ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އޭނާގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާގެ ޝަރީއަތް ސިއްރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި އެ މައްސަލަތަކުގެ ޝަރީއަތް ތާވަލުކުރީ މެންދުރުފަހު 1:30 އަށެވެ.

އެ ކޯޓުން ބުނީ އަޑުއެހުންތައް ކުރިއަށް ދާނީ މީޑިއާ އާއި މީހުންނަށް ނުވަދެވޭ ގޮތަށް ސިއްރު އަޑުއެހުންތަކެއްގެ ގޮތުގައި ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސް އޮފީހަށް ހުށަހެޅި ޝަކުވާތަކަކާ ގުޅިގެން އަލީ ވަހީދު މަގާމުން ވަކިކުރީ މިިދިޔަ ޖުލައި މަހުގެ ނުވަވަނަ ދުވަހު އެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް:

  • ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ
  • ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ
  • ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ
  • ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ
  • ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ

އެ މައްސަލައިގެ ތަހުގީގަށް އަލީ ވަހީދުގެ ފޯނާއި ލެޕްޓޮޕަކާއި ޕާސްޕޯޓު ވެސް ފުލުހުން ހިފެހެއްޓި އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަލީ ވަހީދު މީގެ ކުރިން ވިދާޅުވެފައި ވަނީ އިންސާފުވެރިކަމާ އެކު އެ މައްސަލަ ތަހުގީގުކޮށްފިނަމަ އޭނާގެ ކުށެއް ނެތްކަން ހާމަވެގެންދާނެ ކަމަށެވެ.