މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އޭނައާއެކުގައި މަސައްކަތް ކުރުމަށް އެހެން ސިޔާސީ ޕާޓީތަކަށް ޕީޕީއެމް،ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ދައުވަތު ދެއްވައިފި އެވެ.

އާޓިފިޝަލް ބީޗުގައި ބޭއްވި "ޝުކުރިއްޔާ ދިވެހީން" ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ ދެވަނަ ބުރުގައި އޭނައާ އެކުގައި މަސައްކަތް ކުރުމަށް ޕާޓީތަކަށް ދައުވަތު ދެއްވާފަ އެވެ.

ޕީޕީއެމް، ޕީއެންސީގެ ގިނަ ސަޕޯޓަރުން ބައިވެރިވި އެ ބައްދަލުވުމުގައި މުއިއްޒު ވަނީ އޭނާއަށް ވޯޓު ދިން އެންމެނަށް ޝުކުރު ދަންނަވާފަ އެވެ.

އިއްޔެ ބޭއްވި އިންތިހާބުގައި މުއިއްޒު ވަނީ 100،000 އަށްވުރެ ގިނަ ވޯޓު ހޯއްދަވާފަ އެވެ. އެއީ ވޯޓުގައި ބައިވެރިވި މީހުންގެ 46 ޕަސެންޓެވެ.

ޕީޕީއެމް/ޕީއެންސީން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ހޯދި ކާމިޔާބީ ފާހަގަކުރަން ބޭއްވި ޖަލްސާގައި ރިޔާސީ ކެންޑިޑޭޓާއި ރަނިންމޭޓް ބައިވެރިވަނީ. ފޮޓޯ: ޕީޕީއެމް

"އަޅުގަނޑު އެހެންވީމަ ގޮވާލަން އިއްޔެގެ އިންތިހާބުގައި ވާދަކުރައްވާފައިވާ އެހެން ހުރިހާ ސިޔާސީ ޕާޓީތަކަށާއި އެހެން ހުރިހާ ސިޔާސީ ލީޑަރުންނަށް އަޅުގަނޑުމެންނާ އެކީގައި ވަޑައިގެންދެއްވުމަށް. މި ވަރުގަދަ ގައުމީ މަސައްކަތުގައި ބައިވެރިވެވަޑައިގަތުމަށް ވަރަށް އިހުލާސްތެރިކަމާ އެކީގައި ދައުވަތު އަރުވަން،" މުއިއްޒު ވިދާޅުވި އެވެ.

އޭނާގެ ވެރިކަމެއްގައި އެއްވެސް މީހަކު ބާކީ ނުކޮށް ހަމަހަމަ ކަމާއެކު ވެރިކަން ކުރައްވާނެ ކަމުގެ ޔަގީންކަން މުއިއްޒު މިރޭ ދެއްވި އެވެ.

"ކިތަންމެ ކުޑަ ރަށެއްގައި ހުއްޓަސް، ކިތަންމެ ބައިބޯ ސިޓީއެއްގައި ހުއްޓަސް، އަޅުގަނޑުގެ ކުރިމަތީގައި ދިވެހި ކޮންމެ ރައްޔިތަކީ ހަމަހަމަ ބައެއް،" މުއިއްޒު ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ހޯދި ކާމިޔާބީ ފާހަގަކުރަން ބޭއްވި ޖަލްސާގައި ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވަނީ. ފޮޓޯ: ޕީޕީއެމް

މުއިއްޒު ވިދާޅުވީ ދިވެހި ރައްޔިތުން ގައުމުދެކެ ލޯބިވާކަން އިއްޔެ ދައްކުވައިދީފި ކަމަށެވެ. އަދި މި މަހުގެ 30 ވަނަ ދުވަހު ދިވެހީން އެކަން އިތުރަށް ހާމަކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.