މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ޖަވާން ފިލްމުގެ ތަރިން އެ ފިލްމު ކުޅުމަށްޓަކައި ބޮޑު އަގުތަކެއް ނެގި ކަމަށް މީޑިއާގައި ދަނީ އަޑު ފެތުރެމުންނެވެ.

މި އަޑުތަކުގެ ތެރެއިން އެ ފިލްމުގައި ހާއްސަ ފެނިލުމަކުން ފެނިގެންދިޔަ ދީޕިކާ ޕަދުކޯން މިވަނީ އެކަމާ ގުޅޭ ގޮތުން މީޑިއާއާ ވާހަކަ ދައްކާފަ އެވެ.

އެގޮތުން ދީޕިކާ ބުނީ ދައުރުވަމުން އަންނަ ވާހަކަތަކާ ޚިލާފަށް ޖަވާންގައި އޭނާގެ ފެނިލުމަށް ބައި ރުފިޔާއެއް ވެސް ނަގާފައި ނުވާނެ ކަމަށާއި އެކަން ކުރީ ޝާހްރުކް ޚާނަށް އޮންނަ ލޯތްބެއްގެ ބޮޑުކަމުން ކަމަށެވެ.

ދީޕިކާ މިހެން ބުނެފައިވަނީ ޖަވާންއަށް ލިބެމުން އަންނަ ބޮޑު ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން މުމްބާއީގައި ބޭއްވި ހަފްލާއެއްގެ ތެރެއިންނެވެ.

އެއާއެކު އޭނާއަކީ ޝާހްރުކް އެންމެ ގާތްކޮށް ހިތާ އެކުވެރިންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށާއި އެ ދެމީހުންގެ މެދުގައި އޮންނަނީ ވަރަށް ހާއްސަ ގުޅުމެއް ކަމަށް ވެސް ދީޕިކާ ބުންޏެވެ.

2007 ވަނަ އަހަރު ދީޕިކާ ބޮލީވުޑަށް ނުކުމެފައިވަނީ ޝާހްރުކް ޚާންއާއެކު ކުޅުނު "އޯމް ޝާންތި އޯމް" އިންނެވެ. އޭގެ ފަހުން އެ ދެތަރިން އެކުގައި ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި "ޗެންނާއީ އެކްސްޕްރެސް"، "ހެޕީ ނިއު އިޔާ" އަދި "ޕަތާން" ހިމެނެ އެވެ.