އެއް ކާމިޔާބު ކަމާއެކު ކޮށްފި އެވެ.

ލަންޑަނުގެ ހޮސްޕިޓަލެއްގައި ކުރި އެ އޮޕަރޭޝަންގައި ރަހިމު ހަދިޔާ ކުރެވުނު އުމުރުން 37 އަހަރުގެ އަންހެނަކީ އުފެދުމުގައި ވެސް ރަހިމުގެ މައްސަލަތަކެއް ހުންނަ މީހެކެވެ.

"މޭޔާ ރޮކިޓަންސްކީ ކަސްޓާ ހޯޒާ ސިންޑްރޯމް" އަކީ ކޮންމެ 5000 އަންހެނަކުން އެއް އަންހެނަކަށް ކުރިމަތިވާ މަދުން ނޫނީ ނުފެންނަ ބައްޔެކެވެ.

އެ ބަލި ހުންނަ އަންހެނުން އުފަންވާއިރު ރަހިމު ރަނގަޅަށް އުފެދިފައި ނުވި ނަމަވެސް ބިސްރަވައިން ގަވާއިދުން ބިސް އުފައްދައިދެ އެވެ.

މި ސާޖަރީގައި އެ މީހާއަށް ރަހިމު ހަދިޔާ ކޮށްފައިވަނީ އޭނާގެ 40 އަހަރުގެ އެއްބަނޑު އެއްބަފާ ދައްތަ އެކެވެ. ސާޖަރީ ކާމިޔާބު ކަމާއެކު ނިމިފައިވާއިރު ދެ މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

އަދި ސާޖަރީއަށްފަހު ރަހިމް ލިބުނު އަންހެން މީހާ އައިވީއެފް މެދުވެރިކޮށް ދަރިއަކު ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.

މި ސާޖަރީއަކީ ކުރިއަށް އޮތް ތަނުގައި ދަރިމައިވުމުގެ މައްސަލަތައް ދިމާވާ އަންހެނުންނަށް ލިބުނު އުއްމީދުގެ ހުޅުކޮޅެއްގެ ގޮތުގައި ސިއްހީ މާހިރުން ސިފަ ކުރެ އެވެ.