ކުރީގެ ރައީސް މުހައްމަދު ނަޝީދު މިހާރު "އެ ޖަހަނީ ބޮޑު ޗައްކަރެއް" ކަމަށާއި ދެވަނަ ބުރަކަށް ޕީޕީއެމް އާއި އެމްޑީޕީ ހިނގައްޖެ ހާލަތެއްގައި ނަޝީދު އަރުއްވާނީ އެމްޑީޕީގެ ކޮޅަށް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގއ. ވިިލިނގިއްޔަށް ވަޑައިގެން ބޭއްވި ޖަލްސާއެއްގައި ގާސިމް ވިދާޅުވީ އިންތިހާބުން އެއްވަނަ ހޯއްދަވާނީ އޭނާކަން ޔަގީންކުރައްވާ ކަމަށާއި ނަމަވެސް އެހެން ނުވެ، އެމްޑީޕީ އާއި ޕީޕީއެމް-ޕީއެންސީ ދެވަނަ ބުރަށް ދާ ހާލަތެއްގައި ނަޝީދާއި ދަ ޑިމޮކްރެޓްސް ތިބޭނީ އެމްޑީޕީއާ އެކު ކަމަށެވެ.
"ރައީސް ނަޝީދު އެ ޖަހަނީ ބޮޑު ޗައްކަރެއް. ދިވެހިންގެ ބޮލުގައި ކުރީގައި އެޅުވިހެން، އަނެއް ދިވެހިރާއްޖެއަށް ދިއުމުގެ ވިސްނުމެއް [ނަޝީދުގެ] ނުކެނޑޭނެ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އާ ޕާޓީއެއް އުފައްދަވައިގެން ނަޝީދު އުޅުއްވަނީ އެމްޑީޕީއަށް ސަޕޯޓުނުކުރާ މީހުންގެ ވޯޓުތައް ހޯއްދަވައިގެން އޭގެ ތެރެއިން ބަޔަކާ އެކު ވަޑައިގެން އެމްޑީޕީގެ ތެރެއަށް ވެންނެވުމަށް ކަމަށެވެ.
މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ މަސައްކަތް ޖުމްހޫރީ ޕާޓީން ފެށިއިރު، ނަޝީދު ވަނީ ގާސިމާ ބައްދަލުކުރެއްވި އެވެ. ގިނަ ބަޔަކު އޭރު ގަބޫލުކުރީ މިފަހަރުގެ އިންތިހާބުގައި ނަޝީދާއި ގާސިމް ތިއްބަވާނީ އެކީގައި ކަމަށެވެ. ނަމަވެސް ދެ ޕާޓީން ކުރި މަޝްވަރާތައް ނާކާމިޔާބުވެ ދެ ޕާޓީން އިންތިހާބުގައި ވަކިން ވާދަކުރަން ނިންމި އެވެ.