ޓިކްޓޮކްއަކީ ހަމަ ކޮންމެ ދުވަހަކު ވެސް އެކި ކަހަލަ ޓްރެންޑްތަކާއި ޗެލެންޖުތައް އުފަން ކުރުވަމުން އަންނަ ޕްލެޓްފޯމެކެވެ. އޭގެ ތެރޭގައި އެތައް ގޮތަކުން ނުރައްކާތެރި ކަންކަން ވެސް ހިމެނެ އެވެ.
އެގޮތުން ބަލާއިރު މިފަހަކަށް އައިސް ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ އެއް ޓިކްޓޮކް ޗެލެންޖަކީ ކުޑަކުދިންގެ ބޮލުގައި ބިހަކުން ޖަހައި އެ ބިސް ތަޅާލާ ޗެލެންޖެކެވެ.
މި ޗެލެންޖުގައި ކިރިޔާ ހިނގައިގަންނަ އުމުރުގެ ކުދިންގެ ބެލެނިވެރިން އެކުދިންގެ ބޮލުގައި ބިސް ޖަހައި ތަޅާލާ މަންޒަރު ފެނެ އެވެ. އެހެން ނަމަވެސް ގިނަ ކުދިން އޭގެ ސަބަބުން ރޯން ފަށާއިރު އަނެއްބައި ކުދިން އެ ބިސް މައިންބަފައިންގެ ގަޔަށް ޖަހަން ވެސް ޖަހަ އެވެ.
"އެގްޕްރޭންކް" ހޭޝްޓެގް ބޭނުންކޮށްގެން ކުރިއަށް ގެންދާ މިޗެލެންޖުގެ ވީޑިއޯތަކަށް ހަ މިލިއަނަށްވުރެ ގިނަ ވިއުސް ލިބިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާއިރު މި ޗެލެންޖްގައި ބައިވެރިވާ ބެލެނިވެރިން އަންނަނީ އިތުރު ވަމުންނެވެ.
އެހެން ނަމަވެސް ޑޮކްޓަރުން މިވަނީ މިކަމާ ދެކޮޅަށް ބެލެނިވެރިންނަށް އިންޒާރެއް ދީފަ އެވެ. އެގޮތުން އެއީ ކުރު އަދި ދިގު މުއްދަތުގެ ގެއްލުން ވެސް ދަރިންނަށް ލިބިދާނެ ކަމެއް ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.
އެގޮތުން އެއީ ކުޑަކުދިންގެ ނާޒުކު ބޮލުގެ ނާށިގަނޑަށް ގެއްލުން ދޭނެ ކަމެއް ކަމަށާއި އޭގެ އިތުރުން ބިހުގެ ސަބަބުން އިސްތަށިގަނޑުގައި ޖަރާސީމު އާލާވުމުގެ ފުރުސަތު ވެސް އޮންނަ ކަމަށެވެ.
މި ޗެލެންޖުގައި އަމިއްލައަށް ބައިވެރިވި ޑޮކްޓަރަކު ބުނީ އޭނާގެ އަމިއްލަ ބޮލުގައި ޖަހައިގެން ވެސް ބިސް ތަޅާލަން އުނދަގޫވި ކަމަށާއި އެހެން ކަމުން ބިހެއް ތަޅާލަން ކުޑަކުދިންގެ ބޮލުގައި މާ ބާރަށް ޖަހަން ޖެހޭނެ ކަމަށެވެ.
"އަހަންނަކީ ބޮޑު މީހެއް. އެކަމަކު އަހަރެންގެ ބޮލުގައި ވެސް ބިހެއް ތަޅާލަން އެހާ އުނދަގޫވި. ކުޑަ ކުއްޖެއްގެ ބޮލުގައި އެހެން ޖަހާއިރު ވާނެ ވަރު ވިސްނާ" އެ ޑޮކްޓަރު ވިދާޅުވި އެވެ.
އެހެން ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއް ވިދާޅުވީ މިއީ މަޖާ ކަމަކަށް ވާ ގޮތެއް އޭނާއަށް ނުވިސްނުނު ކަމަށާއި ކުއްޖާއަށް އެ ދެވެނީ ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ކަމަށެވެ.
އެހެން ކަމުން މިފަދަ ނުރައްކާތެރި ޓްރެންޑްތަކުން ދުރުވެ ސޯޝަލް މީޑިއާ ވެސް އޭގެ އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރުމަށް ޑޮކްޓަރުން ލަފާދެ އެވެ.