ރަށުން ބޭރުގައި މަސައްކަތްކުރާ ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް 7000ރ. ގެ އެލަވަންސެއް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ނިންމަވައިފި އެވެ.

މި އެލަވެންސަކީ މީގެ ކުރިން ވެސް ދެމުން އައި އެލެވެންސެކެވެ. މިގޮތުން ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް އޭރު 9،000 ރުފިޔާގެ އެލަވެންސެއް ލިބެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މޭ މަހު ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެނައި ބަދަލާއެކު ސަރުކާރުން ވަނީ އެ އެލަވެންސް ކަނޑާލައިފަ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި މާލޭގައި ހުންނަ އެމްޑީޕީ ހުވަދޫ ޖަގަހައިގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ރާއްޖޭގެ ތައުލީމީ ހާލަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ހިލޭ ޑިގްރީ އާއި ސްކޮލަޝިޕްތަކާއި ރަށްރަށުގެ ސްކޫލްތަކުގެ އުމްރާނީ ތަރައްގީ އާއި ރަނގަޅު ޓީޗަރުންނާއި ޕްރިންސިޕަލުން ހޯދުމަށްޓަކައި ވަރަށް ގިނަ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ފަސް އަހަރުގެ ތެރޭގައި އެކިކަންކޮޅުތަކުގައި 1،200 އަށް ވުރެ ގިނަ ކްލާސް ރޫމް އަޅައި 80 އަށް ވުރެ ގިނަ މަލްޓިޕާޕަސް ހޯލް އަޅައި ވަނީ ނިންމައިފަ އެވެ. އަދި ޕްރިންސިޕަލުން ތަމްރީންކޮށްގެން އެކި ރަށްރަށަށް ގެންނަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އޭގެ ތެރެއިން ބައެއް ޕްރިންސިޕަލުންނަށް ދިމާވާ އެއް ކަމަކީ އަމިއްލަ ރަށް ދޫކޮށް އެހެން ރަށެއްގައި ދިރިއުޅެން ޖެހުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެހެންވެ، ގެދޮރު ކުއްޔަށް ހިފަން ޖެހި، އެކަމަށް ބޮޑު ހަރަދެއްދާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެކަމަށް ހައްލެއް ހޯދައި ދިނުމަށް މިހާރު ވަނީ ނިންމާފައި. އެގޮތުން އަމިއްލަ ރަށް ނޫން ރަށުގައި މަސައްކަތް ކުރާ ޕްރިންސިޕަލުންނަށް އެލަވަންސެއްގެ ގޮތުގައި 7،000ރ. ދިނުމަށް ވަނީ ނިންމާފައި،" ރައީސް ވިދާޅުވި އެވެ.