ކޮންމެ ގުޅުމެއްގައި ވެސް އަޑިގަނޑާއި އުސްގަނޑު އަންނާނެ އެވެ.

ބައެއް ފަހަރު ބައިވެރިޔާ ދެކެ އިންތިހާއަށް ލޯބިވާ އިރު ބައެއް ފަހަރު ހަމަ އެހާވަރަށް ރުޅިއާދެވެ އެވެ. އެއީ ކަންބޮޑުވާން ވީ ކަމެއް ނޫން ނަމަވެސް ވަކި ހިސާބަކަށް ކަންކަމް ދިއުމުން ތިގުޅުމުގައި މައްސަލައެއް އުޅޭ ކަން އެނގި ހާމަވެގެންދާނެ އެވެ.

ގުޅުން ކަނޑާލުމަކީ އެކަކަށް ވެސް ފަސޭހަކަމެއް ނޫނެވެ. ބައެއް ގުޅުންތައް އާންމުކޮށް އަހަރެއްގެ ތެރޭގައި ކެނޑިގެންދެ އެވެ. އެކަމަކު އެ ގުޅުން ފަސް އަހަރަށް ދެމިގެން ގޮސްފި ނަމަ ދެން އަންނަ ކޮންމެ އަހަރަކު ވަކި ވުމުގެ ފުރުސަތު ދިހަ އިންސައްތަ ދަށަށް ދެ އެވެ.

މިއާއެކުވެސް ތި ގުޅުމުގެ މަތިން ބައިވެރިޔާ ފޫހިވެއްޖެ ހެން ހީވާން ފަށައިފި ނަމަ އެކަން ޔަގީން ކުރުމުގެ ގޮތުން އޭނާގެ ކިބައިން މި ސިފަތައް ފެނޭތޯ ބަލާށެވެ.

  • އިހުސާސްތައް ހިއްސާކުރުން ހުއްޓާލުން
  • ކުދި ކުދި ކަންތަކާ ހިތްހަމަ ނުޖެހި ފާޑުކިޔުން
  • އަޅާލުން ކުޑަވުން ފޯނަށާއި މެސެޖް ތަކަށް ޖަވާބުދިނުން ލަސްވުން
  • މުސްތަގުބަލް ޕެލޭން ކުރުން ހުއްޓާލުން
  • ގުޅުމާ ބެހޭ ގޮތުން ވާހަކަދައްކަން ބޭނުން ނުވުން
  • ސާފުތާހިރުކަން ދަށަށް ދިއުން
  • ތިމާގެ އާއިލާ އާއި ރަހުމަތްތެެރިންނާއެކީ ވަގުތު ހޭދަކުރަން ބޭނުން ނުވުން
  • އިހުތިރާމުކުރުން ހުއްޓާލުން

ބައިވެރިޔާގެ ކިބައިން މި ސިފަތައް ފެންނަ ނަމަ ގުޅުން ކަނޑާލުމުގެ ކުރިން ވާހަކަ ދައްކައިގެން އަސްލު މައްސަލައިގެ ފުނަށް ދެވޭތޯ މަސައްކަތް ކުރެވިދާނެ އެވެ.

ދެ މީހުންއެކީ އުޅެން ބޭނުންވާ ނަމަ އެ ފުރުސަތު އޮންނާނެ އެވެ. އެހެން ނަމަވެސް ގުޅުން ކަނޑާލުމަށް ބައިވެރިޔާ ބޭނުންވާކަން ސާފު ބަހުން ހާމަކުރުމުން ދެން ރަނގަޅުވާނީ އެކަން އެ ހިސާބުން ނިންމާލުމެވެ.