ރާއްޖޭގައި ތިބި ބޭރު ސިފައިން ބޭލުމަށްޓަކައި މިމަހު ބާއްވާ ރިޔާސީ އިންތިހާބުގައި އޭނާއަށް ލިބޭ ވޯޓުގެ އަދަދު ގިނަ ވެއްޖެނަމަ ސިފައިން ރާއްޖެއިން ބޭލުމަށް ފަސޭހަ ވެގެންދާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޑރ. މުއިއްޒު މިހެން ވިދާޅުވީ މިހާރު ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ނ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެއަތޮޅު ލަންދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޑރ. މުއިއްޒު ވިދާޅުވީ މި ވަގުތު އެންމެ މުހިންމީ ރާއްޖޭގެ މިނިވަންކަން ކަށަވަރުކޮށްދިނުން ކަމަށެވެ. އޭނާގެ ވެރިކަމެއްގައި ހާއްސަ އިސްކަމެއް ދެއްވައިގެން އެންމެ ފުރަތަމަ ވެސް ކުރައްވާނެ ކަމަކީ އެއީ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ މިނިވަންކަން ޔަގީން ކުރާނީ ޑިޕްލޮމަސީގެ ރީތި އުސޫލުތަކުގެ ތެރެއިންކަން ފާހަގަ ކުރައްވަމުން ޑރ. މުއިއްޒު ވިދާޅުވީ މިމަސައްކަތުގައި ރައްޔިތުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އެއީ މި މަހު 30 ގައި އޮންނަ އިންތިހާބުގައި އޭނާއަށް ބޮޑު ޕަސެންޓޭޖަކުން އިންތިހާބު ކާމިޔާބުކޮށްދިނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ލަންދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި މުއިއްޒު ވާހަކަފުޅު ދައްކަވަނީ.. ފޮޓޯ:ޕީޕީއެމް

"ގާނޫނު އޮންނަ ގޮތުން %50 އާއި އެއް ވޯޓުން ވެސް އިންތިހާބު ކާމިޔާބުވޭ. އެހެން ނަމަވެސް، ޕަސެންޓޭޖް މަތިކޮށް، ގިނަ ރައްޔިތުންގެ ޕަސަންޓޭޖާ އެކު، މިސާލަކަށް %60އާ ހަމައަށް ދަނީ، އެ ހިސާބުން ކާމިޔާބުވެއްޖެއްޔާ މި ދެންނެވި ކަންތައް ކުރުމުގައި އަޅުގަނޑުމެން ގޮސް، އަޅުގަނޑުމެންގެ ގައުމުގައި ބޭރު ސިފައިން ތިބި ބޭފުޅުންގެ ކައިރީ ދެންނެވޭނެ، ބައްލަވާށޭ މިހާ ގިނަ އަދަދެއްގެ ރައްޔިތުން އެބަ އެދެއޭ ބޭރު ސިފައިން ބާލަން. ތަފާތެއް އަންނާނެ ނޫންތޯ އޭގެ، ތަފާތެއް އަންނާނެ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މިޖަލްސާގައި އިތުރަށް މުއިއްޒު ވިދާޅުވީ ރައީސް ސޯލިހުވެސް ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް އެއްބަސްވެފައިވާ ކަމަށެވެ. އެއްވެސް ބޭރުގެ ސިފައިން ތިބެގެން ނުވާނެ ކަމަށާއި އެކަމަށް މަޝްވަރާ ކުރުމެއް ނެތް ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ކަމަށް ހެކިވޭ އެންމެން ވެސް. ހުދު ރައީސުލްޖުމްހޫރިއްޔާ ވެސް [ރިޔާސީ] ބަހުސްގައި ވިދާޅުވި ނޫންތޯ ސިފައިން އެބަ ތިއްބޭ. އެކަމަކު ތިބީ ބަޑި ހިފައިގެން ރައްޔިތުންނާ ދިމާލަށް އަމާޒުކޮށްގެން ނުނޭ، އެކަމަކު އެބަ ތިއްބޭ، މިލިޓަރީ ބޭނުމަކު ނޫނޭ ތިބީ،" އޭނާ ވިދާޅުވި އެވެ.