ކަޑަ ޖެހުމަކީ މަލްޓި ޕާޓީ ޑިމޮކްރަސީ އާއެކު މާޒީވެ ގޮސްފައިވާ ކަމެއް ކަމަށް ބަލަން ބޭނުން ކަމަށް ވިޔަސް ޕާޓީތަކުގެ މެދުގައި ބާއްވާ ވާދަވެރި ކެމްޕޭންތަކުގައި ވައުދުގެ ގޮތުގައި ކޮށްދޭން ބުނާ ކަންތައްތަކަކީ "ކަޑަޖެހުން" ކަމަށް ބަލަން ޖެހޭ ހިސާބަށް މިހާރު ވަނީ ގޮސްފަ އެވެ.
ރިޔާސީ އިންތިޚާބު ކުޑަތަންވެފައިވާއިރު އެރޭހުގައި ވާދަކުރާ 8 ކެންޑިޑޭޓުން މުޅި ރާއްޖޭގެ އެތަން މިތާގައި ގެންދަވަނީ އެކި ބާވަތުގެ ވައުދުތައް ވަމުންނެވެ. އަހާ މީހުންގެ ހިތްތައް ތަފާތު ޖަޒުބާތުތަކާ ކުޅެލައި، ގައިން ހީ ބިހި ނަގާ ފަދަ ވައުދުތައް އޭގެ ތެރޭގައި ހިމެނެ އެވެ. އެކަކު އަނެކަކަށް ވުރެ ބޮޑު މޮޅު ވައުދެއްވެ، ވޯޓު ދޭން ތިބި މީހުންގެ ހިތްތައް ފަތަހަކުރަން މަސައްކަތް ކުރާއިރު، އެކުރާ ވައުދުތަކާއި އެ ވައުދުތަކަކީ ފުއްދިދާނެ ވައުދުތަކެއްތޯ ވިސްނައި އަމިއްލައަށް ގޮތެއް ކަނޑައެޅުމުގެ ޒިންމާއަކީ ވަކިވަކި ފަރުދުންގެ ކޮނޑުގައި އެޅޭ ބޮޑު މަސްއޫލިއްޔަތެކެވެ. އެ މަސްއޫލިއްޔަތު އަދާކޮށް ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު ވޯޓު ފޮށި ދޮށަށް ދިއުމުގެ ކުރިން ކެންޑިޑޭޓުންގެ ވައުދުތަކާ މެދު ވިސްނައި ގޮތެއް ނިންމަން ޖެހޭނެ އެވެ.
1. އުމަރު ނަސީރު
"ހުދު ވަލެއްގައި" ހިތްޕަވައިގެން "ހައްލަކީ އުމަރު" ކަމުގައި ވަކާލާތު ކުރައްވާ އުމަރުގެ އެންމެ ބޮޑު ވައުދަކީ ރާއްޖޭގެ މާހައުލުގައި އުފެދިފައިވާ އިސްލާމް ދީނާ ތައާރުޒުވާ ކަންތައްތައް ހުއްޓުވައި މުޖުތަމައަށް ހަމަ ޖެހުން ގެނެސް ދިނުމުގެ ވައުދެވެ. އުމަރު ވިދާޅުވަނީ ޑްރަގް ޑީލަރުންނަށް މަރުގެ އަދަބު ދެއްވާނެ ކަމަށެވެ. "ކަތިވަޅި" ހިފައިގެން މަގުމަތީގައި ނޫޅެވޭނެ ކަމަށް ވިދާޅުވެ އުމަރުގެ ވެރިކަމެއްގައި ގޭންގްތަކުގެ މާރާމާރީ ފަދަ ކަންތައް ހުއްޓުވާނެ ކަމުގައި ވައުދުވެ ވަޑައިގަންނަވަ އެވެ.
ޕާޓީއަކާ ގުޅުމެއްނެތި ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރުގެ ވައުދުތަކަށް އިހުތިރާމް ކުރާ މީހުން ގިނަ ކަމަށް ފާހަގަ ވިޔަސް އުމަރުގެ ހަރުކަށި މެސެޖްތަކަށް ދެކޮޅު ހަދައި އެހެން އެއްވެސް ކެންޑިޑޭޓަކަށް އަމާޒު ނުވާ ފަދަ ނުރައްކަލާ އުމަރަށް ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވެ އެވެ. މަރުގެ އިންޒާރާއި ކެމްޕޭނު ތެރޭގައި ހަމަލާ ދިނުން ފަދަ ކަންތައް އުމަރަށް އަމާޒު ވިޔަސް އޭނާގެ ގޮތުގައި ކެމްޕޭނު ދަނީ ކުރިއަށެވެ.
2. ހަސަން ޒަމީލް
ހަސަން ޒަމީލަކީ މުޅިން އަލަށް ސިޔާސީ އުދަރެހުން ފާއްދާލި ނަމެކެވެ. ރަނިން މޭޓެއްގެ ގޮތުގައި އަނބިކަނބަލުން ގޮވައިގެން ނިކުންނެވި ޒަމީލުގެ މާބޮޑު ކެމްޕޭން ހަރަކާތެއް ނުފެނުނު ކަމުގައި ވިޔަސް ގޭގައި ތިބޭ އަންހެނުންނަށް އެލަވަންސެއް ދެއްވާނެ ކަމަށް ޒަމީލު ވަނީ ވިދާޅުވެފަ އެވެ. މިއީ ގިނަ އާއިލާތަކަކަށް އުފާވެރި ވައުދެއް ކަމަށް ވެދާނެ އެވެ. އެހެނަސް އެފަދަ އެލަވަންސަކުން އެންމެ މުއްސަނދި މީހާގެ އަނބިންނަށް ވެސް ދޭން ޖެހިދާނެތީ މިއީ ދައުލަތުގެ ފައިސާ ބޭނުން ކުރަން އެންމެ ރަނގަޅު ގޮތްތޯ ސުވާލު އުފެދެ އެވެ
3. އިބްރާހިމް މުހައްމަދު ސޯލިހް
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހަންމަދު ސޯލިހަކީ މިހާރުގެ ރައީސެވެ. އެމަނިކުފާނު އިތުރު ދައުރެއް ހޯއްދެވުމަށް ކުރައްވަމުން ގެންދަވާ ކެމްޕޭނުގައި އެންމެ ބޮޑު ފޯކަސްއަކަށް އޮތީ ކުޑަ ރަށެއް ބޮޑު ރަށެއް ފަރަގު ނުކުރެއްވުމުގެ ވައުދެވެ. އެގޮތުން ވަޑައިގަންނަވާ ކޮންމެ ރަށަކަށް ވެސް ބޭނުން ވެފައިވާ ހުރިހާ ކަމެއްކޮށް ދެއްވާނެ ކަމަށް އެމަނިކުފާނު ގެންދަވަނީ ވައުދުވެވަޑައިގަންނަވަމުންނެވެ. އެ ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށް ވައުދުވެ ވަޑައިގަންނަވަމުން އެމަނިކުފާނު ވިދާޅުވަނީ އިތުރު ދައުރެއް ލިބި ވަޑައިގެންފިނަމަ ބަޖެޓް އަރަނިކޮށް ދެއްވާނެ ކަމަށެވެ. ކިހިނެތް ކަމެއް ވިދާޅެއް ނުވެ އެވެ.
4. ޑރ. މުހައްމަދު މުއިއްޒު
ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަކީ މިފަހަރުގެ އިންތިޚާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެންމެ ގާތުން ވާދަކުރައްވާނެ ބޭފުޅާ ކަމަށް ބެލެވެ އެވެ. ރައީސް ސޯލިހު ފަދައިން މުއިއްޒު ވެސް ގެންދަވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ބޮޑެތި ވައުދުތަކެއްވަމުންވެ.
ހަތް އަހަރެއްހާ ދުވަހު ހައުސިން މިނިސްޓަރުކަން ކުރެއްވި އަދި މިހާރު ވެސް މާލެ ސިޓީގެ މޭޔަރު ޑރ. މުއިއްޒުގެ ވައުދުތަކުގެ ތެރޭގައި އާ އެއާޕޯޓު އެޅުމާއި ޕިކްނިކް އައިލޭންޑް ހެދުމާއި ބިން ހިއްކުމާއި ބްރިޖް އެޅުން ހިމެނެ އެވެ. ބޮޑެތި މަޝްރޫއުތަކަކަށް ވައުދުވެވަޑައި ގަންނަވައި، އެ މަޝަރޫއުތަކަށް ފައިސާ ހޯދާނެ ގޮތުގެ ސުވާލު އުފެދިފައިވާއިރު މުއިއްޒު ވިދާޅު ވަނީ ގައުމުގެ ދަރަނި ރިސްޓްރަކްޗާ ކުރައްވާނެ ކަމަށެވެ. އެއީ ގައުމުގެ ކްރެޑިޓް ރޭޓިން ވަގުތުން ދަށަށް ގޮސް އެކަމުގެ ސަބަބުން އިތުރު ލޯނު ހޯދަން އުނދަގޫވާނެ ކަމެކެވެ.
5. ގާސިމް އިބްރާހީމް
ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމަކީ މިހާތަނަށް އެންމެ ގިނަ ފަހަރު ރިއާސީ އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓެވެ. ޓެސްޓު ކޮށްލުމަށް އެމަނިކުފާނަށް ވޯޓު ދޭން އެދިވަޑައިގަންނަވަމުން ގާސިމް ގެންދަވަނީ ރައްޔިތުންނަށް ވަރަށް ގިނަ ކަންތައް ކޮށްދެއްވައި ރައްޔިތުން މުއްސަނދިކޮށް ދެއްވާނެ ކަމަށް ވިދާޅުވަމުންނެވެ.
ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަނު ގާސިމްގެ ވައުދުތަކުގެ ތެރޭގައި އެންމެންނަށް ހިލޭ ބޯހިޔާވަހިކަން ދިނުން ފަދަ ބޮޑެތި ވައުދުތައް ހިމެނޭއިރު، ދައުލަތުން ދޫކޮށްފައިވާ ލޯނުތައް ވެސް މައާފުކޮށް ދެއްވާނެ ކަމަށް އެމަނިކުފާނު ގެންދަވަނީ ވިދާޅުވަމުންނެވެ.
6. އަހުމަދު ފާރިސް މައުމޫން
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނު މިފަހަރުގެ އިންތިޚާބަށް އަލަށް ނިކުމެވަޑައިގެން އުޅުއްވާއިރު އެމަނިކުފާނުގެ ވައުދުތައް ހުރީ ގައުމުގެ އިޖުތިމާއީ އަޚުލާގީ ކަންކަން ރަނގަޅުކޮށް، ކޮރަޕްޝަނާއި ވައްކަން ފަދަ ކަންކަން ސަރުކާރުގެ އިދާރާތަކުން ފޮހެލުން ފަދަ ކަންތަކެވެ. މުޅިން ވެސް ރަނގަޅު ކަންތަކެވެ. ފައިސާ މާބޮޑަށް ބޭނުންވާ ފަދަ ބޮޑެތި ޕްރޮޖެކްޓްތަކުގެ ވާހަކައެއް ނުދައްކަވަ އެވެ. އެހެންކަމުން އެމަނިކުފާނުގެ ވައުދުތަކަށް އާންމުންގެ މާބޮޑު ޝައުގެއް އޮތް ކަމަކަށް ނުފެނެ އެވެ.
7. އިލްޔާސް ލަބީބް
އިލްޔާސަކީ އަލަށް އުފެދުނު ދަ ޑިމޮކްރޭޓްސްގެ ކެންޑިޑޭޓެވެ. އިލްޔާސް ވައުދުވެ ވަޑައިގަންނަވަނީ ކޮރަޕްޝަން ހުއްޓުވާނެ ކަމަށެވެ. އިލްޔާސްގެ މައިގަނޑު ވާހަކަފުޅަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވައުދުތައް ނުފުއްދައި، އަނިޔާވެރިކަން އިސްކުރި ކަމާއި އެކަންކަން ރަނގަޅުކޮށް ދެއްވައި ރަނގަޅު ވެރިކަމެއް ކޮށްދެއްވާނެ ކަމަށެވެ. ޒުވާނުންނާއެކު އަބަދުވެސް ވާނެ ކަމަށް ވިދާޅުވަމުން އިލްޔާސް ގެނަދަވަނީ ޒުވާނުންނަށް ތަފާތު ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވަމުންނެވެ. ޖުމްލަ ގޮތެއްގައި އިލްޔާސް ވިދާޅު ވަނީ އާންމުކޮށް އެންމެންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދެއްވައި 24 ގަޑިއިރު ޚިދުމަތުގައި ހުންނަވާނެ ކަމަށެވެ.
8. މުހައްމަދު ނާޒިމް
އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމަކީ ހަމަހަމަކަމާއި އިންސާފަށް ވަކާލާތު ކުރައްވަމުން ވެރިކަމަށް ކުރިމަތިލައްވާ ބޭފުޅެކެވެ.
ސިފައިންގެ އިސް އޮފިސަރެއްގެ ގޮތުގައި ކުރިން އުޅުއްވި ނާޒިމު ވިދާޅުވާގޮތުގައި ބަލިވީމާ ބޭހަށް ސަލާން ޖެހުން އޭނާ ހުއްޓުވާނެ އެވެ. އެންމެނަށް ހަމަހަމަ އުސޫލުން އާސަންދަ ލިބޭނެ މަގު ހަމަޖެއްސެވުމުގެ އިތުރުން ގެދޮރު އެޅުމަށް ބޭނުންވާ ލޯނުގެ އިންޓްރެސްޓް ރޭޓް ދަށް ކުރުމަށްޓަކައި އެކަމަށް ޚާއްސަ ބޭންކެއް އުފައްދަވާނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި ނާޒިމް ވެސް އާންމު ގޮތެއްގައި ރާއްޖޭގެ ރައްޔިތުންނަށް އިތުރު ތަރައްގީ އާއި އުފާވެރިކަން ގެނެސްދޭނެ އެތައް ކަމަކަށް ވައުދުވެ ވަޑައިގަންނަވަ އެވެ.
ވައުދުތަކުގެ ދެފަރާތް
ރިޔާސީ އިންތިޚާބަށް ހުރިހާ މެންބަރުން ވެސް ވައުދު ވެވަޑައިގަނަނަވަނީ ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންތައް ކޮށްދޭށެވެ. ބޮޑެތި ކަންތަކެވެ. އަގު ބޮޑު ބިޔަ މަޝްރޫއުތަކެވެ. އެކަކު ވެސް ނުދައްކާ ވާހަކައަކީ އެ މަޝްރޫއުތައް ހިންގަން ފައިސާ ހޯދާނެ ގޮތެކެވެ.
ރާއްޖެއަށް ލިބޭ އާމްދަނީ އިން ބަޖެޓް ދެކޮޅު ނުޖެހޭއިރު އިތުރު ބިޔަ މަޝްރޫއުތައް ހިންގައި، ބޯހިޔާވަހި ކަންފަދަ ކަންކަން ހިލޭ ކޮށްދޭން ވާ ވައުދަކީ ފުއްއްދޭނެ ކަންކަން ކަމުގައި ބަލަން ޖެހޭނީ ވެސް އެކަން ކުރާނެ ގޮތެއް ވިސްނައި ދެވިގެންނެވެ. އެހެން ނޫނީ އެ ވައުދުތައް ވެގެން ދާނީ ފެން ނެތް ބޮޑެތި ކާށި ބިނުން ފަދަ ކަމަކަށެވެ.