އަންނަ ދައުރުގައި ވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ އެކު ކޯލިޝަން ހައްދަވައިގެން ކުރިއަށް ވަޑައިގަންނަވަން ކަމަށާއި ނަމަވެސް އެކަމުގައި ޚިޔާލު ތަފާތުވީ ގާސިމްގެ އަރިހުގައި ލަފާދެއްވަން ތިއްބެވި ބައެއް ބޭފުޅުން ކަމަށް ރައީސް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ގާސިމް ހުންނެވީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ގޮތަށް ނޫން ކަމަށާއި އެހެން ނަމަވެސް ކައިރީގައި ތިއްބެވި ލަފާދެއްވާ ބޭފުޅުން ބޭނުންފުޅުވީ ގާސިމް އިންތިޚާބުގައި ވާދަކުރައްވަން ކަމަށެވެ.

"ކައިރީގައި ތިއްބެވި ލަފާދެއްވާ ބޭފުޅުން އެ ވިސްނުމާ މުޅިން ޚިޔާލުތަފާތުވީމާ، މަޖްބޫރީ ހާލަތެއްގައޭ ވިދާޅުވީ ތިމަންނާ ކުރިމަތިލައްވަނީ،" ރައީސް ވިދާޅުވި އެވެ.

ގާސިމް ވެސް ކުރިން ވަނީ އެމަނިކުފާން ހުންނެވީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ގޮތަށް ނޫން ކަމަށް ވިދާޅުވެފަ އެވެ. އެހެން ނަމަވެސް ކޮންގްރެސް އާއި ކައުންސިލުން އެމަނިކުފާން ވާދަކުރައްވަން ޖެހޭނެ ކަމަށް ނިންމުމުން އެގޮތަށް އަމަލް ކުރެއްވީ ކަމަށް ގާސިމް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޮވިޑުގެ ހާލަތުގައި ގާސިމް ހުންނެވީ ސިޔާސީ ކަންކަމާ ތަންކޮޅެއް ދުރުގައި ކަމަށާއި އެހެންވެ ކަންކަން އެހާ ބޮޑަށް ސާފުނުވެ އޮތް ވަގުތެއްގައި އަރިސް ބޭފުޅުން ލަފާދެއްވީ އިންތިޚާބުގައި ގާސިމް ވާދަކުރެއްވުމަށް ކަމަށެވެ.

ރައީސް ވިދާޅުވީ ގާސިމްއާ އެކު އެއްބަސްވުމަކަށް ނާދެވުނީ ވަކި ކަމަކަށް އެއްބަސް ނުވެވިގެން ނޫން ކަމަށާއި ސަރުކާރުގެ ސިޔާސަތުތައް ކުރިއަށްދާ ގޮތާ މެދު އެބޭފުޅުން ވެސް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރެވޭނީ އެމްޑީޕީއާ އެކު ކަމަށް އެބޭފުޅުން ގަބޫލް ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.