ލ. އަތޮޅުގެ ލިންކް ރޯޑްގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ.

މި އެކްސިޑެންޓުގައި މަރުވީ ސައިކަލެއް ދުއްވި 41 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ އިއްޔެ އިރުއޮއްސުނު ވަގުތު އެކްސިޑެންޓް ހިނގީ ލިންކް ރޯޑްގައި ދުއްވި ސައިކަލަކާއި ކާރެއް ޖެހިގެން ކަމަށެވެ. އެކްސިޑެންޓުގައި، ސައިކަލު ދުއްވި މީހާ އާއި ކާރުގައި ތިބި ދެ މީހުންގެ ތެރެއިން އެކަކަށް އަނިޔާވެގެން ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ އެވެ. އަދި ސައިކަލު ދުއްވި މީހާ މަރުވީ ފަރުވާ ދެމުން ދަނިކޮށް ރޭ މެންދަމު އެވެ.

ފުލުހުން ބުނީ ކާރު ދުއްވި 28 އަހަރުގެ މީހާގެ އަތުގައި ލައިސަންސް ނެތް ކަމަށެވެ. ނަމަވެސް ސައިކަލް ދުއްވި މީހާ އަކީ ލައިންސް އޮތް މީހެކެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.