ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާން ހޯސްޓްކުރާ ކަލާޒް ޗެނެލްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 17 ވަނަ ސީޒަން އަންނަ މަހު ފެށުމަށް ތައްޔާރުވެއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އަންނަ މަހުގެ 20 ވަނަ ދުވަހު "ބިގްބޮސް 17" ޕްރިމިއާކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ސަލްމާން ޚާން ވަނީ މިސީޒަންގެ ޕްރޮމޯވެސް މިހާރު ޝޫޓުކޮށް ނިންމާލާފަ އެވެ.

މިފަހަރުގެ ސީޒަންއަކީ ސަލްމާން ހޯސްޓްކުރާ 14 ވަނަ ސީޒަން އެވެ. މީގެ އިތުރުން މިދިޔަ މަހު ނިންމާލި "ބިގްބިސް އޯޓީޓީ 2" ވެސް ސަލްމާން ވަނީ ހޯސްޓްކޮށްފަ އެވެ.

"ބިގްބޮސް އޯޓީޓީ 2" އަކަށް ލިބުނު ކާމިޔާބަށްފަހު މި ޝޯ އުފައްދާ ފަރާތުން އަންނަނީ ސީޒަން 17 އަށް ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށް އުއްމީދު ކުރަމުންނެވެ. މިފަހަރުގެ ސީޒަންގައި މަގުބޫލު އެތަކެއް ފަންނާނުނެއް ފެނިގެންދާނެ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި "ބިގް ބޮސް" ސީޒަން 17 ގެ ތީމަކީ "ސިންގަލްސް ވާސަސް ކަޕްލްސް" އެވެ.

މިފަހަރުގެ ސީޒަންގައި ބައިވެރިވާނެ ކަމަށް ބެލެވޭ ފަންނާނުންގެ ތެރޭގައި އަންކިތާ ލޮޚާންޑޭ، ސަޗިން މީނާ، އަބިޝެކް މަލްހާން، އަދި ހަރްޝް ބެނިވާލް ފަދަ ބައެއް ފަންނާނުން ހިމެނެ އެވެ. އެހެން ނަމަވެސް މިއިން އެއްވެސް ފަންނާނަކު އަދި މިޝޯގައި ބައިވެރިވާނެ ކަމަށް ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.

ކަލާޒް އިން "ބިގް ބޮސް 16" ކާމިޔާބުކުރީ މަޝްހޫރު ރެޕާ އެމްސީ ސްޓޭން އެވެ. އަދި މިދިޔަ މަހު ނިންމާލި "ބިގްބޮސް އޯޓީޓީ 2" ކާމިޔާބު ކުރީ މަޝްހޫރު ޔޫޓިއުބާ އެލްވިޝް ޔާދަވް އެވެ.