"ދަ މޯލްޑިވްސް އޯޝަން ހެކަތަން" ގެ ނަމުގައި ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު އިނާމެއް ހުށަހެޅިފައިވާ ހެކަތަންގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ހަފްލާއެއްގައި، މި ހެކަތަން އިފްތިތާހްކޮށްދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު އާމިނަތު ޝައުނާ އެވެ.

މިނިސްޓަރު ޝައުނާގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ނާޒުކު މާހައުލީ ވެއްޓެއް އޮންނަ ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރެވޭނީ، ވީ އެންމެ އަވަހަކަށް އެ އަންނަ ބަދަލުތައް ދެނެގަނެވިގެން ކަން ފާހަގަކުރެއްވި އެވެ. އަދި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ފަންނީ އަދި ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް ގަވާއިދުން ރިކޯޑްކުރެވި ރަނގަޅަށް އެއްކުރެވޭ ޑޭޓާ ލިބުމުގެ މުހިންމުކަމާއި، އެއީ ބޮޑު ޖެހުމެއްކަމަށް ފާހަގަކުރެއްވި އެވެ. ޑިޖިޓަލް ޓެކްނޯލޮޖީ އަކީ މި ގޮންޖެހުމަށް އޮތް ހައްލެއްކަމާއި، މި ހެކަތޯންއަކީ، ކްލައިމެޓް ޗޭންޖް އަދި ޓެކްނޯލޮޖީ އެއް ފުރާޅެއްގެ ދަށަށް ގެނެވި ފާއިތުވި ދެއަހަރުގައި ކުރެވުނު މަސައްކަތުގެ ކާމިޔާބީގެ ފެށުން ކަމުގައިވެސް ބަޔާން ކުރެއްވި އެވެ.

މި ހަފްލާގައި ހެކަތޯންގެ މައުލޫމާތު ދެއްވީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝަރީފެވެ. މި ހެކެތަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 15 އިން 17 އަށް ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ. މެދުނުކެނޑި 48 ގަޑިއިރަށް ހިންގާ ހެކަތޯންގައި 3 – 5 މެމްބަރުންގެ ޓީމްތަކަށް ބައިވެރިވެވޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. 10 ޓީމަށް ބައިވެރިވެވޭގޮތަށް ބާއްވާ މި ހެކަތޮންގެ އެއްވަނަ ފަރާތަކަށް 10,000 އެމެރިކާ ޑޮލަރުގެ އިނާމެއް ކަނޑައަޅާފައިވާކަމަށް މިނިސްޓްރީއިން ބުނެ އެވެ.

މި ހެކަތޯން ކުރިއަށް ގެންދިއުމުގައި ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑާއި، ކްރޮސް ރޯޑް މޯލްޑިވްސް، ވިލާ ކޮލެޖް، ނޫރާއްޖެ ޕްރޮގްރާމް އަދި ޕަބްލިކް ސާވިސް މީޑިއާއިން ޕާޓްނަރުންގޮތުގައި ބައިވެރިވެ އެވެ. އަދި މީގެ އިތުރުން ރާއްޖެއިން ބޭރުގެ ފަރާތްތަކެއް ކަމުގައިވާ މައިކްރޮސޮފްޓް އަދި އެކްސް ޕްރައިޒް އިން ފަންނީ އެހީތެރިކަން ފޯރުކޮށްދެ އެވެ. ދަ މޯލްޑިވްސް އޯޝަން ހެކަތޮން އަކީ ވޯލްޑް ބޭންކްގެ ހިލޭ އެހީގެ ދަށުން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން ހިންގާ "ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓްރަލައިޒޭޝަން އެންޑް ޑައިވަސިފިކޭޝަން" (ޑީމެޑް) ޕްރޮޖެކްޓުން ކުރިއަށްގެންދާ ހަރަކާތެކެވެ.