ޗައިނާ އިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ ތިންވަނަ އަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާ އިން 133,962 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ.

އެއާއެކު ޗައިނާ މާކެޓާއި މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ ރަޝިއާ އާއި ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ އިންޑިއާއާ ދެމެދު އޮތް ފަރަގު ވަނީ ވަރަށް ބޮޑަށް ކުޑަވެފަ އެވެ.

އެގޮތުން މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ރަޝިއާ އިން 152،967 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، އެ ގައުމާއި ޗައިނާއާ ދެމެދު އޮތް ފަރަގު ވަނީ 1.5 ޕަސެންޓް ކުޑަވެފަ އެވެ. އަދި އެ މުއްދަތުގައި އިންޑިއާ އިން 144،041 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، އެ ގައުމާއި ޗައިނާއާ ދެމެދު އޮތް ފަރަގު ވަނީ 0.8 ޕަސެންޓަށް ކުޑަވެފަ އެވެ.

ރާއްޖެ އަންނަ ޗައިނާ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާ އިރު، މި އަހަރު އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓަކަށް ޗައިނާވުމުގެ ފުރުސަތު ބޮޑެވެ.

ރާއްޖެ އަށް މި އަހަރުގެ މިހާތަނަށް ވަނީ ޖުމްލަ 1,312,088 ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ.

މިހާރު ރާއްޖޭގައި 1،264 ޓޫރިސްޓް ފެސިލިޓީއެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 172 ރިސޯޓާއި 916 ގެސްޓްހައުސް އާއި 162 ސަފާރީ އުޅަނދާއި 14 ހޮޓާ ހިމެނެ އެވެ. މި ތަންތަނުގައި ފަތުރުވެރިންނަށް ހިދުމަތް ދޭން ހުރި އެނދުގެ އަދަދަކީ 62،284 އެވެ.