އިންޑިއާ ސިފައިން ރަސްމީ ގޮތުން ރާއްޖޭގައި ނެތެވެ. އެކަމަކު އެމީހުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމްވެ ތިބިކަމުގެ ޝަކުވާ ރާއްޖޭގެ ރައްޔިތުން ކުރަމުން އަންނަތާ ކިތަންމެ ދުވަހެއް ވެއްޖެ އެވެ. ދިވެހި ސަރުކާރުން ވެސް އިންޑިއާ ސިފައިން ރާއްޖޭގައި ނެތް ކަމަކަށް ނުބުނެ އެވެ. އެކަމަކު ތިބި ކަމަށް ވަންޏާ ތިބި އަދަދަކާއި އެމީހުން ކުރާ ކަމަކާއި ހާމަކުރަން ދެކޮޅު ހަދަ އެވެ. ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބުނެ އެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ކެންޑިޑޭޓުންގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ވެސް މި މައްސަލަ ވަނީ ހިމެނިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފިޔަވައި އެހެން ހުރިހާ ކެންޑިޑޭޓުން ވެސް ވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ ތިބުމާ ދެކޮޅަށް ވާހަކަ ދައްކައިފަ އެވެ. އޭގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމާއި ޕީއޭންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އުމަރު ނަސީރާއި އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ހުރިހާ ބޭފުޅުން ވެސް ވަރަށް ސާފުކޮށް ވިދާޅުވަމުން ގެންދަވަނީ އިންޑިއާ ސިފައިން ރާއްޖެއިން ބާލާނެ ކަމަށެވެ. އެހެން ނަމަވެސް އެކަމަކީ އެހާ ފަސޭހައިން ކުރެވޭނެ ކަމެއްތޯ އުފެދޭ ސުވާލަށް މާބޮޑު ޖަވާބެއް ނުލިބެނީ ކެމްޕޭނަށް ލީޑަރުން ވެވަޑައިގަންނަވާ ވައުދުތައް ފުއްދަވާނެ ގޮތެއް ވިދާޅުވެ ދެއްވަމުން ނުގެންދަވާތީ އެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭކަމުގެ އަޑުތަކުގެ ފެށުން ގުޅެނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރާއެކު ހެދި އެއްބަސްވުމެއްގެ ދަށުން ރާއްޖެ ގެނައި ދެ ހެލިކޮޕްޓަރާއެކު ގެނައި އެގައުމުގެ ސިފައިންނާ އެވެ. އެ ހެލިކޮޕްޓަރަކީ ރާއްޖެއަށް ހަދިޔާ ކުރި އެއްޗެއްގެ ގޮތުގައި އޮޅުވައިލައިގެން އިންޑިއާ ސަރުކާރުން ރާއްޖޭގައި އެ ގައުމުގެ މިލިޓަރީ ބޭތިއްބުމަށް އެޅި ފުރަތަމަ ފިޔަވަޅު ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

ހަދިޔާކުރި ކަމަށް ބުނި ހެލިކޮޕްޓަރާއެކު ރާއްޖެއަށް ސިފައިން އައީ ދިވެހި ސިފައިންނަށް ހެލިކޮޕްޓަރު ދުއްވަން ދަސްވަންދެން އެ ހެލިކޮޕްޓަރުތައް ދުއްވުމުގައި އެހީތެރިވުމަށެވެ. އެކަމަކު 15 އަހަރު ވީއިރު ވެސް ދިވެއްސަކަށް ހެލިކޮޕްޓަރު ދުއްވަން ދަސްނުވުމުގެ ސަބަބުން އިންޑިއާ ސިފައިން ރާއްޖޭގައި ހެލިކޮޕްޓަރާއެކު ގާއިމްވެ ތިބޭ ތިބުމަށް ނިމުމެއް ނަ އެވެ. އޭގެ ބަދަލުގައި ސިފައިންގެ އަދަދު އައީ ގިނަވަމުންނެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ފަހު ދުވަސްކޮޅުގައި އިންޑިއާ ސިފައިންނާއި އެމީހުންގެ ހެލިކޮޕްޓަރު ރާއްޖެއިން ގެންދަން އެންގި އެވެ. ނަމަވެސް އިންޑިއާއިން އެ އެންގުމުގެ އަޑެއް ނޭހި އެވެ. ދިވެހި ސަރުކާރުން އިންޑިއާ ސިފައިންގެ ވިސާ އިތުރުކޮށް ނުދިނުމުން ވެސް އެމީހުން އަނބުރާ ނުގެންގޮސް ވިސާއަކާ ނުލައި ރާއްޖޭގައި ބޭތިއްބި އެވެ.

ރާއްޖޭގައި ވިސާ ނެތި ގަވައިދާ ޚިލާފަށް ތިބި އިންޑިއާ ސިފައިންގެ ކަންތައް އަލުން ރަސްމީކުރުވައި، އެމީހުން ރާއްޖޭގައި ގާއިމުވެގެން ތިބުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މަގު ފަހިކޮށްދިނެވެ. އޭގެ އިތުރުން ރާއްޖޭގެ ސަލާމަތީ ގޮތުން މުހިންމު ބަނދަރުތަކާއި އެއާޕޯޓުތައް ފަދަ ތަނަތަނުގެ ބާރުވެރިކަން އިންޑިއާއަށް ދީ އިންޑިއާ ސަރުކާރުގެ ބޮޑެތި ލޯނުތަކުގެ މަޅީގައި ސަލާމަތް ނުވެވޭ ވަރަށް ސަރުކާރު ވަނީ ޖެހިފަ އެވެ.

މިއަދުގެ ހާލަތަށް ބަލާއިރު އުތުރު ތިލަފަޅު އިންޑިއާގެ ދިފާއީ ބާރުތަކަށް ބޭނުންކުރެވޭ ގޮތަށް ބަނދަރެއްގެ ގޮތުގައި ތަރައްގީކުރުމަށް އިންޑިއާ ސަރުކާރާ ހަވާލުކުރި ކުރުމާ ބެހޭ ލިއުމުގެ އެއްވެސް މިންވަރެއް ރައްޔިތުންނަށް ހާމަކުރުމަށް ސަރުކާރުން އަންނަނީ ދެކޮޅު ހަދަމުންނެވެ. އެއީ ގައުމީ ސަލާމަތަށް އެކަމުން ނުރައްކާ އޮތް ކަމަށް ބުނަމުންނެވެ. އެހެންކަމުން އެފަދަ ލިއުމެއް ހާމަކޮށްގެން ގައުމީ ސަލާމަތަށް އެހާ ބޮޑު ނުރައްކަލެއް އޮތްއިރު، އެ މަސައްކަތާ ދެކޮޅަށް ބަހެއް ބުނެ އެމަސައްކަތް ހުއްޓުވަން ކުރެވޭ ކަމަކުން ގައުމީ ސަލާމަތަށް ވާނެ ނުރައްކާ އަދި މާބޮޑުވާނެ ކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ.

އަންނަ މަހު ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ގިނަ ބޭފުޅުން ގެންދަވަނީ ދިވެހި ރާއްޖެއިން އިންޑިއާ ސިފައިން ފޮނުވައިލާނެ ކަމުގެ ވައުދު ވެވަޑައިގަންނަވަމުންނެވެ. މިއަދުގެ ސަރުކާރުން ގައުމުގެ ދިފާއީ މުހިންމު ކަންކަމުގެ ތެރެއަށް އިންޑިއާ ވައްދާފައިވާ މިންވަރާއި އިންޑިއާގެ ލޯނުގެ ދަންތުރާގައި ޖައްސާފައިވާ މިންވަރަށް ބަލާއިރު، އަންނަ މަހުގެ ނުވަވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބަށް ފަހު ކޮންމެ ބޭފުޅަކު ރައީސް ކަމަށް ވަޑައިގެންނެވި ކަމަށް ވިއަސް އިންޑިއާ ސިފައިން ދިވެހި ފަސްގަނޑުން ބޭލުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. ކެމްޕޭން ވައުދުތަކުގެ ތެރެއިން ފުއްދަން އެންމެ އުނދަގޫ ވައުދަށް އިންޑިއާ ސިފައިން ބޭލުމުގެ ވައުދު ވާނެ އެވެ.