ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމު "ޓައިގާ 3"ގެ އާ ޕޯސްޓަރެއް އާއްމު ކުރުމާއެކު އެ ފިލްމާއި މިއަހަރުގެ ކުރީކޮޅު ނުކުތް ޝާހްރުކް ޚާންގެ ފިލްމް "ޕަތާން" އާ ގުޅުމެއް ވާ ކަމަށް އަޑުތައް އަރައިފި އެވެ.

އެގޮތުން ޓައިގާ 3ގެ މައިގަނޑު ވާހަކަ ބިނާ ވެފައި އޮންނާނީ ޕްތާންގެ ވާހަކައާ ގުޅުވައިގެން ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވެ އެވެ.

މީގެ އިތުރުން ވެސް އާއްމުން ފާހަގަ ކުރި އަނެއް ކަމަކީ ޓައިގާ 3ގެ ޕޯސްޓަރާއި ޕަތާންގެ ޕޯސްޓަރުގައި ހުރި އެއްގޮތް ކަމެވެ. އެ ދެ ޕޯސްޓަރުގައި ވެސް ފިލްމުގެ ލީޑު ދެ ތަރިން ހަތިޔާރާއެކު ދާދި އެއްގޮތަކަށް ތިބޭ މަންޒަރު ފެނެ އެވެ.

ޕަތާންގެ ޕޯސްޓަރު

ޓައިގާ 3 އަކީ ސަލްމާންގެ ޓައިގާ ފްރެންޗައިޒުގެ ތިންވަނަ ފިލްމެވެ. މި ފިލްމުގައި ސަލްމާންގެ އިތުރުން ދެން ފެނިގެންދާނީ ކެޓްރީނާ ކައިފް އެވެ.

މިއަަހަރުގެ ކުރީކޮޅު ނުކުތް ޕަތާންގައި ޝާހްރުކް އާއެކު ދީޕިކާ ޕަދުކޯން ފެނިގެން ދިޔައިރު އެ ފިލްމު ވަނީ ބޮކްސް އޮފީހުގެ ގިނަ ރެކޯޑުތަކެއް ވެސް މުގުރާލާފަ އެވެ.

ޕަތާންގައި ސަލްމާންގެ ހާއްސަ ފެނލުމެއް ފެނިގެން ދިޔައިރު ޓައިގާ 3 ގައި ޝާހްރުކްގެ ހާއްސަ ފެނިލުމެއް ވެސް ފެނިގެން ހިނގައިދާނެ ކަމަށް ހަބަރުތައް ބުނެ އެވެ.