ބޮލީވުޑްގެ ކާމިޔާބު އެކްޓްރެސް އައިޝްވާރްޔާ ރާއީގެ ފުރަތަމަ ފިލްމު ނުކުންނަން އޮތީ އޭނާއާއެކު ކަމަށް ސަނީ ޑިއޯލް ބުނެފި އެވެ.

ސަނީ ބުނީ އޭނާއާއި އައިޝްވާރްޔާ އެކުގައި "އިންޑިއަން" ނަމަކަށް ކިޔާ އެ ފިލްމުގެ ބައެއް ލަވަތަކާއި މަންޒަރުތައް ވެސް ކުޅެފައިވާނެ ކަމަށެވެ. އެހެން ނަމަވެސް ބައެއް ސަބަބުތަކަކަށްޓަކައި އެ ފިލްމު ނުނެރޭ ގޮތަށް ހަމަޖެހުނީ ކަމަށް ސަނީ ބުނެފައިވެ އެވެ.

1994 ވަނަ އަހަރުގެ މިސް ވޯލްޑް މުބާރާތް ކާމިޔާބުކުރި އައިޝްވާރްޔާއަށް އޭގެ ކުރިން ވެސް ވަނީ ބޮލީވުޑްގެ ޕްރޮޑިއުސަރުންގެ ލޮލުގައި އަޅައިގަނެފަ އެވެ.

އެގޮތުން 1993 ވަނަ އަހަރު ނުކުތް "ޑަރް"ގެ ޕްރޮޑިއުސަރުން ވެސް ވަނީ އެ ފިލްމަށް އައިޝްވާރްޔާ ނެގުމަށް ވިސްނާފަ އެވެ. އެހެން ނަމަވެސް އެވަގުތު އޭނާ މިސް ޔުނިވާސްގައި ބައިވެރިވެފައިވާތީ އެ ފުރުސަތު ލިބުނީ ޖޫހީ ޗައުލާ އަށެވެ. ދެން އެ ފިލްމުން ފެނިގެންދިޔައީ ޝާހްރުކް ޚާންއާއި ސަނީ އެވެ.

މިސް ވޯލްޑް ކާމިޔާބު ކުރުމަށްފަހު އައިޝްވާރްޔާގެ އެންމެ ފުރަތަމަ ފިލްމަކަށް ނުކުމެފައިވަނީ 1997 ވަނަ އަހަރު ނުކުތް ތަމަޅަ ފިލްމެއް ކަމަށްވާ "އީރްވަރު" އެވެ.

ހަމަ އެއަހަރު ނުކުތް އައިޝްވާރްޔާގެ އެންމެ ފުރަތަމަ ބޮލީވުޑް ފިލްމް "އޯރް ޕްޔާރް ހޯގަޔާ"އިން އޭނާއާއެކު ފެނިގެން ދިޔައީ ސަނީގެ ކޮއްކޮ ބޮބީ ޑިއޯލް އެވެ.

ސަނީ ޑިއޯލް މިހާރު އަންނަނީ އޭނާގެ އެންމެ ފަހުގެ ފިލްމު "ގަދަރް 2" އަށް ބޮކްސް އޮފީހުގައި ލިބުނު ބޮޑު ކާމިޔާބީ ފާހަގަ ކުރަމުންނެވެ.