މާލޭގައި ހުންނަ ވެގާ ޕޮއިންޓް ފިހާރާގައި ރޯވެ އަނދާ ހުލިވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ މި އަލިފާނުގެ ހާދިސާ އެ އިދާރާއަށް ރިޕޯޓްކޮށްފައި ވަނީ ފަތިހު 4:37 ހާއިރު ކަމަށެވެ. އަލިފާނު ކޮންޓްރޯލް ކުރެވުނުއިރު މުދަލާއެކު ފިހާރަ އެއްކޮށް ވަނީ އަނދާފަ އެވެ. އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވުނީ އޭގެ ގަޑިއެއްހާ އިރު ފަހުންނެވެ.

އަދި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައިނުވާއިރު، އެސަރަހައްދުގައި ޕާކުކޮށްފައި ހުރި 15 ސައިކަލަކަށް ވަނީ ގެއްލުން ލިބިފަ އެވެ.

ވެގާ ޕޮއިންޓްގައި އަލިފާން ރޯވެފައި.. ފޮޓޯ: އެމްއެންޑީއެފް

ގަލޮޅު ރަތްވިލާ ގޯޅީގައި ހުންނަ ވެގަ ޕޮއިންޓްގައި މި އަލިފާން ރޯވި ސަބަބެއް އަދި ނޭނގެ އެވެ.

ދެ ބުރިއަށް ހުންނަ މި އިމާރާތުގެ މަތީ ބައިގައި މީހުން ދިރިއުޅޭ ކަމަށް ވެ އެވެ. އަދި ފިހާރައިގެ އިތުރުން އެ އިމާރާތުގައި ވަޑާންކުރާ ތަނެއް ވެސް ހިންގާ ކަމަށް، އެ ތަނުގައި ތިބި ބައެއް މީހުން ބުނެ އެވެ.