މިއަހަރުގެ ދެވަނަ ކުއާޓަރުގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ލިބުނު އާމްދަނީ 835.6 މިލިއަން ޑޮލަރަށް އަރައިފި އެވެ.
މި އާމްދަނީއަކީ ރިސޯޓުތަކާއި ޓޫރިސްޓް ހޮޓާ އަދި ގެސްޓް ހައުސް ސަފާރީ ފަދަ ޓޫރިޒަމް ހިދުމަތްދޭ ތަންތަނަށް އައި ޓޫރިސްޓުން ހޯދި ހިދުމަތްތަކަށް ދެއްކި އަދަދެވެ. މީގެ ތެރޭގައި ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަނުން ދައުލަތުގެ ޓެކްސްގެ އިދާރާ (މީރާ)އަށް ދެއްކި ޓެކްސްއެއް ނުހިމެނެ އެވެ.
މަރުކަޒީ ބޭންކު، އެމްއެމްއޭ އިން އާއްމުކުރި މިއަހަރުގެ ދެވަނަ ކުއާޓަރު އިކޮނޮމިކް ބުލެޓިންގައިވާ ގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރުގައި ޓޫރިޒަމް ދާއިރާއަށް ލިބުނު އާމްދަނީއަކީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ހަ ޕަސެންޓްގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ލިބުނު އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ ޓޫރިސްޓް ބެޑް ނައިޓް އިތުރުވުން ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އިކޮނޮމިކް ބުލެޓިންގައިވާ ގޮތުން މި އަހަރުގެ ދެވަނަ ކުއާޓަރުގައި 405،679 އައި ޓޫރިސްޓުން އައިއިރު، މިއީ 2022 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 6 ޕަސެންޓްގެ ކުރިއެރުމެކެވެ. އަދި މިއީ ޕެންޑެމިކްގެ ކުރިން ހުރި މިންވަރާ އަޅާބަލާއިރު 7 ޕަސެންޓްގެ ކުރިއެރުމެއް ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން ޓޫރިސްޓުން އައި މިންވަރު މިއަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 23 އިންސައްތަ މިދިޔަ ކުއާޓަރުގައި ދަށަށް ދިޔަ ނަމަވެސް ޓޫރިސްޓް ބެޑްނައިޓްސް 3 އިންސައްތަ އިތުރުވެފައިވާ ކަމަށް ބުނެފައިވެ އެވެ.
އިކޮނޮމިކް ބުލެޓިންގައި ބުނެފައި ވަނީ މިއަހަރުގެ އޮފް-ޕީކް ފެށުނު ނަމަވެސް ރާއްޖެ އައި ޗައިނާގެ ޓޫރިސްޓުންގެ އަދަދު އައީ އިތުރުވަމުން ކަމަށެވެ. އެގޮތުން މި އަހަރުގެ ކުއާޓަރުގައި ދެވަނަ ކުއާޓަރުގައި 17,691 ޗައިނާ ޓޫރިސްޓުން ރާއްޖެ އައި ކަމަށް ބުނެފައިވެ އެވެ.