ރާއްޖެއަށް ޑްރަގް އެތެރެކުރާ ބައިނަލްއަގުވާމީ ނެޓްވޯކެއްގައި ހިމެނޭ ސްރީލަންކާގެ ދެ މީހަކު އިންޑިއާއިން ހައްޔަރުކޮށްފި އެވެ.

އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)ގެ ޑެޕިއުޓީ ޑިރެކްޓަރު ކޭޕީއެސް މަލޯތުރާ އާ ހަވާލާދީ "ހިންދުސްތާން ޓައިމްސް" ގައި ބުނެފައި ވަނީ ރާއްޖެއަށް ޑްރަގް އެތެރެކުރާ ކަމަށް ތުހުމަތުކުރެވޭ ސްރީލަންކާގެ އެމްއެމްއެމް ނަވާސް އާއި މުހައްމަދު އަފްނާސް ކިޔާ ދެ މީހުން ހައްޔަރުކުރީ ވަނަވަރު އޮޅުވާލައިގެން ޓަމިލް ނާޑޫގެ ޗެންނާއީގައި ދިރިއުޅެމުން ދަނިކޮށް ކަމަށެވެ.

މަލޯތުރާ ވިދާޅުވި ގޮތުގައި ނަވާސް އާއި އަފްނާސް އިންޑިއާއަށް ދިޔައީ ލަންކާއިން އެމީހުން ހޯދަން ފެށުމުން ފިލައިގެންނެވެ. އަދި ނަވާސް ހައްޔަރު ކުރަން ލަންކާއިން އިންޓަޕޯލް ރެޑް ނޯޓިސްއެއް ނެރެފައިވާ ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެ އެވެ.

މަލޯތުރާ ވިދާޅުވި ގޮތުގައި ނަވާސް އާއި އަފްނާސް ހައްޔަރު ކުރުމަށް ބޭނުންވާ މައުލޫމާތު އިންޑިއާއަށް ލިބުނީ މިދިޔަ ނޮވެމްބަރު މަހު އެގައުމުގެ ކަނޑުގެ ސަރަހައްދުން މަސްތުވާތަކެތި ބަރުކޮށްގެން ދަތުރު ކުރި ލަންކާގެ މަސްބޯޓެއް ހިފެހެއްޓި ފަހުންނެވެ.

"ޝެނާޔާ ދުވާ" ނަމަކަށް ކިޔާ ބޯޓު ޓުޓިކޮރިން ބަނދަރު ކައިރިން އަތުލައިގަތްއިރު 95.87 ކިލޯގެ ހެރޮއިން އާއި 18.32 ކިލޯގެ މެތެމްފެޓަމިން އާއި ފިސްތޯލަ އާއި ވަޒަން ވެސް ހުރިކަމަށް ވެ އެވެ. އެ ބޯޓުގައި ތިބި ހަ މީހަކު ވެސް އިންޑިއާ އިން ވަނީ ހައްޔަރުކޮށްފައިވެ އެވެ. އެއީ އަފްގާނިސްތާނާއި އީރާނާއި ޕާކިސްތާނާ ގުޅުން ހުރި މަސްތުވާތަކެތީގެ ނެޓްވޯކެއްގައި ހިމެނޭ މީހުން ކަމުގެ މައުލޫމާތު ލިބި، ނަވާސް އާއި އަފްނާސް އަކީ އެ ނެޓްވޯކުގައި މުހިއްމު ދައުރެއް އަދާ ކުރާ ބަޔެއްކަން އެނގުނެވެ.

"ނަވާސް އަދި އަފްނަސް އަކީ ޕާކިސްތާން އަދި އީރާންގެ އުޅަނދުތަކުން ޑްރަގު ގެނެސްދިނުމުން އެތަކެތި ނަގައި ހަވާލުވާ ދެ މީހުން. މި އުޅަނދު ދަތުރުކުރޭ ޕާކިސްތާން، އަފްޣާނިސްތާން، އީރާން، ސްރީލަންކާ، ދިވެހިރާއްޖެ، އަދި އޮސްޓްރޭލިއާއަށް ވެސް،" އޭނާ ވިދާޅުވި އެވެ.

މަލޯތުރާ ވިދާޅުވީ އެ ނެޓްވޯކުގެ ބައިވެރިން އެއް ބޯޓުން އަނެއް ބޯޓަށް މަސްތުވާތަކެތި އަރުވަނީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ނުވަތަ އެ ސަރަހައްދާ ވަރަށް ކައިރީގަ އެވެ. އަދި އެ ނެޓްވޯކުގައި ބޭރުގެ ގިނަ ބަޔަކު ބައިވެރިވާ ކަމަށާއި އެންސީބީ އާއި އިންޑިއާގެ އެހެން އިދާރާތަކަށް ލިބިފައިވާ މައުލޫމާތުން ދޭހަވާ ގޮތުގައި އެ ވިޔަފާރި ކޮންޓްރޯލް ކުރަނީ ލަންކާގެ ޖަލުތަކުގައި ތިބި ޕާކިސްތާނުގެ ޑްރެގް ޓްރެފިކް ކުރާ ބައެއް ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.

މަލޯތުރާ ވިދާޅުވި ގޮތުގައި އެ ނެޓްވޯކްގެ މަސްތުވާތަކެތި ބަންދުކޮށް، އެހެން ގައުމުތަކަށް ފޮނުވަނީ ދުނިޔެއިން އެންމެ ގިނަ އަދަދަކަށް އޮޕިއަމް އުފައްދާ "ގޯލްޑެން ކްރެސެންޓް" ސަރަހައްދުގައި ހިމެނޭ އަފްޣާނިސްތާން، ޕާކިސްތާން އަދި އީރާނުގެ މީހުންނެވެ. އަދި އެ ސަރަހައްދުގެ މަސްތުވާތަކެތި އާއްމު ގޮތެއްގައި އަރުވަނީ އީރާނާއި ޕާކިސްތާނުން ފުރާ މަސްބޯޓުތަކަށް ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ. އަދި އޭގެ ފަހުން ކަނޑުމަތީގައި ރާއްޖެ އާއި ލަންކާގެ ބޯޓުތަކަށް އެ މަސްތުވަތާކެތި އަރުވާ ކަމަށް ވެސް މަލޯތުރާއާ ހަވާލާދީ އެ ނޫހުގައި ބުނެފައިވެ އެވެ.

"އެ ސަރަހައްދުގެ ހެރޮއިން ލަންކާ އާއި ރާއްޖޭގެ ބޯޓުތަކަށް ފޯރުކޮށްދިނުމަށް އާއްމު ގޮތެއްގައި އަރުވަނީ އީރާނާއި ޕާކިސްތާނުގެ ބަނދަރުތަކުން ފުރާ މަސްބޯޓުތަކަށް،" މަލޯތުރާ ވިދާޅުވި އެވެ.

މީގެ އިތުރުން އިންޑިއާއިން އަފްގާނިސްތާނާއި ޕާކިސްތާނާ ހިއްސާ ކުރާ އެއްގަމު ބޯޑަރުގައި ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރި ފަހުން ކަނޑުމަގުން އިންޑިއާއަށް ހެރޮއިން އެތެރެ ކުރާ މިންވަރު އިތުރުވެފައިވާ ކަމަށްވެސް މަލޯތުރާ ވިދާޅުވި އެވެ.