މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާތަކެއް އުފުލާފައިވާ ރެޕް ލަވަކިޔުންތެރިޔާ އިސްމާއީލް އިފްހާމް މުހައްމަދު (ޕެސްޓް)، ހިމެނޭހެން އެމައްސަލާގައި ދެން ދައުވާ ލިބޭ ތިން މީހުންގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ފެބްރުއަރީ 13، 2021 ގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އިން މާލޭގައި، ހިންގި އޮޕަރޭޝަނެއްގައި ޑްރަގާ އެކު އިފްހާމް އާއި އިތުރު ހަތަރު މީހަކު ހައްޔަރުކުރީ، ރާއްޖެއަށް ޑްރަގް އެތެރެކޮށް، އެ ތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރުމުގެ ތުހުމަތުގަ އެވެ.

ޕެސްޓް އާއި ލ.ގަން-ތުނޑި، އަބަދަށްއުފާ، މުހައްމަދު ސުއިދުގެ މައްޗަށް އުފުލީ މައްޗަށް އުފުލީ ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ އާއި ކެނަބިސް ބޭނުން ކުރުމުގެ ކުށުގެ ދައުވާ ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ އަތުގައި ބެހެއްޓުމާއި ބޭނުން ކުރުމާއި ސިއްރު ކުރުމުގެ ދައުވާ އެވެ.

ލ.ގަން-ތުނޑި/ރޯޝަންހިޔާ، އަހްމަދު ހުޝާމްގެ މައްޗަށް އުފުލީ ކެނަބިސް ޓްރެފިކް ކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. އަދި ލ.ގަން-ތުނޑި، ހަނދުވަރީހިޔާ، އަހްމަދު ޝައްމޫންގެ މައްޗަށް އުފުލީ ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ އަތުގައި ބެހެއްޓުމާއި ބޭނުން ކުރުމާއި ސިއްރު ކުރުމުގެ ދައުވާ އެވެ.

އެ އެންމެން ވެސް ވަނީ އެ ދައުވާތަކަށް އިންކާރުކޮށްފަ އެވެ. ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ ދައުލަތުން ހުށަހެޅި ހެކިތަކުން، މީހަކު ކުށެއް ކޮށްފިކަން ޝައްކެތް ނެތް މިންވަރަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.

މަސްތުވާތަކެތި ފެނިފައި ވަނީ ޕެސްޓް ލައިގެން ހުރި ޖީންސުގެ ޖީބުގައި އޮތް ސިނގިރޭޓު ފޮއްޓެއްގެ ތެރެއިންނެވެ. އެތަކެތި ފެނުނީ މއ. ވިވާގެ ފުރަތަމަ ފަންގިފިލާގައި ހުރި އެޕާޓުމަންޓުގެ އަލަމާރިއެއްގެ ތެރެއިންނެވެ. އެގެއަކީ ޕެސްޓް، ސުއައިދު އަދި ހުސާމް ދިރިއުޅެމުންދިޔަ ގެ އެވެ.

ގ. ރިހިއަވި ގޭގެ ގްރައުންޑް ފްލޯގައި ހުރި ކޮޓަރިއަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މީގެއިތުރުން ސައިމާ ބޯޓުގެ މަތީ ސްލީޕިން އޭރިއާ ތެރޭގައި ހުރި ފަންކާއަކުން ވެސް މަސްތުވާތަކެތި ފެނުނެވެ.

ހުކުމްގައި ވަނީ މަސްތުވާތަކެތި ފެނުނު ތަންތަނާއި، ދައުވާ ލިބޭ މީހުންނާ ގުޅެނީ ކިހިނެއްތޯ އަދި އެތަންތަނަކީ އެ މީހުންގެ ބެލުމާއި ބާރު ހިނގާ ފަށުފައި ހުރި ތަންތަން ކަން ދައުލަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.