ތުރުކީ އިން ޔޫރަޕިއަން ޔޫނިއަންގެ މެންބަޝިޕް ހޯދަން ކުރަމުން ގެންދާ މަސައްކަތް ހުއްޓައިލައި އީޔޫއާ ދުރަށް ޖެހެން ޖެހިދާނެ ކަމުގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވިދާޅު ވެއްޖެއެވެ.

ޔޫއެންގެ 78 ވަނަ ޖެނެރަލް އެސެމްބްލީގައި ބައިވެރިވެ ވަޑައިގެންނެވުމަށް އެމެރިކާ އަށް ފުރާވަޑައިގެންނެވުމުގެ ކުރިން ރިޕޯޓަރުންނާ ބައްދަލުކުރައްވައި އުރުދުޣާން ވިދާޅުވީ ޔޫރަޕިއަން ޔޫނިއަނުން ތުރުކީއާ ގުޅުން ބާއްވަން ބޭނުން ނުވާ ކަމުގައި އެވެ.

ޔޫރަޕިއަން ޕާލަމެންޓުން ތުރުކީއާ ބެހޭ ގޮތުން ނެރުނު ރިޕޯޓާ ބެހޭ ގޮތުން ސުވާލު ދެންނެވުމުން އުރުދުޣާން ވިދާޅުވީ އެ ރިޕޯޓު މުތާލިއާ ކުރެއެވުމަށް ފަހު ތުރުކީން އަމިއްލަ ނިންމުންތަކެއް ނިންމާނެ ކަމުގަ އެވެ.

އުރުދުޣާން އީޔޫއާ ބެހޭ ގޮތުން މިގޮތަށް ވާހަކަފުޅު މިދެއްކެވީ އެ ގައުމު އީޔޫގައި ބައިވެރިވުމަށް ހުށަހަޅައިފައިވާ ހުށަހެޅުން އަވަހަށް ތަންފީޒު ކުރުމަށް ތުރުކީގެ ޚާރިޖީ ވަޒީރު އީޔޫ އަށް ގޮވައިލެއްވިތާ ހަފުތާ އެއްހާ ދުވަސް ފަހުންނެވެ.

ޔޫރަޕިއަން ޕާލަމެންޓުން ތުރުކީއާ ބެހޭ ގޮތުން ނެރެފައިވާ ރިޕޯޓުގައިވާ ގޮތުގައި ތުރުކީގެ މިހާރުގެ ހާލަތަށް ބަލާ އިރު އެގައުމު އަވަސް މުއްދަތެއްގެ ތެރޭގައި އީޔޫ އަށް ވެއްދުމަކީ ފަސޭހަކަމަކަށް ނުވާނެ އެވެ. އެ ރިޕޯޓުގައި ވަނީ ތުރުކީ އިޔޫގައި ބައިވެރި ކުރުމާ ބެހޭ ގޮތުން އާ ފްރޭމްވޯކެއް އެކުލަވައިލާން ޖެހޭނެ ކަމުގަ އެވެ.

ތުރުކީގެ ފޮރިން މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި އީޔޫގެ ބަޔާނަކީ އެއްވެސް އަސާސެއް ނެތް ތުހުމަތު ތަކެކެވެ. އޭނާ ވިދާޅުވީ ޔޫރަޕިއަން ޕާލަމެންޓުން ރިޕޯޓު ތައްޔާރުކޮށްފައި ވަނީ އެއްވެސް މައުލޫމާތެއް ހޯދުމަކާ ނުލައި ވަކިފަރތާތަކަށް ބުރަވެ އޮވެގެން ކަމުގަ އެވެ.

ތުރުކީ އީޔޫ އަށް ވެއްދުމާ ބެހޭ ގޮތުން ވާހަކަ ދެކެވެމުން އަންނަނީ 2005 ވަނަ އަހރުން ފެށިގެންނެވެ. އެހެން ނަމަވެސް މި ވަގުތު އެ ވާހަކަތައް އޮތީ ހުއްޓިފަ އެވެ.