މި މަހުގެ 30 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިލިމާލޭގައި މިއަދު ކެމްޕެއިން ކުރައްވައިފި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕެއިންގައި ވެސް ރައީސް ސޯލިހް ވަނީ ވިލިމާލެ އަށް ވަޑައިގެން އެ ރަށުގައި ކެމްޕެއިން ކުރައްވައިފަ އެވެ. މިއީ ދެވަނަ ބުރުގެ ކެމްޕެއިންގައި އެމަނިކުފާނު ވިލިމާލެ އަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ދެވަނަ ބުރުގެ އިންތިހާބާ ދިމާކޮށް ރައީސް ބޮޑަށް ކެމްޕެއިން ކުރައްވަމުން ގެންދަވަނީ މާލެ ސިޓީގަ އެވެ.

އެގޮތުން މިއަދު ހަވީރު ރައީސް ސޯލިހް ވިލިމާލެ އަށް ވަޑައިގެންނެވީ ރައްޔިތުން ދަތުރު ކުރަމުން އަންނަ އެމްޓީސީސީގެ ފެރީއެއްގަ އެވެ. ރައީސް ވަނީ ވިލިމާލޭގެ ބައެއް ގޭގެއަށް ޒިޔާރަތް ކުރައްވައި ރައްޔިތުން ޝަކުވާތައް އަޑު އައްސަވައިފަ އެވެ. އަދި ރައްޔިތުންގެ ޝަކުވާތަކަށް ހައްލެއް ގެނެސް ދެއްވާނެ ކަމުގެ ޔަގީން ވަނީ ދެއްވައިފަ އެވެ.

އެމްޑީޕީގެ ކެމްޕެއިން ޓީމުން ބުނާ ގޮތުގައި ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނަށް ބޮޑު ތަރުހީބަކާއި ތާއީދެއް އެ އަވަށުން ލިބިފައިވެ އެވެ.

ރައީސް ސޯލިހް އިއްޔެ ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވީ ދެވަނަ ބުރުގެ އިންތިހާބާ ކުރިމަތިލާ އިރު، ސިޔާސީ ބައެއް ޕާޓީތަކުގެ ތާއީދު ލިބެމުންދާތީ މިއީ އިންތިހާބު ކާމިޔާބު ކުރުމަށް ލިބޭ އިތުރު ފަސޭހަ ކަމެއް ކަމަށެވެ. އެގޮތުން ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި ޑިމޮކްރެޓްސްގެ ތާއީދު ލިބެމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ސޯލިހްގެ އިތުރުން ވާދަކުރައްވާނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ. މި ދެ ބޭފުޅުންގެ ތެރެއިން މުއިއްޒު ފުރަތަމަ ބުރުގައި ދިޔައީ އެއް ވަނައަށެވެ. ދެވަނަ އަށް ދިޔައީ ރައީސް ސޯލިހެވެ. މުއިއްޒަށް ލިބިވަޑައިގަތީ 101،635 ވޯޓެވެ. ރައީސް ސޯލިހަށް 86،161 ވޯޓެވެ.