ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓި ގާސިމް އިބްރާހިމް އިންތިހާބުގެ ކެމްޕޭނަށް ރާއްޖޭގެ އެކި ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމާލައިފި އެވެ.

ޖުމްހޫރީ ޕާޓީ އިން ބުނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު ކެމްޕޭން ކުރުމަށް ފެށި ދަތުރުތައް ރޭ ނިންމާލާފައިވާ ކަމަށެވެ. އެގޮތުން ކެމްޕޭނަށް ގާސިމް 13 އަތޮޅަކަށް ދަތުރު ކުރެއްވި ކަމަށްވެސް ޖޭޕީއިން ބުނެ އެވެ.

ގާސިމްގެ ކެމްޕޭން ހަރަކާތްތައް އދ. މާމިގިލިން ފަށާފައިވާއިރު މިހަރަކާތްތައް ނިންމާލާފައިވަނީ ހއ. އިހަވަންދޫ އިންނެވެ.

ގާސިމްގެ އިތުރުން އެމަނިކުފާނުގެ ރަނިން މޭޓް އަމީން އިބްރާހިމް ވެސް ވަނީ ރާއްޖޭގެ އެކި ރަށްތަކަށް ކެމްޕޭން ކުރެއްވުމަށް ދަތުރުކުރައްވާފަ އެވެ.

ގާސިމް އިބްރާހިމް ކެމްޕޭން ދަތުރުފުޅުގެ ތެރެއިން

ގާސިމް ވިދާޅުވާ ގޮތުގައި މިފަހަރު ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ ޖޭޕީ ބައިވެރިވެގެން ގެނައި ސަރުކާރުން ގާނޫނާ ހިލާފަށް ކުރާ ކަންކަމުގެ "ބަދުނާމުން" ސަލާމަތްވާ ކަމަށެވެ. އަދި ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ބޭނުމުގައި ކަމަށް ގާސިމް ވިދާޅުވެ އެވެ.

މި ފަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮތީ އަންނަ ހޮނިހިރު ދުވަހު އެވެ. ދެވަނަ ބުރެއް ބާއްވަން ޖެހޭ ނަމަ ބާއްވާނީ 30 ސެޕްޓެމްބަރުގަ އެވެ.

މިފަހަރުގެ އިންތިހާބުގައި އަށް ކެންޑިޑޭޓުން ވާދަކުރައްވަ އެވެ.