އިޒްރޭލާއެކު ސުލްހައިގެ އެއްބަސްވުމެއް ނުހެދުމަށް އީރާނުން ސައޫދީއަށް ގޮވާލައިފި އެވެ.

އީރާނުގެ ރައީސް މިގޮތަށް ގޮވާލެއްވީ ސައޫދީ އާއި އިޒްރޭލާ ދެމެދު ގުޅުން ގާއިމުކުރުމުގެ އެއްބަސްވުމަކާ ހަމަޔަށް އަންނަން ކައިރިވެފައިވާ ކަމަށް އެ ދެގައުމުގެ ވެރިން ވިދާޅުވެފައިވަނިކޮށެވެ.

ސައޫދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވެފައި ވަނީ އިޒްރޭލާއެކު ސުލްހަވުމަށް ކޮންމެ ދުވަހަކު ވެސް އަންނަނީ އެއްބަސްވުމަކާ ކައިރިވަމުން ކަމަށެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއެކު ވައިޓު ހައުސްގައި ވާހަކަ ދައްކަވަމުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައި ވަނީ ސައޫދީ އާއި އިޒްރޭލް ގުޅުމުގެ އެއްބަސްވުމުގައި އެމެރިކާގެ އެހީތެރިކަމާއެކު ސޮއިކުރެވުން ވަރަށް ގާތް ކަމަށެވެ.

ސައޫދީ އިޒްރޭލް ގުޅުމާ ބެހޭ ވާހަކަ ދެކެވެމުން ދަނިކޮށް އދ. ގެ ޖެނެރަލް އެސެމްބްލީގައި ތަގުރީރު ކުރެއްވުމަށް ވަޑައިގެންނެވި އީރާނުގެ ރައީސް އިބްރާހިމް ރައީސީ ސްކައި ނިވްސްއަށް ވިދާޅުވީ އެފަދަ އެއްބަސްވުމެއް ވެގެންދާނީ ފަލަސްތީނު މީހުންގެ ބުރަކަށްޓަށް ފަހަތުން ވަޅިހެރުން ފަދަ ކަމަކަށް ކަމަށެވެ.

މެދު އިރުމަތީގެ ޑިޕްލޮމެޓިކް ގުޅުންތައް މި ދުވަސްވަރު އަންނަނީ ރަނގަޅުވަމުން ނެވެ. ޗައިނާގެ އިސް ނެގުމާއެކު އީރާނާއި ސައޫދީ ދާދި ފަހުން ވަނީ ސުލްހަ ގާއިމުކޮށް ގުޅުން ބަދަހިކުރަން ފަށައިފަ އެވެ.

އީރާނުގެ ރައީސް ވިދާޅުވީ އެ ގުޅުން އިތުރު ހަރުފަތަކަށް ދިއުމަކީ އޭނާގެ އުންމީދު ކަމަށެވެ. އެކަމަކު ސައޫދީ އާއި އިޒްރޭލާ ދެމެދު ވެވޭ އެއްބަސްވުމަކުން އެ ގުޅުމަށް ބުރޫއެރުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ރައިސީ ވިދާޅުވި އެވެ.