ސިވިލް ކޯޓު ހިންގުން ވަގުތީ ގޮތުން އެ ކޯޓުގެ ގާޒީ ފަރުހާދު ރަޝީދާއި ހަވާލުކުރައްވައިފި އެވެ.

ޖޭއެސްސީން ބުނީ ސިވިލް ކޯޓުގެ އިސް ގާޒީގެ ޒިންމާ ވަގުތީ ގޮތުން އިއްޔެ އިން ފެށިގެން ފަރުހާދުއާ ހަވާލުކޮށްފައިވާ ކަމަށެވެ.

ފަރުހާދަކީ ސިވިލް ކޯޓުގައި މި ވަގުތު ހުންނެވި އެންމެ ދުވަސްވީ ގާޒީ ކަމަށާއި އޭނާ އެ ކޯޓުގައި މަސައްކަތް ކުރައްވާތާ 19 އަހަރު ވެއްޖެ ކަމަށް ޖޭއެސްސީން ބުނެ އެވެ.

ސިވިލް ކޯޓު ހިންގުން ފަރުހާދުއާ ހަވާލުކޮށްފައި މިވަނީ އެ ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވި ގއ. މާމެންދޫ, ފެހިގެ، އަހްމަދު ނިމާލް (36 އ) އަންގާރަ ދުވަހުގެ ރޭ ކުއްލި ގޮތަކަށް އަވަހާރަވުމާ ގުޅިގެންނެވެ.

ސިވިލް ކޯޓުގެ ފަނޑިޔާރުކަމަށް ނިމާލު އައްޔަނުކޮށްފައި ވަނީ މާޗު 2022 ގަ އެވެ. އަދި, އެ ކޯޓުގެ އިސް ފަނޑިޔާރު ކަމުގެ މަސްއޫލިއްޔަތުތައް އޭނާއާ ހަވާލުކޮށްފައި ވަނީ އޮގަސްޓު 22, 2022 ގައެވެ.

ނިމާލް އަވަހާރަވީ ހާޓް އެޓޭކެއް ޖެހިގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމަށް އެނގިފައިވެ އެވެ. ނިމާލް އަވަހާރަވިއިރު، އަންބަކާއި ކުޑަ ދަރިފުޅަކު ހުރެ އެވެ.