މި މަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހަދާނެ ބަޔަކާ މެދު ޖުމްހޫރީ ޕާޓީ( ޖޭޕީ) އިން ގޮތެއް ނިންމަން އެ ޕާޓީގެ ކައުންސިލް ބައްދަލުވުމެއް މިއަދު މެންދުރު ފަހު ބާއްވަން ނިންމައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޖޭޕީގެ ކެންޑިޑޭޓް ގާސިމަށް ލިބިވަޑައިގެންނެވީ އުމަރު ނަސީރަށް ވުރެ ފަހަތުން ފަސް ވަނަ އެވެ. ނަމަވެސް މި ސަރުކާރުން އަންނަނީ ގާސިމްގެ ތާއީދުގެ ހޯދުމަށް ބުރަ މަސައްކަތްތަކެއްކުރަމުންނެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ގިނަ އިސްވެރިން ސަން އައިލެންޑަށް ވަޑައިގެން މިދިޔަ ތިން ދުވަހު ވަނީ ގިނައިރު ތަކެއް ވަންދެން ގާސިމާ މަޝްވަރާކޮށްފަ އެވެ.

ޖޭޕީއާ އެކު ކޯލިޝަން ހެދުމަށް ޕީޕީއެމް-ޕީއެންސީ އާއި އެމްޑީޕީން ވެސް ވަނީ މަޝްވަރާ ކޮށްފަ އެވެ. މި މަޝްވަރާތަކަށް ފަހު، ދެ ވަނަ ބުރުގައި އަރާނެ ކޮޅެއް ނިންމަން، މިއަދު އޮންނަ އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގެ އެޖެންޑާގައި ވަނީ ހިމަނާފަ އެވެ.

ޖޭޕީން މިއަދު ބުނި ގޮތުގައި، އެ ބައްދަލުވުން އޮންނާނީ މިއަދު މެންދުރު ފަހު 1 ޖަހާއިރު، މ. ކުނޫޒުގައި ހުންނަ އެ ޕާޓީގެ މައި އޮފީހުގަ އެވެ.

މި މަހުގެ 9ގައި ބޭއްވި ރިޔާސީ އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް ވޯޓްގެ %50 ނުހޯއްދެވުނެވެ. އެހެންވެ، މި މަހުގެ 30ގައި ބާއްވާ ދެ ވަނަ ބުރުގައި ވާދަކުރައްވާނީ، ފުރަތަަ ބުރުގައި %46 ހޯއްދެވި އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ޑރ. މުހައްމަދު މުއިއްޒާއި %39 ލިބިވަޑާއިގެންނެވި އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.