އާ ގާނޫނު އަސާސީ ވުޖޫދުވި ފަހުން މިއީ 15 އަހަރު ތެރޭ އެއްވެސް ވެރިއަކަށް ދެ ދައުރުގައި ވެރިކަން ކުރެވިފައެއް ނުވޭ. އޭގެ ކުރީގެ 30 އަހަރު ވެރިކަމުގައި ހުންނެވީ އެއްބޭފުޅަކު. ނަމަވެސް މި ވޭތުވެދިޔަ 15 އަހަރު ތެރޭ ހަތަރު ބޭފުޅަކުވެރިކަން ކުރައްވައިފި. ހީވަނީ 30 އަހަރު ތެރޭ ވެރިއަކު ބަަދަލުކުރާނެ ފުރުސަތު ލިބިފައި ނެތް ދިވެހިންނަށް ފުރުސަތު ލިބުމުން ވެރިމީހާ އަވަސް އަވަހަށް ބަދަލުކުރަން އުޅޭހެން. ކިތަންމެ ޚިދުމަތެއް، އިޚްލާސްތެރިކަމާ އެކު ކޮންދިން ވެރިއެއް ވިޔަސް ހެޔޮހެން ހީވާ ކަހަލަ. ބަދަލަކަށް ދިވެހިން ބޭނުންވެފައިވޭތޯ ނުވަތަ ނޫންތޯ ދެން އެންމެ ބޮޑަށް ސާފުވެގެން ދާނީ މިމަހު 30 ގައި ބާއްވާ އިންތިޚާބުގެ ދެވަނަ ބުރަށް ފަހު.

ގައުމުގައި އާ ވެރިއަކަށް ރައްޔިތުން ބޭނުންވެފައިވާތާ 30 އަހަރު ފަހުން ވެރިކަމަށް ބަދަލެއް އައީ 2008 ވަނަ އަހަރު އެވެ. އޭގެ ކުރިން ކޮންމެ ފަސް އަހަރަކުން އިންތިޚާބު ވެސް ބާއްވަ އެވެ. އެކަމަކު ރައީސް މައުމޫން އަބްދުލް ގައްޔޫމް ނޫން އެހެން ކެންޑިޑޭޓެއް ވެސް ވާދައެއް ނުކުރައްވަ އެވެ. ރައްޔިތުން ކުރަންހާ ވެސް ޖެހޭ ކަމަކީ އެމަނިކުފާނުގެ ނަމާދިމާގައި ފެންނަ ނުފެންނަ ފާހަގަ ޖެހުމެވެ. އެ ދުވަސްވަރު މަޝްހޫރުވި ގޮތަށް ކުޑަ ކާފު ނުވަތަ ބޮޑު ކާފު ޖެހުމެވެ. ފެންނަންޏާ ބޮޑު ކާފެވެ. ނުފެންނަންޏާ ކުޑަ ކާފެވެ. އެކަމަކު ކޮންމެ ފާހަގައެއް ޖެހިއަސް އެމަނިކުފާނަށް ލިބިވަޑައިގަންނަވަނީ ހެޔޮ ފާހަގަ އެވެ. ނަތީޖާ އަކީ އެހާތަނަށް ވޭތުވެދިޔަ ހަ އިންތިޚާބުގައި ވެސް ރައީސް މައުމޫން 90 ޕަސެންޓަށް ވުރެ މަތިން އިންތިޚާބު ކާމިޔާބު ކުރެއްވުމެވެ.

އޭރުގެ ގާނޫނު އަސާސީ އޮތް ގޮތުން އިދިކޮޅެއް ނެތެވެ. ހުރިހާ ބާރެއް ވެރިއަކަށް ހުންނަ ބޭފުޅެއްގެ އަތުގަ އެވެ. ރަށަކަށް ކަމެއް ވަނީ ވޯޓުގެ ނަތީޖާ އަންނަ ގޮތަކުންނެވެ. އެހެންވެ އޭރުގެ ކަތީބުންނާއި އަތޮޅުވެރިންގެ ކެމްޕޭނުގެ އެންމެ އިސް މަސައްކަތަކީ އެ ރަށަކުން ނުވަތަ އަތޮޅަކުން 100 ޕަސެންޓް ވޯޓު ހޯއްދެވުމެވެ. ރައްޔިތުން ކޮންމެ ގޮތަކަށް ވޯޓު ދިން ނަމަވެސް ގުނާއިރު ނަތީޖާ އަންނަނީ 100 ޕަސެންޓުންނެވެ. ހަދާ ގޮތެއް ނޭނގެ އެވެ. ބައެއް ވޯޓު ފޮށިތަކުގައި ވޯޓު ފޮތްތައް ހީރަހުން ވަކިނުކޮށް، ހުރި ގޮތަށް ހެޔޮ ފާހަގަ ޖަހާފައި އަޅާފައި ހުންނަ ކަމަށް ވެސް ވެޔެވެ. އެކަން ބަލާނެ ބަޔަކު، ޝަކުވާ އުފުލާނެ އިދާރާއެއް ނުހުރެ އެވެ.

އެކަމަކު އޭރު ވެސް ރައްޔިތުން ބަދަލަކަށް ބޭނުންވެފައިވާކަން އެނގެ އެވެ. ނުލިބެނީ މިނިވަން، ދެފުށް ފެންނަ އިންތިޚާބެކެވެ. މިނިވަން އިންތިޚާބެއް ހަމަ ލިބުނީ ވެރިކަން ބަދަލުވީ އެވެ. ރާއްޖެ އަށް ސިޔާސީ ޕާޓީގެ ނިޒާމު މަޖުބޫރުން ވެސް ގެނުވައި އާ ގާނޫނު އަސާސީގެ ދަށުން 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ހަ ކެންޑިޑޭޓަކު ވާދަކުރެއްވި އެވެ. ކުރި ހޯއްދެވީ 71,731 ވޯޓު (40 ޕަސެންޓް) އާ އެކު ޑީއާރުޕީގެ ކެންޑިޑޭޓް ރައީސް މައުމޫން އާއި އެމްޑީޕީން ވާދަކުރެއްވި ރައީސް މުހައްމަދު ނަޝީދެވެ. ރައީސް ނަޝީދު ވަނީ 44,293 ވޯޓާ އެކު 25.09 ޕަސެންޓް ހޯއްދަވައިފަ އެވެ. ދެވަނަ ބުރަކަށް ވަޑައިގެންނެވީ ރައީސް މައުމޫން އާއި ރައީސް ނަޝީދެވެ.

ދެވަަނަ ބުރުގައި ވަތަން އެދޭ ގޮތަށް ބަދަލަކަށް ރައީސް ނަޝީދުގެ ފަހަތްޕުޅަށް ހުރިހާ ކެންޑިޑޭޓުން އެރުއްވި އެވެ. ނަތީޖާ އަކީ 97,222 ވޯޓާ އެކު 54.21 ޕަސެންޓުން ރައީސް ނަޝީދު އިންތިޚާބު ކާމިޔާބު ކުރެއްވުނެވެ. ރައީސް މައުމޫނަށް ލިބިވަޑައިގެންނެވީ 82,121 ވޯޓު ނުވަތަ 45.79 ޕަސެންޓެވެ. އެމަނިކުފާން ވިދާޅުވެފައި ވަނީ އިންތިޚާބުގެ ނާކާމިޔާބީ އަކީ ހަމައެކަނި "30 އަހަރު" ކަމަށެވެ.

2008 ގެ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ކެންޑިޑޭޓުން

  1. ގާސިމް އިބްރާހިމް 27,056 ވޯޓު. 15.32 ޕަސެންޓް
  2. މައުމޫން އަބްދުލް ގައްޔޫމް 71,731 ވޯޓު. 40.63 ޕަސެންޓް
  3. ޑރ. ހަސަން ސައީދު 29,633 ވޯޓު. 16.78 ޕަސެންޓް
  4. މުހައްމަދު ނަޝީދު 44,293 ވޯޓު. 25.09 ޕަސެންޓް
  5. އިބްރާހިމް އިސްމާއިލް (އިބްރާ) 1,382 ވޯޓު. 0.78 ޕަސެންޓް
  6. އުމަރު ނަސީރު 2,472 ވޯޓު. 1.40 ޕަސެންޓް
  • ވޯޓުލީ: 176,567
  • ބާތިލް: 1,235
  • ވޯޓުލުމުގެ ހައްގު ލިބިގެންވާ: 208,252

އޭގެ ފަހުން ދިވެހިންނާ ކުރިމަތިލާން ޖެހުނީ 2013 ގެ އިންތިޚާބެވެ. އެ އަހަރުގެ އިންތިޚާބާ ހަމައަށް ދިޔަ އިރު އެމްޑީޕީގެ ސަރުކާރު 2012 ގައި ވަނީ ވައްޓާލައި، އޭރުގެ ނައިބް ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރު ގާއިމްކޮށްފަ އެވެ. އިންތިޚާބާ ހަމައަށް ދިޔަ އިރު ވެރިއަކަށް ހުންނެވީ ޑރ. ވަހީދެވެ. އެ ފަހަރު ވެރިއަކު އިންތިޚާބު ކުރެވުނީ ތިން ފަހަރަށް އިންތިޚާބު ބާއްވައިގެންނެވެ. ފުރަތަމަ ބުރު ވަނީ ސުޕްރީމް ކޯޓުން ބާތިލްކޮށްފަ އެވެ.

ދަ ޑިމޮކްރެޓްސްގެ ސިޔާސަތުތައް ކިޔައިދޭން ރައީސް މުހައްމަދު ނަޝީދު މާލޭގެ މަގުމަތީގައި ޕިކަޕެއްގައި ހުންނަވައިގެން ވާހަކަދައްކަވަނީ. ފޮޓޯ: ދަ ޑިމޮކްރެޓްސް

2013 ގެ އިންތިޚާބުގެ ފުރަތަމަ ބުރު (ބާތިލްކުރި ބުރު)

  1. ގާސިމް އިބްރާހިމް 50,422 ވޯޓު. 24.07 ޕަސެންޓް
  2. ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު 10,750 ވޯޓު. 5.13 ޕަސެންޓް
  3. ޔާމީން އަބްދުލް ގައްޔޫމް 53,099 ވޯޓު. 25.35 ޕަސެންޓް
  4. މުހައްމަދު ނަޝީދު 95,224 ވޯޓު. 45.45 ޕަސެންޓް

އެ ފަހަރުގެ އިންތިޚާބުގައި މައްސަލަތަކެއް އުޅޭ ކަމަށް ބުނެ ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ކޯޓުން އޭރު ނިންމީ މުޅި އިންތިޚާބު ބާތިލްކުރުމަށެވެ. އޭގެ ކުރިން ސުޕްރީމް ކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުތައް ނެރެ އިންތިޚާބު ބާއްވަންވީ ގޮތުގެ ގައިޑްލައިނެއް ވެސް ނެރެފަ އެވެ.

2013 ގެ އިންތިޚާބުގެ ފުރަތަމަ ބުރު

  1. ގާސިމް އިބްރާހިމް 48,131 ވޯޓު. 23.34 ޕަސެންޓް
  2. ޔާމީން އަބްދުލްގައްޔޫމް 61,278 ވޯޓު. 29.72 ޕަސެންޓް
  3. މުހައްމަދު ނަޝީދު 96,764 ވޯޓު. 46.93 ޕަސެންޓް
  • މި ބުރުގައި ރައީސް ވަހީދު ވާދައެެއް ނުކުރައްވަ އެވެ.

ދެވަނަ ބުރަކަށް ވަޑައިގެންނެވީ ރައީސް ނަޝީދާއި ރައީސް ޔާމީނެވެ. ތިން ވަނަ ހޯއްދެވި ގާސިމް ފަހުން ވަނީ ރައީސް ޔާމީންއާ ކޯލިޝަން ހައްދަވައިފަ އެވެ.

2013 ގެ އިންތިޚާބުގެ ދެވަނަ ބުރު

  1. ޔާމީން އަބްދުލްގައްޔޫމް 111,203 ވޯޓު. 51.39 ޕަސެންޓް
  2. މުހައްމަދު ނަޝީދު 105,181 ވޯޓު. 48.61 ޕަސެންޓް
  • ވޯޓުލީ: 216,384
  • ބާތިލް: 2,237
  • ވޯޓުލުމުގެ ހައްގު ލިބިގެންވާ: 218,621

އާ ގާނޫނު އަސާސީގެ ދަށުން ދެން ދިވެހިންނާ ކުރިމަތިލާން ޖެހުނީ 2018 ވަނަ އަހަރުގެ އިންތިޚާބެވެ. އެ އިންތިޚާބު ކުރިމަތިވި އިރު، ވާދަކުރައްވަފާނެހެން ހީވާ ހުރިހާ ލީޑަރުން ތިއްބެވީ ޝަރުއީ ހުކުމެއްގަ އެވެ. ގިނަ ބޭފުޅުން ރާއްޖޭން ބޭރުގަ އެވެ. އެހެންވެ އެ އިންތިޚާބުގައި ރައީސް ޔާމީންއާ ދެކޮޅަށް ވާދަކުރެއްވުމަށް އެހެން ހުރިހާ ޕާޓީތައް އެެއްގަލަކަށް އަރައި ފުޅާ ކޯލިޝަނެއް ހެދި އެވެ. އެމްޑީޕީން ހަމަޖެއްސި ކެންޑިޑޭޓް ރައީސް ނަޝީދަށް ވެސް ހުކުމްކޮށްފައި ވާތީ އއ. އުކުޅަހުގައި އާދަޔާޚިލާފު ކޮންގްރެސްއެއް ބާއްވާ ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖެއްސި އެވެ.

2018 ގެ އިންތިޚާބުގެ ނަތީޖާ

  1. އިބްރާހިމް މުހައްމަދު ސޯލިހު 134,705 ވޯޓު. 58.38 ޕަސެންޓް
  2. ޔާމީން އަބްދުލް ގައްޔޫމް 96,052 ވޯޓު. 41.62 ޕަސެންޓް
  • ވޯޓުލީ 233,889
  • ބާތިލް: 3,132
  • ވޯޓުލުމުގެ ހައްގު ލިބިގެންވާ: 262,135

ދެން އަނެއްކާވެސް މި އަހަރު މިވަނީ އިންތިޚާބުގެ ފުރަތަމަ ބުރު ބާއްވައިފަ އެވެ. އިދިކޮޅު ލީޑަރު ޔާމީން އަބްދުލްގައްޔޫމު ޖަލު ހުކުމެއްގައި ހުންނަވަން ޖެހުމުން އެމަނިކުފާނުގެ ބަދަލުގައި ޕީއެންސީން ކުއްލި ގޮތަކަށް ނެރުނު ކެންޑިޑޭޓަކީ ޑރ. މުހައްމަދު މުއިއްޒެވެ. އެމްޑީޕީން އެންމެ ބާރަށް ދެއްކި ވާހަކައަކީ އެއްބުރުން މި އިންތިޚާބު ކާމިޔާބު ކުރާނެ ކަމެވެ. އެކަމަކު އެކަމެއް ނުވި އެވެ. އިންތިޚާބު މިވަނީ ދެވަނަ ބުރަކަށް ދާންޖެހިފަ އެވެ. މިއީ ގާނޫނު އަސާސީގެ ދަށުން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރި އިންތިޚާބު ވެސް މެ އެވެ.

2023 އިންތިޚާބުގެ ފުރަތަމަ ބުރު

  1. އުމަރު ނަސީރު 6،343 ވޯޓު. 2.87 ޕަސެންޓް
  2. ހަސަން ޒަމީލް 327 ވޯޓު. 0.15 ޕަސެންޓް
  3. އިބްރާހިމް މުހައްމަދު ސޯލިހު 86،161 ވޯޓު. 39.05 ޕަސެންޓް
  4. ޑރ. މުހައްމަދު މުއިއްޒު 101،635 ވޯޓު. 46.06 ޕަސެންޓް
  5. ގާސިމް އިބްރާހިމް 5،460 ވޯޓު. 2.47 ޕަސެންޓް
  6. ފާރިސް މައުމޫން 2،979 ވޯޓު. 1.35 ޕަސެންޓް
  7. އިލްޔާސް ލަބީބު 15،839 ވޯޓު. 7.18 ޕަސެންޓް
  8. މުހައްމަދު ނާޒިމް 1،907 ވޯޓު. 0.86 ޕަސެންޓް
  • ސައްހަ ވޯޓު: 220،651
  • ބާތިލް ވޯޓު: 4،835
  • ވޯޓުލީ މީހުންގެ އަދަދު: 225،486
  • ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު: 282،395
  • ވޯޓުލީ މީހުންގެ ޕަސެންޓް: 79.85
އިދިކޮޅު ޕްރޮގްރެސިވް ކޯލީޝަނުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަދައްކަވަނީ. ފޮޓޯ: ޕީޕީއެމް

މި އިންތިޚާބުތަކުގެ ނަތީޖާތަކުން ސާފުވާ އެއްކަމަކީ ރައްޔިތުން ބަދަލަކަށް ބޭނުންވެފައިވާ މިންވަރެވެ. ދެހާސް އަށަކާ ހަމައަށް ވޭތުވެދިޔަ 30 އަހަރު އެއް ރައީސެއް ފެނި ފޫހިވެފައިވާ ދިވެހިންނަށް ފުރުސަތު ލިބުމުން މިވަނީ ކޮންމެ ފަސް އަހަރަކުން ރައީސުން ބަދަލުކުރަން ފަށައިފަ އެވެ. ދެހާސް އަށަކުން ފެށިގެން މިވީ 15 އަހަރުތެރޭ ހަތަރު ރައީސަކު ވެރިކަން ކުރައްވައިފި އެވެ.

ދެހާސް އަށެއްގައި ވެރިކަމަށް ވަޑައިގެންނެވި ރައީސް ނަޝީދު ވަނީ ވަރަށް ގިނަ ބަދަލުތައް ގެންނަވައިފަ އެވެ. ވެރިކަމުގެ ކުރު މުއްދަތުގައި ނަމަވެސް އެމަނިކުފާން ވަނީ އުމުރުން ދުވަސްވީ މީހުންގެ އިނާޔަތާއި ބޭސްފަރުވާ ހިލޭކުރުމާއި ފޮތް ފަންސުރު ހިލޭކުރުމާއި ޓެކްސް ނެގުމާއި ގެސްޓް ހައުސް ވިޔަފާރިއާ މިހެން ގޮސް އެތައް ކަމެށް ކޮށްދެއްވައިފަ އެވެ. އެކަމަކު އެމަނިކުފާނަކަށް ވެސް ދެވަނަ ފުރުސަތެއް ނުދިނެވެ.

ދައުރުގެ ވަކި ހިސާބަކުން ވަޑައިގެންނެވި ޑރ. ވަހީދަށް 2013 ގައި ދިވެހިން ދިނީ ލަދުގަންނަވަރުގެ ނަތީޖާއެކެވެ.

އޭގެ ފަހުން 2013 ގައި ވަޑައިގެންނެވި ރައީސް ޔާމީން ވަނީ އުމްރާނީ ގޮތުން ގައުމު ބޮޑު ތަނުން ތަރައްގީ ކުރައްވައިފަ އެވެ. މާލެ އާއި ހުޅުމާލެއާ ދެމެދު ބްރިޖް އަޅައި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް ހަދައި ހުޅުމާލޭގައި 25 ބުރީގެ 16 ޓަވަރުގެ ސޯޝަލް ހައުސިން އިމާރާތްތައް ހަދައި އަދި އެއާޕޯޓުގައި އާ ރަންވޭއަކާ އެކު ބޮޑު މަޝްއޫއެއް ފެއްޓެވި އެވެ. އެކަމަކު މި ހުރިހާ ކަމަކާ އެކު ވެސް ރައީސް ޔާމީނަށް ދެވަނަ ދައުރެއް ނުދިނެވެ.

އާ ގާނޫނު އަސީސީގެ ދަށުން ދެ ދައުރު ފުރިހަމަ ކުރާ ފުރަތަމަ ވެރިއަކަށް ވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުންނެވީ ވަރަށް އުއްމީދުގަ އެވެ. މަޑުމައިތިރި މިޒާޖެއްގެ ރައީސް ސޯލިހުގެ ވެރިކަމުގައި ސިޔާސީ ވެރިން ޖަލަކަށް ނުލަ އެވެ. ފަސް އަހަރުގެ ދައުރުގައި ގައުމު އޮތީ ހިމޭންކޮށެވެ. މާލެ އާއި ވިލިނގިއްޔާ ދެމެދު ބްރިޖެއް އެޅުމުގެ މަސައްކަތް އެބަ ކުރިއަށްދެ އެވެ. ހިލޭ ޑިގްރީގެ ދަށުން 18،000 ކުދިންނަށް ކިޔަވައިދީފި އެވެ. އާރްޓީއެލްގެ ނިޒާމުން މުޅި ރާއްޖެ ގުޅާލަދީފި އެވެ. މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައިހެން ފެނާއި ނަރުދަމާ އަޅައިދީ ބަނދަރު ހަދައިދީފި އެވެ. އެތައް ރަށެއްގައި އާ އިންޖީނުގެ ގެ އަޅައިދީފި އެވެ. ޓީޗަރުންނާއި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އެތައް ތަނަކުން ބޮޑުކޮށްދީފި އެވެ. މި ހުރިހާ ކަމަކާ އެކު އެމަނިކުފާން ވެސް ހުންނެވީ ދެވަނަ ދައުރެއް ކާމިޔާބު ކުރެވޭ ވަރަށް ހިސާބު ޖައްސަވައިގެންނެވެ. އެކަމަކު ނަތީޖާ އައިރު އެމަނިކުފާނަށް ލިބިވަޑައިގެންނެވީ ދެވަނަ އެވެ. އެއްވަނަ އަށް ދިޔަ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒަށް ވުރެ ފަނަރަވަރަކަށް ހާހުގެ ތަފާތެއް ހުއްޓެވެ. އެންމެ ބޮޑު ސަބަބެއް ކަމަށް ބުނަނީ އެމްޑީޕީން ރައީސް ނަޝީދު ވަކިވެވަޑައިގެން ދަ ޑިމޮކްރެޓެސްގެ ނަމުގައި އުފެއްދި ޕާޓީން ކެންޑިޑޭޓެއް ނެރުމެވެ. އެހެން ނޫން ނަމަ ޑިމޮކްރެޓްސް އަށް ލިބުނު 15 ވަރަކަށް ހާހުގެ ވޯޓަކީ ޔަގީނުން ވެސް ރައީސް ސޯލިހަށް ޔަގީންވާނެ އަދަދެކެވެ. އެހެންވީ ނަމަ ފަހަރުގައި އެމަނިކުފާން އެއްބުރުން ވެސް އިންތިޚާބު ނެގުމުގެ ފުރުސަތު ބޮޑުވީހެވެ. އެކަމަކު ވޯޓު މަދުވި ސަބަބެއްގެ ގޮތުގައި އިންޑިއާ އަށް މާބޮޑަށް ބަރޯސާވެފައި އޮތް މައްސަލަ ވެސް ބައެއް މީހުން ނަގަ އެވެ.

މި ނަތީޖާތަކުން ބުނެދެނީ ކިތަންމެ ރަނގަޅަކަށް ވެރިކަންކޮށް، ކިތަންމެ ތަރައްގީއެއް ގެނެސްދިން ނަމަވެސް ދިވެހިން ބޭނުންވަނީ ހަމަ ބަދަލަކަށް ކަމެވެ. މިކަން އަދި ބޮޑަށް ޔަގީންވެގެން ދާނީ މި މަހު 30 ވަނަ ދުވަހު ބާއްވާ ދެވަނަ ބުރުގެ ނަތީޖާއިންނެވެ. ރައީސް ސޯލިހު އަދިވެސް ހުންނެވީ އިންތިޚާބު ކާމިޔާބު ކުރެއްވޭނެކަމުގެ އުއްމީދުގަ އެވެ. އެހެންވެއްޖެ ނަމަ އެމަނިކުފާނަށް ރެކޯޑެއް ހެއްދެވުނީ އެވެ.