މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ހަމަޖެއްސުމަށް ޕީޕީއެމް،ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވެސް މިރޭ ވައުދުވެވަޑައިގެންފި އެވެ.

އދ. މަހިބަދޫގައި މިރޭ ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ނޫސްވެރިން ނުވަތަ މީޑިއާއަކީ ޑިމޮކްރަސީއެއް ވަރުގަދަ ކުރުމުގައި އެންމެ މުހިންމު އެއް ފަރާތް ކަމަށެވެ.

އޭނާ ވިދާޅުވީ ސަރުކާރެއް ޖަވާބުދާރީ ކުރުވުމުގައި ވެސް އެންމެ އިސްދައުރެއް އަދާކުރާ ބަޔަކީ ނޫސްވެރިން ކަމަށެވެ. އަދި މީޑިއާ އަކީ ޑިމޮކްރަސީގެ ހަތަރު ވަނަ ބާރު ކަމަށް ވިޔަސް މިއަދު ނޫސްވެރިކަން އޮތީ "އަޅުވެތި ކޮށްފައި" ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ނޫސްވެރިކަމުގެ ދާއިރާއަށް ވަންނަން ބޭނުންވާ މީހުންނަށް ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ވެސް އެންމެ ރަނގަޅަށް ފަހިވެފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ ދައުލަތުގެ ބަޖެޓުން ހުރިހާ ސިޔާސީ ޕާޓީތަކަށް ފައިސާ ދޭ އުސޫލުން، ގާނޫނަށް ބަދަލު ގެނެސްގެން ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއްގެ އެހީ ނޫސްވެރިކަމުގައި މަސައްކަތް ކުރާ އެކި ކަހަލަ މީޑިއާތަކަށް ފައިދާވާނެ ގޮތަށް ދޭން ހުށަހަޅާނަން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު މިފަދައިން ވައުދުވެފައިވާއިރު، މިއީ އެމްޑީޕީގެ ރިޔާސީ މެނިފެސްޓޯގައި ވެސް ހިމެނޭ ވައުދެކެވެ.